ނައިރޯބީ (ސެޕްޓެމްބަރު 23): ކެންޔާގައި މިހާރު އޮތް ޕާލިމެންޓުގައި އަންހެން މެމްބަރުންގެ އަދަދު މަދުވުމުން އެ ޕާލިމެންޓު އުވާލަން އެގައުމުގެ އުއްތަމަ ފަނޑިޔާރު ޑޭވިޑް މަރާގާ ރައީސް އުހުރޫ ކެންޔަށްޓާއަށް ލަފާ އަރުވައިފި އެވެ.
ކެންޔާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގައި ވޯޓުން ހޮވާ ނުވަތަ ސަރުކާރުން އައްޔަން ކުރާ މަގާމުތަކުގައި ތިބޭ އެއް ޖިންސެއްގެ މީހުންގެ އަދަދު ތިންބައިކުޅަ ދެބަޔަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ. ނަމަވެސް އެގައުމުގައި މިހާރު އޮތް ޕާލިމެންޓުގެ ތިރިގޭގައި 349 މެމްބަރުން ތިއްބަވާ އިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ 76 (22 ޕަސެންޓު) އަންހެން މެމްބަރުންނެވެ. އަދި ސެނެޓުން އަންހެނުންނަށް ލިބިފައި ވަނީ 31 ޕަސެންޓު ގޮނޑި އެވެ.
ރައީސް ކެންޔައްޓާއަށް ފަނޑިޔާރު މަރާގާ ފޮނުއްވި ލަފާގައިވާ ގޮތުން ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ މިދަނޑިވަޅުގައި ޕާލިމެންޓު އުވާލުމަކީ ގޮންޖެހުންތައް ކުރިމަތިވާނެ ކަމެކެވެ. ނަމަވެސް އެއީ "ކެންޔާގެ ރައްޔިތުން މުހިއްމު ކަމަށް ދެކޭ ގާނޫނެއް ތަންފީޒު ކުރުމަށް ޕާލިމެންޓަށް ނުކުޅެދިފައިވާތީ، ގައުމުގެ ރައްޔިތުން މިހާރު ބޭނުންވާ" ގޮތެވެ.
ކެންޔާގެ ޕާލިމެންޓުގެ ތިރިގޭގެ ރައީސް ޖަސްޓިން މުތުރީ ވިދާޅުވި ގޮތުގައި އެ ލަފަޔަކީ ގާނޫނާ ހިލާފަށް ދެއްވާފައިވާ ލަފަޔެކެވެ. އަދި އެ މައްސަލަ ހައި ކޯޓަށް ގެންދިޔުމާ ބެހޭ ގޮތުން ލަފާ ހޯދަން ޕާލިމެންޓަރީ ސާވިސް ކޮމިޝަނުން ނިންމާފައިވާކަން އޭނާ ހާމަ ކުރެއްވި އެވެ.
ކެންޔާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ޕާލިމެންޓު އުވާލައިފި ނަމަ އާ މެމްބަރުން ހޮވުމަށް 90 ދުވަސް ތެރޭ ވޯޓު ނަގަން ވާނެ އެވެ. އެގައުމުގައި އެންމެ ފަހުން ޕާލިމެންޓު އިންތިހާބު ބޭއްވީ 2017ގަ އެވެ. އަދި ދެން އެފަދަ ވޯޓެއް ނަގަން ހަމަޖެހިފައި ވަނީ 2022ގަ އެވެ.