ނައިޓަށް ދެވޭ އިސްލާހާއި އެމްސީއާ ނުލައި 15 ދުވަހު ސަލާމް ބުނެވޭ އިސްލާހު ތަސްދީގުކޮށްފި

ޑިސެމްބަރު 15، 2019 ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރިޒޯޓު މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހަދައި އަދި އެމްސީއާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ފާސްކުރީ މި މަހުގެ ހަވަނަ ދުވަހު ބޭއްވިި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

ރިޒޯޓު މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހަދަން އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.

މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމާއި އޭނާ ގަޑިއަށް ވަޒީފާއަށް އައުމަށް ވަޒީފާދޭ ފަރާތުން ހުރަސް އަޅައިގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.

އޭގެ އިތުރުން ވަޒީފާއަދާ ކުރާ ފަރާތުން ވަޒީފާ އަދާކުރާ ގަޑި ނިމުމުން އެތަނުން ދިއުމަށާއި ގަޑިއަށް ވަޒީފާއަށް ދިއުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ގިނަވެގެން 30 ދުވަސް ބޭނުން ކުރެވިދާނެ އެވެ. އަދި އެމްސީއެއް ހުށަހެޅުމުން ނޫނީ އެމުވައްޒަފަކަށް ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމެއް ނޫނެވެ.

ނަމަވެސް މަޖިލީހުން ވަނީ އެ މާއްދާ އިސްލާހުކޮށްފަ އެވެ. ބިލުގައި މިހާރު ބުނެފައި ވަނީ މުވައްޒަފަކު ހިދުމަތް ކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭންވާނެ ކަަމަށެވެ.

އަދި އެމާއްދާގެ (ށ)ގައި ބުނެފައި ވަނީ ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެން ނުވާ ކަމަށެވެ.

ނަމަވެސް އެމާއްދާގެ (ނ)ގައި ބުނެފައި ވަނީ އެ މާއްދާގެ (ށ)ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށް ވުރެ ދިގު ނުވާނެ ގޮތުގެ މަތިން މެޑިކަލް ސެޓްފިކެޓާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު ވަޒީފާ އަދާކުރާ ފަރާތަށް ލިބިގެންވާ ކަމަށެވެ.

މަޖިލީހުން ފާސްކުރި ބިލުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ހަވާލުކުރުމަށް ލާޒިމުކޮށްފައިވެއެވެ.

އަދި، ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާ ހަމައަށް އެއްބަސްވުމުގެ ކޮޕީ ހަވާލުނުކޮށް ހުރި ފަރާތްތަކުން ވެސް، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ކޮޕީ ވަޒީފާ އަދާކުރާ ފަރާތާއި ހަވާލުކޮށް ނިންމުމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ހައްގު ވެސް މުވައްޒަފުންނަށް ލިބިދީފައިވެ އެވެ.

މީގެ އިތުރުން، އެ އިސްލާހުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، 10 ޕަސެންޓަށް ވުރެ މަދުނޫން އަދަދަކުން "ސާވިސް ޗާޖް" ނެގުމަށް ލާޒިމުކުރުމާއި، ސާވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދޭނެ ގޮތްތައް ބަޔާންކުރާ މާއްދާތައް ހިމަނާފައިވެ އެވެ.

އެ އިސްލާހުގައި، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައެޅުމަށް ބަޔާންކޮށްފައިވެ އެވެ. އަދި، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާއި ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށް ޓަކައި "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމާއި، ބޯޑުގެ މަސްއޫލިއްޔަތުތައް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން މި އިސްލާހުގައި، ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާއަދާކުރުމަށް ގެނެވޭނެ އަދަދު ކަނޑައެޅުމާއި ދިވެހިން ތަމްރީނުކުރުމަށާއި ވަޒީފާ ދިނުމުގައި އިސްކަންދިނުމާއި މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ މިންގަނޑާ ބެހޭ މާއްދާތައް ވެސް ހިމަނާފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާ އެކު، އެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

އިސްލާހުގެ 12 ވަނަ މާއްދާ ފިޔަވާ އެހެން ހުރިހާ މާއްދާއަކަށް އެ އިސްލާހު މިއަދު ތަސްދީގު ކުރުމާއެކު އަމަލުކުރަން ފަށާނެ އެވެ.

comment ކޮމެންޓް