އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސްއަށް ފަސް މިލިއަން ޑޮލަރުގެ މުހާބަރާ ފައިނޭންސިން ފެސިލިޓީއެއް ދީފިއެވެ.
އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ)ގެ މެންބަރެކެވެ.
އައިޓީއެފްސީއިން ދިން ފައިނޭންޝަލް ފެސިލިޓީ އަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރުން މުދާ ގެނައުމަށް އެހީވުމަށް ދިން ފައިނޭންޝަލް ފެސިލިޓީއެކެވެ.
އައިޓިއެފްސީ އިން ދަނީ އެކި ގައުމުތަކުގެ ޕްރައިވެޓް ސެކްޓާ ވިޔަފާރިތަކަށް އެހީވުމަށް ބޭންކުތައް މެދުވެރިކޮށް ފެއިނޭންޝަލް ފެސިލިޓީ ދޫކުރަމުންނެވެ. ބީއެލްއެމް އަކީ ރާއްޖެއިން އައިޓީއެފްސީ އާއެކު މަސައްކަތްކުރާ ފުރަތަމަ ބޭންކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި މި ހާލަތުގައިވެސް ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ބެންކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މި އެހީތެރިކަން އިތުރަށް ފުޅާކުރުމަށް އައިޓީއެފްސީ އާއެކު މަސައްކަތް ކުރުމަކީ އުފަލެއް. އައިޓިއެފްސީ އިން ދިން ފަސް މިލިއަން ޑޮލަރުގެ ފެސިލިޓީ އަކީ ލޯކަލް ބިޒްނަސްތަކަށް ކުރިއަށް ދިޔުމަށް އެހީއަކަށް ވާނެ،" ޓިމް ވިދާޅުވިއެވެ.
އައިޓީއެފްސީގެ ސީއީއޯ ހާނީ ސަލީމް ސޮންބޮލް ވިދާޅުވީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްއާއެކު މަސައްކަތް ކުރުމަކީ އުފަލެއް ކަމަށެވެ. އައިޓީއެފްސީ އިން މަސައްކަތްކުރަނީ ބެންކުތަކާއެކު މަސައްކަތްކޮށްގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިޓީއެފްސީ އިން ދިން އެހީއަކީ އައިޑީބީ މެންބަރު ގައުމުތަކަށް ކޮވިޑު 19 ގެ ހާލަތުން އަރައިގަތުމަށް އެހީވުމަަށް ތައާރަފުކޮށްފައިވާ ފެސިލިޓީގެ ދަށުން ދިން އެހީއެކެވެ.
އެގޮތުން ބޭހާއި ސްޓޭޕްލްސް އަދ ދަނޑުވެރިކަމަށް ބޭނުންކުރާ ފާޓިލައިޒާ ގެ ވިޔަފާރި ކުރާ އެސްއެމްއީތަކަށް އަމާޒުކޮށްގެން އެ އިދާރާ އިން ވަނީ ސެެނެގާލް، ބަންގްލަދޭޝް، މިސްރު އަދި ރާއްޖޭގެ އިތުރުން ކިރްގިޒްސްތާނަށްވެސް އެހީވެފައެވެ.