ވިންދޭ ތިއީ... 10

ވިންދޭ ތިއީ ...

"ދެން ކިހިނެއް ހަދާނީ؟... ކީއްކުރަންތަ އެމީހުންނަށް ހުރިހާ މައުލޫމާތެއް ދިނީ؟... މިހާރު ނޭނގެ ބޮނޑިއެއް ނުދޭ ކަމެއްވެސް... އައިވަންއަށް ކަމެއް ވެއްޖެއްޔާ، ފާރޫޤުބެއަށް އަހަރެން ދައްކާނީ ކޮން މޫނެއް... އަޅެ ނޫމާން!... ކީއްވެތަ ކުރިން އަހަންނަށް ހަޤީޤަތް ކިޔައިނުދިނީ..." ނިތްކުރިމަތީގައި އަތުން ފިރުމައިލަމުން ނުހާ ބުންޏެވެ.

********

"އަހަންނަށް ކިހިނެއްތަ އެނގޭނީ... މިގަޑީ ދެން ތިކަހަލަ އެއްޗެހި ނުކިޔަބަލަ... އަހަރެން ވެސް ވަރަށް ހާސްވެފައޭ މިހުރީ..." ނޫމާން އޭނަގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލި އެވެ.

ނުހާ ދޫކޮށްލީ ފުން ނޭވާ އެކެވެ. ޝަހާދަތް އިނގިލީގެ ނިޔަފަތިގަނޑުގައި ދަތްއަޅާލައިގެން އޭނަ ހުރިއިރު، ވިސްނަމުން ދިޔައީ، ދެން ހަދާނެ ގޮތަކާއި މެދުގަ އެވެ.

"މިއޮއް ގުޅަނީ..." ފޯނުގެ އިސްކުރީނަށް އަރާފައިވާ އައިވަންގެ ނަން ދައްކައިލަމުން ނޫމާން ބުންޏެވެ.

"ހަލޯ... ކީއްވެތަ ފޯނު ނުނަގަނީ؟... ކޮންތާކު ތި ހުރީ؟..." ފޯނު ނެގިގޮތަށް ނޫމާން ހާސްވެފައި އަހައިލި އެވެ.

"ކާރުގަ މީނީ... ކިހިނެއްވީ؟..." އައިވަން ވެސް ކޮށްލީ ސުވާލެކެވެ.

"ކޮބާ އެ އަންހެން ކުއްޖާ؟... އެބައިންތަ؟..." ނޫމާން ކުރިއަށްވުރެ ހާސްވެފައި އަހައިލި އެވެ.

"ކަލޭ އަދިވެސް އޭނަގެ ވާހަކަ ދޯ އަހަނީ... އަހަރެންގެ ވާހަކަ ވެސް އަހާބަލަ..." އައިވަން ޖަހައިލީ ލުއި ހިނިގަނޑެކެވެ. އޭނަ ވާހަކަ ދެއްކިގޮތުން، އަނަމް އެތަނުގައި ނެތްކަން ނޫމާނަށް އެނގުނެވެ.

"މިހާރު ހަމަ މިގަޑީ އޭނަ ކައިރިއަށް ދޭ... ހުރިތާކުން ގޮވައިގެން ކޮންމެސް އެހެން ތަނަކަށް ދޭ... އަވަސްކުރޭ..." ނޫމާން އަމުރު ކުރި އެވެ.

"އޭ... ކަލޭ ކޮން ސަކަރާތެއް ޖަހާކަށް... އަަހަރެން މިއުޅެނީ މޮޔަވެގެނެއް ނޫނޭ..." އައިވަންއަށް ނެގުނީ ގޯސް މާނަ އެކެވެ.

"ހެޔޮނުވާނެ މިގަޑީ އޭނަ ކައިރިއަށް ދޭބަލަ... އަހަންނަށް ހީވަނީ، ހީވަނީއެއް ނޫން... ހަމަ ޔަޤީން ނުބައެއް އުޅޭކަން... އަވަސްކޮށްބަލަ... އިހަށް ދޭބަލަ..." ނޫމާން ތަންކޮޅެއް ބާރަށް ބުންޏެވެ.

