ހިޔާ ފްލެޓްތަކަށް ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ހިޔާ ފްލެޓްތަކަށް ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޑަބްލިއުއެސްސީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7000 ހައުސިންގ ޔުނިޓަށް ނަރުދަމާ ނިޒާމްގެ
ކަނެކްޝަން އެޅުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފިއެވެ.

މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި
އެ މަޝްރޫއު ފަށްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން އަހުމަދު މައުސޫމް އަދި މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 16 ޓަވަރެއް ތަރައްގީކޮށްފައިވާއިރު އެތަންތަނަަށް 580 ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެ ޓަވަރުތަަކަށް 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކަކާއި، 283 މޭން ހޯލް އާއި ދެ ޕަންޕިންގް ސްޓޭޝަން ގާއިމް ކުރާނެ ކަމަށެވެ.

އެ މަސައްކަތްތައް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލްކޮށްފައިވާ ކަމަށާއި މަސައްކަތް ނިމުމުން 7000 ޔުނިޓުގެ އެޕާޓްމަންޓްތަކަށް ނަރުދަމާގެ ހިދުމަތް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ހިޔާ މަޝްރޫއަށް 434 މިލިއަން ޑޮލަރު (6.6 ބިިލިއަން ރުފިޔާ) ހަރަދު ކުރާއިރު އެ މަޝްރޫއުގެ ދަށުން ފްލެޓްތަކުގެ މަސައްކަތް ކުރަނީ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 16 ބުރީގެ 25 ޓަވަރު އަޅާފައިވެއެވެ.

comment ކޮމެންޓް