ކުރިއަށް އޮތް ހަފްތާގައި ހުކުރު މިސްކިތް ހުޅުވާލަން މަސައްކަތް ކުރަނީ

މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ބަންދުކުރުމަށްފަހު، އަންނަ ހަފްތާގައި މިސްކިތް އަލުން ހުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

މަރާމަތުކޮށް އާބާތުރަ ފިލުވުމަށް ހުކުރު މިސްކިތް ބަންދު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭރު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ހުކުރު މިސްކިތުގެ އާބާތުރަ ފިލުމުގެ މަސައްކަތަށް ދެ އަހަރު ނަގާނެ ކަމަށެވެ.

"މާލޭ ހުކުރު މިސްކިތް ކުރިއަށް އޮތް ހަފްތާގައި އަލުން ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރަމުން،" މިނިސްޓްރީން މިއަދު ބުންޏެވެ.

ކޮވިޑާ ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މަޑުޖެހިގެން ދިޔައެވެ. އެހެންވެ މަސައްކަތްތައް އަލުން ފަށައިގަނެވެން ދެން މިސްކިތް ހުޅުވަން ނިންމާފައިވާ ކަމަށް މިދިޔަ މޭ މަހު މިނިސްޓަރު ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މިސްކިތް އަލުން ހުޅުވާލަނީ އާބާތުރަ ފިލުވުމާއި މަރާމާތުގެ މަސައްކަތް ކޮވިޑާ ގުޅިގެން ލަސްވެގެން ދާތީ، ހާލަތު ހަމަޔަކަށް އެޅި، މަސައްކަތް އަލުން ފަށައިގަނެވުމާ ހަމައަށް، މިވަގުތަށް މުހިންމު މަރާމާތާ އާބާތުރަ ފިލުވުމުގެ މަސައްކަތަށްފަހު ކަމަށެވެ.

ކުއްލިގޮތަކަށް މިދިޔަ އަހަރު ހުކުރު މިސްކިތް ބަންދު ކުރީ ވަރަށް ގަދައަށް ކަތުރުފަނި އަޅައި މިސްކިތުގެ ބައެއް ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަންކަން ރަނގަޅު ނުކޮށް މިސްކިތް ބޭނުން ކުރުން ރައްކާތެރި ނުވާނެތީ ކަމަށް ބުނެ އެވެ.

ހުކުރު މިސްކިތް މަރަމާތުކުރުމަށާއި އެތަނުގެ އާބާތުރަ ފިލުވުމަށް އިންޑިއާއިން އެހީތެރިވުމަށް ވަނީ ނިންމާފަ އެވެ. މިކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ.

comment ކޮމެންޓް