އައިވަން އެއްޗެއް ބުނަން އުޅެފައި ވެސް ނޫމާން ފޯނު ކަނޑާލުމުން ހުއްޓައިލި އެވެ. ފޯނުގެ އިސްކުރީނަށް ބަލަހައްޓައިގެން އޭނަ އިރުކޮޅަކު އިނެވެ.

ފޯނު ޖީބަށް ލާފައި، ޑްރައިވަރުގެ ކައިރީގައި އެނބުރި އައިކޮޅަށް ދިޔުމަށް އެދުނުއިރު، އައިވަންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔަ އެވެ. ނޫމާންގެ އަޑުން އެކަނި ވެސް ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އޭނައަށް ޔަޤީން ވިއެވެ. އޭނަ ހީކުރީ އަނަމްއަށް ކަމެއް ވެގެން ހޮޓަލުން ނޫމާނަށް ގުޅީ ކަމަށެވެ.

********

ކުރިމަތީގައި ހުރި އުސް އިމާރާތަށް ނަޒަރު ހުއްޓާލައިގެން ހުރި ރާވިންގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އޭނަ ފޯނު ނަގައި އާދެވިފައި ހުރީ ރަނގަޅު މަންޒިލަށްތޯ ޔަޤީންކޮށްލި އެވެ.

"ކިންގްސް އިން..." ހޮޓަލުގެ ނަން ކިޔައިލި ރާވިން އަދިވެސް އެއްފަހަރު އިމާރާތުގެ ނަންބޯޑަށް ބަލައިލި އެވެ.

އެތެރެއަށް ވަނުމަށް ހިނގައިގަތް ނަމަވެސް ދޮރާއި ހަމައިން އޭނަގެ ފިޔަވަޅުތައް މަޑުޖެހިއްޖެ އެވެ. ފަހަތުގައި ހުރި މީހާ އޭނައަށް ފެނުނީ ދޮރުގެ ބިއްލޫރިގަނޑުންނެވެ. ފުސްކޮށް ފެނުނު ނަމަވެސް، އެއީ ފިރެހެނެއް ކަން އޭނައަށް ކަށަވަރު ވިއެވެ. ފަސްއެނބުރި ބަލައިލަން އުޅެފައި ވެސް އޭނަ އެކަން ނުކުރީ، އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ ކަމަށް ވިސްނުމުންނެވެ.

*********

"ދުއިސައްތަ ސޯޅަ..." ކޮޓަރި ދޮރުގައި ޖަހާފައިވާ ނަންބަރު ކިޔައިލި އަނަމް ހުރީ އެތެރެ ބަލައިލާ ހިތުން ކެތްމަދުވެފަ އެވެ.

އެތެރެއަށް ވަދެވުމާއިއެކު އަނަމްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ތަނުގެ ފުރިހަމަ ކަމާއިމެދު ހިތާއި ހިތުން ތައުރީފު ކުރަމުން ފަހަރަކު ތަނެއް ބަލަމުން ދިޔަ އެވެ. އެ ކޮޓަރިއެކޭ ކުޑަ ގެއެކޭ އެއްވެސް ތަފާތެއް ނެތެވެ. ތަނަވަސް ކޮޓަރީގެ ބޮޑު ބައި ޚާއްސަކޮށްފައި ވަނީ، އަރާމު އަދި އެހާމެ ހިތްފަސޭހައިގައި އުޅެލެވޭނޭ ގޮތަށެވެ. ސޯފާ އާއި ޓީވީގެ އިތުރުން، ކުޑަ ކާމޭޒެއް ބަހައްޓާފައިވާއިރު، ކާމޭޒާއި ދިމާއިން ބޭރަށް ނުކުމެވޭނެހެން ހަދާފައިވާ ބިއްލޫރި ދޮރެއް ހުއްޓެވެ. އެ ދޮރު ކަހައިލުމުން، ފުރަތަމަ ފެންނަނީ ބޮޑު ސްވިމިންގް ޕޫލެވެ. ފޫލުގެ އަނެއް ފަރާތުގައި ހައްދާފައިވާ ބަގީޗާ ގަސްތަކުގައި މާތައް ފަރިވެ ފޮޅިފައިވާއިރު، ދުވަމުންދިޔަ މީރު ވަހުން، މުޅި ތަން އެއްވަސް ކުރުވާފައި ވިއެވެ.

