ސެމޭޑޯ ވެސް ބާސެލޯނާ ދޫކޮށްލަން ނިންމައިފި

ބާސެލޯނާގެ ފުލްބެކް ނެލްސަން ސަމޭޑޯ --- ފޮޓޯ//ލައިވްސްކޯ

ބާސެލޯނާގެ ފަހަތަށް ކުޅެމުން އަންނަ ޕޯޗުގަލް ޑިފެންޑަރު ނެލްސަން ސެމޭޑޯ އެކުލަބު ދޫކޮށްލަން ބޭނުންވާކަން އިއުލާން ކޮށްފި އެވެ.

ނިމިގެންދިޔަ ސީޒަނުގައި ކުރިމަތިވި ބޮޑު ނާކާމީޔާބީއާ އެކު މުޅި ކުލަބަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލަން ޖެހޭނެ ކަން އެކުލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓެމިއު ވަނީ ހާމަކޮށްފަ އެވެ. އެއާ އެކު ކުލަބުގެ ކޯޗަކަށް ހުރި ކީކޭ ސެޓިއެން މަގާމުން ވަކިކޮށް ނެދަލެންޑުގެ ރޮނާލްޑް ކޫމަން ކޯޗަކަށް ގެނައި އިރު މިދިޔަ ސީޒަނުގައި ގަވާއިދުން ޖާގަ ހޯދަމުން އައި ބައެއް ކުޅުންތެރިން ވެސް ވަނީ ކުލަބު ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި އީވާން ރަކިޓިޗް އާއި އާތުރޯ ވިޑާލް އާތުރް މެލޯ ވެސް ޓީމު ދޫކޮށްލައިފައިވާ އިރު، ޒުވާން މިޑްފީލްޑަރު ރިކީ ޕުޖް އެހެން ކުލަބެއް ހޯދަން ވަނީ އަންގައިފަ އެވެ.

އަދި އެހެންމެ ވޭތުވެ ދިޔަ ދެ ތިން ސީޒަނުގައި ބާސެލޯނާގެ ވިންގަކަށް ކުޅެމުން ދިޔަ ސެމޭޑޯ ވެސް ކުލަބު ދޫކޮށްލާފައިވާކަން އޭނާ ކުރި އިންސްޓަގުރާމް ޕޯސްޓެއްގައި ބުނެފައިވާ އިރު، އޭނާ ބަދަލުވުން އެންމެ ގާތީ އިނގިރޭސި ވިލާތުގެ ޕްރިމިއާ ލީގަށް ކުޅެމުން އަންނަ ވޮލްވާހަމްޓޮންއަށް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. ޕޯޗުގަލްގެ ގިނަ ކުޅުންތެރިންތަކެއް މިހާރު ވެސް ކުޅެމުން އަންނަ ވުލްވްސް އިން ސެމޭޑޯއަށް ފާރަލާތާ ދުވަސްތަކެއް ވެފައިވާ އިރު، ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން އޭނާ ކުޅުނީ ޕޯޗުގަލްގެ ބެންފީކާއަށެވެ.

"އަހަރެންގެ މި ހުވަފެން ހަގީގަތަކަށް ހަދައިދިނީތީ ބާސެލޯނާއަށް ޝުކުރު އަދާ ކުރަން. ކޭމްޕް ނޫގައި ކުޅުމާއި، ދުނިޔޭގެ އެންމެ މޮޅު ކުލަބުގައި ހޭދަކުރެވުނު ވަގުތުތަކަކީ ހަނދާނުން ފިލައިގެން ނުދާނެ ވަގުތުތަކެއް،" ސެމޭޑޯ ކުރި އިންސްޓްގުރާމް ޕޯސްޓުގައި އޭނާ ބުނެފައިވެ އެވެ.

ސެމޭޑޯ ބުނީ، ކުޅުންތެރިއެއްގެ ގޮތުގައި މިއަދު ހުރި ހިސާބަށް އޭނާ ގެނެސްދިނުމަށް ބާސެލޯނާއިން ކޮށްދިން މަސައްކަތަށް ޝުކުރުއަދާ ކުރާ ކަމަށާއި މިދިޔަ ތިން އަހަރަކީ އޭނާ ހަޔާތުގައި ވެސް އެންމެ އުފާވެރި ތިން އަހަރު ކަމަށެވެ.

ސެމޭޑޯ،26، ބާސެލޯނާގައި ތިން ސީޒަން ހޭދަ ކުރި އިރު އޭނާ ވަނީ އެކުލަބާ އެކު ދެ ސްޕެނިޝް ލީގާއި، ކޮޕަޑެލްރޭއެއްގެ އިތުރުން ސުޕަ ކޮޕާ އެސްޕަނާ ތަށްޓެއް ކުލަބާ އެކު ހޯދައިފަ އެވެ.

comment ކޮމެންޓް