ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބަލަމުންދާ ޑިސިޕިލިނަރީ މައްސަލައަކާ ގުޅިގެން އެ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރު އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެސޯސިއޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްވެސް ތަނަކަށް ވަނުމާއި، ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލާގައި އެސޯސިއޭޝަނާ ދެކޮޅަށް އެ އަލިބެގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލަ ވައްދައިފަ އެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، މައްސަލައިގެ އިޖުރާއީ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާ އިރު އަލިބެ ވަނީ އިންތިހާބު ފަސްކޮށްދިނުމަށް އެދި ވަގުތީ އަމުރަކަށް ވެސް އޭރު އެދިފަ އެވެ.
ނަމަވެސް ޓީޓީ އެސޯސިއޭޝަނުން ބާއްވާ އިންތިހާބު ފަސްކުރުން، ނުވަތަ ބޭއްވުން މަނާ ކުރެވޭނެ ހާލަތެއް ނެތް ކަމަށް ބުނެ ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެއާ އެކު ކުރިން ވެސް ތާވަލުކޮށްފައި އޮތް އިންތިހާބު ކުރިއަށް ދިޔަ އިރު، ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުރިއަށް ދިޔަ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި 15 ކުލަބަކާއި 272 މެންބަރުން ވޯޓުލާފައިވާ އިރު، ޣިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމާ ވާދަކޮށް އަލީ ރަޝީދު (އައްޔަ) ރައީސްގެ މަގާމު ދިފާއު ކުރީ 155 ވޯޓު ހޯދައިގެންނެވެ.
ޓީޓީގެ އައު އެކްސްކޯގެ މަސައްކަތްތައް ފަށައިގެންފައިވާ އިރު ކުރީގެ އެކްސްކޯގައި ހިމެނުނު ތާޅަފިލި އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަކަން އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެރެޓަރީ އިސްމާއިލް ޝުޖާއު ވަނީ "ސަން" އަށް ކަށަވަރު ކޮށްދީފަ އެވެ.
ޝުޖާއު ވިދާޅުވީ، ހިންގާ ކޮމިޓީން މިހާރު ބަލަމުންދާ މައްސަލައަކާ ގުޅިގެން ތާޅަފިލި އަލިބެއަށް އެ އެސޯސިއޭޝަނުގެ ބެލުމުގެ ދަށުގައިވާ އިމާރާތެއް ނުވަތަ ހޯލެއް ވެސް ބޭނުން ކުރުމާއި، އެތަންތަނަށް ވަދެ ނުކުތުން ވަގުތީ ގޮތުން މަނާކޮށްފައިވާނެ ކަމަށެވެ.
"ވަރަށް ގިނަ މެމްބަރުންގެ ތާއީދާ އެކު ހޮވާފައި އޮތް އެކްސްކޯއެއް މިއީ. އަލިބެގެ މައްސަލައެއް ބަލަމުން އަންނާތީ ވަގުތީ ގޮތުން އެސޯސިއޭޝަންގެ އިމާރާތްތަކަށާއި، އެއީ ހޯލެއް ކަމުގައި ވިޔަސް ބޭނުން ކުރުން މަނާ ކޮށްފައި އޮތީ. އެއީ ކޮން މައްސަލައެއްކަން އަދި ބަލަމުން އަންނާތީ މީޑިއާއަކަށް ވެސް އަލިބެއަކަށް ވެސް ހާމައެއް ނުކުރޭ. އެހިސާބަށް ދިޔައިމަ އަލިބެއަށް ވެސް އަންގާނެ." ޝުޖާއު ވިދާޅުވި އެވެ.
އަލިބެ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހަށް ތާވަލު ކޮށްފައިވީ ނަމަވެސް، އިންތިޚާބު ނިމިފައިވުމުން އެ މައްސަލައިގެ މުއާލާތް މިހާރު ކެނޑިފައިވާ ކަމަށް ކޯޓުގައި ވިދާޅުވެ އަލިބެ ވަނީ މިމަހުގެ 16 ވަނަ ދުވަހު އަމިއްލަފުޅަށް އެމައްސަލަ އަނބުރާ ކޯޓުން ނަންގަވައިފަ އެވެ.