އަނަމް ދެން ގޮސް ވަނީ ނިދުމަށް ޚާއްސަ ކުރެވިފައިވާ ބަޔަށެވެ. އެބައި ސިޓިންގްރޫމް އެކޭ އެއްވަރަށް ބޮޑު ނުވި ނަމަވެސް، އެނދަކާއި އަލަމާރިއެއްގެ އިތުރުން ޑްރެސިންގް ޓޭބަލް އެއް ބަހައްޓާފައި ވެސް ހުސްކޮށް އޮތް ޖާގަ ވަކި ކުޑައެއް ނޫނެވެ.

މަޑު އެނދުގެ މައްޗަށް ވެއްޓިގަތް އަނަމް އޭނާގެ ދެލޯ މަރައިލި އެވެ. އެގޮތަށް އޭނައަކަށް މާ ގިނައިރަކު ނޯވެވުނެވެ. ތެދުވެގެން ގޮސް، ފާޚާނާގެ ދޮރު ހުޅުވާލައިފި އެވެ.

އަނަމް ފެންވައިގެން ނުކުތީ، ބޮލުގެ އިސްތަށިގަނޑުން ފެން ހިއްކަމުންނެވެ. އޭނަ ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލި ވަގުތަކީ، ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލި ވަގުތެވެ. ދެވަނަ ސިކުންތުގައި ފޯނު ރިންގްވާން ފެށި އަޑު އިވުނެވެ. އަރާފައި އޮތީ، ނަސްމާގެ ނަންބަރެވެ. އަނަމް އަވަސް އަވަހަށް ޓީޝާޓަކާއި ޖީންސެއް ލައިގެން ގޮސް ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އެވެ.

"ނަސީބެއްނު ދަރިފުޅުގެ ނަންބަރު މެސެޖުކޮށްލާފަ އިންކަން..." ނަސްމާ ބުނި އަޑު އިވުނެވެ.

ނަސްމާ އާއި ވާހަކަ ދައްކަމުން، އަަނަމް ގޮސް ދޮރު ހުޅުވައިލި އެވެ.

********

ރާވިން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ކައުންޓަރުގެ ކައިރީގައި މަޑުކޮށްލި އެވެ. ލޮލުގެ ހިމަކޮޅުން އޭނަ އެކި ދިމަދިމާއަށް ބަލަމުން ދިޔައިރު، މުޅި މީހާ ދާހިއްލާ ފޯވާން ފަށައިފި އެވެ. ކައުންޓަރުން ދިއްކޮށްލި ތަޅުދަނޑި ހިފައިގެން އޭނަ ހިނގައިގަތީ، ކައުންޓަރުގައި އިން ދެކުދިންގެ ތެރެއިން ކުއްޖަކާއި ވެސް އެކުގަ އެވެ.

ކޮޓަރި ދައްކާފައި އެކުއްޖާ ދިޔުމުން، ރާވިން އަވަސް އަވަހަށް ދޮރު ހުޅުވާފައި އެތެރެއަށް ވަދެއްޖެ އެވެ. ކޮޓަރިއަށް ވަދެވުމުން ވެސް އޭނައަށް ހަމަޖެހުމެއް ނުލިބުނެވެ. ދެކޮޅަށް ހިނގަހިނގާފައި އޭނަ ގޮސް ސޯފާއަށް ވެއްޓިގަތެވެ. ޖެހިލުންވެފައި އިނދެ ނަމަވެސް، ފޯނު ހުޅުވާފައި ވައިފައި ޖައްސާލައިފި އެވެ. އެއާއިއެކު ފުލުފުލުގައި އަންނަން ފެށި މެސެޖުތަކުން އޭނަގެ ހިތުގައި ބިރުވެރިކަން އުފައްދައިފި އެވެ.

"ފައިންޑް ހާ..."

ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ މެސެޖުން ބައެއް ކިޔައިލާފައި އޭގެ މަތީގައި އިން ފޮޓޯއަށް ރާވިންގެ ނަޒަރު ހުއްޓައިލި އެވެ. އެއީ އަނަމްގެ ތަސްވީރެކެވެ. ހިނިތުންވެލައިގެން ހުރިއިރު، އަންނާރު އޮށްތަކެއްފަދަ ކުދިކުދި ދަތްތައް ފެންނަން ހުރުމުން މައުސޫމުވެފައި ލޯބި ގޮތެއް ހުއްޓެވެ.

********

ހަލުވި ފިޔަވަޅުތަކެއްގައި އައިސް ހޮޓަލުގެ ތެރެއަށް ވަންނަން އުޅުނު އައިވަން ލައިގަތީ، އެތެރެއަށް ވަންނަން އައި މީހެއްގެ ގައިގަ އެވެ. ހަމަ ޖެހުމާއިއެކު އެމީހަކު އޭނަ ދުރަށް ކޮއްޕާލައިފި އެވެ. ނުވެއްޓި ސަލާމަތްވިކަން އެއީ އޭނަގެ ނަސީބެވެ. ކައިރީގައި ހުރި މީހެއްގެ މޫނަށް އޭނަގެ ނަޒަރު ދަތުރުކޮށްލުމުގެ ކުރިން އިވުނީ އެމީހަކު ވާހަކަ ދެއްކި އަޑެވެ.

"ކިހާ ދެރަ ކަމެއް..." ޝުވޭބު ހުރީ ރުޅި އައިސް ފަޅައިގެން ދާން ކައިރި ވެފަ އެވެ.

އައިވަން ބަލައިލުމުން، ދެލޯ އަޅައިލާފައި އޭނަ ގޮސް ކައުންޓަރުގެ ކައިރީގައި ހުއްޓިއްޖެ އެވެ. އޭނަގެ ފަހަތުން ހަތަރު މީހަކު ކައުންޓަރުގެ ކައިރިއަށް ދިޔަ ތަން ފެނުމުން، ދެފަރާތަށް ބޯ ހޫރާލާފައި އެމީހުން ނިމެންދެން އޭނަ ދުރުގައި މަޑުކޮށްލައިގެން ހުރީ އެވެ. ކައުންޓަރުގެ ކައިރީގައި އަޑުގަދަ ކޮށްކޮށްފައި އެމީހުން ގޮސް ވަނީ ލިފްޓަށެވެ.

********

އަނަމް ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ، ޔުނީފޯމުގައި ހުރި އަންހެން ކުއްޖެކެވެ. އަނަމް ފެނުމުން، ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި، ތަބަކެެއް ދައްކާލައިފި އެވެ. އޭގައި ހުރީ އާފަލު ޖޫސް ތައްޓަކާއި އެކި ވައްތަރުގެ ލުއިކާނާ ތަކެކެވެ. ނަސްމާގެ ކައިރީގައި ފަހުން ގުޅާލާނެ ކަމަށް ބުނެ، އަނަމް އެ ފޯނު ކުރުކޮށްލީ އެވެ. އެއަށްފަހު، ދޮރުމަތީގައި ހުރި ކުއްޖާއަށް ކޮޓަރިއަށް ވަނުމަށް ތަން ދެއްކި އެވެ. އެކުއްޖާ އެތެރެއަށް ވަދެ، މޭޒުމަތީގައި ތަބައް ބެހެއްޓި އެވެ. އެއަށްފަހު ޝުކުރު އަދާކޮށްފައި ކޮޓަރިން ނުކުމެގެން ދިޔަ އެވެ.

އަނަމް އުޅުނީ ދޮރު ލައްޕާށެވެ. އޭގެ ކުރިން، ކޮންމެވެސް މީހަކު ދޮރުގައި ހިފަހައްޓައިފި އެވެ. ސިހުން ލިބުނު އަނަމްއަށް އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް އެމީހަކު އެތެރެއަށް ދެމިގަނެ ދޮރު ލައްޕައި ތަޅުލައިފި އެވެ. އެމީހާ ހުރީ، އަނގަ އާއި ނޭފަތް ނިވާވާނޭހެން މާސްކު އަޅައިގެންނެވެ. އަނަމް އުޅުނީ ހަޅޭއްލަވައިގަންނާށެވެ. އެމީހާ ހުށިޔާރެވެ. އޭނަގެ އަނގަމަތީގައި އަތް އަޅައި އަޑު ބޭރުވިޔަ ނުދީ، ހުއްޓުވައިފި އެވެ.

"އަހަންނޭ..."

ރާވިންގެ އަޑު ޖެހުމާއިއެކު އަނަމް ހިމޭން ވިއެވެ. އޭރުވެސް އެމޫނުމަތީގައިވި ސިހުން ފިލައި ނުދެ އެވެ. ރާވިން އޭނަ އަޅައިގެން ހުރި މާސްކު ނަގައި ޖީބަށް ލީ އިރުވެސް އަނަމް ހުރީ ދެލޯ ބޮޑުކޮށްގެން އޭނައަށް ބަލާށެވެ.

"ތީ ކޮން ކަމެއް؟..." ރާވިން އާއި ދުރަށް ޖެހިލި އަނަމް ހިތްހަމަނުޖެހިފައި ބުންޏެވެ.

"އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން... އެކަމަކު މިހާރަކު ނޫން..." ރާވިން ހާސްވެފައި ބުންޏެވެ.

"ތީ ވަރަށް ކަމުނުދާ ސިފައެއް... ރީތިކޮށް މިބުނަނީ، މިތަނުން ދޭ..." އަނަމް ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ. ރާވިންގެ އެ ޖެހިލުންކުޑަ އަމަލުން އޭނަގެ ތަބީއަތު މުޅީން ބަދަލުވެއްޖެ އެވެ.

"އަނަމް!... ލިސަން..." ރާވިންއަށް ބުނެވުނީ އެހިސާބަށެވެ.

އަނަމް ގޮސް ދޮރު ހުޅުވާފައި ބޭރަށް ނުކުމެއްޖެ އެވެ. އަނަމްގެ ފަހަތުން އޭނަ ވެސް ނުކުތެވެ. ރާވިން ސިހުނީ އޭނަގެ ގައިގައި ކޮންމެވެސް މީހަކު ހިފައިގަތުމުންނެވެ.

********

ނަސްމާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. އެނދުމަތީގައި ހުރި އެއްޗެހިތައް ފަތްޖަހާފައި ފޮށްޓަށް އަޅަމުން ދިޔައިރު، އޭނަގެ މޫނުމަތި ވަނީ މިލާފަ އެވެ. ލޯގަނޑުގެ ކައިރީގައި ޝާކިރު ހުރި ޝާކިރަށް ނަސްމާގެ ނުތަނަވަސްކަން ސިއްރެއް ނުވި އެވެ. ބޮލުގައި ފުނާ އަޅަން ހުރެފައި، އޭނަ ނަސްމާއަށް ބަލައިލީ ލޯގަނޑުންނެވެ.

"އަހަރެން މިދަނީ މާ ގިނަ ދުވަހަކަށް ނޫނޭ..." ޝާކިރު ވާހަކަ ދެއްކީ ފުނާ އަޅާ ނިންމާފައ ނަސްމާ އާއި ދިމާއަށް އެނބުރިލަމުންނެވެ.

"މިދުވަސްކޮޅު ކީއްކުރަންތަ ބޭންކޮކަށް ދަނީ؟... އިހަކަށް ދުވަހަކުއޭ ތިއައީ ގޮއްސަ..." ނަސްމާ ކުދި ކިޔަން ފެށި އެވެ.

"ނަސްމާ!... ވިޔަފާރިއަކީ ވަރަށް ފާޑެއްގެ އެއްޗެކޭ... ނަސްމާ ވެސް މިކަމުގެ ތެރެއަށް ވަދެލީމަ އެނގޭނީ..." ލުއި ހިނިގަނޑެއް ޖަހައިލަމުން ޝާކިރު ބުންޏެވެ.

ފުރަންޖެހޭ ގަޑި ޖެހިގެން ޝާކިރު ގެއިން ނުކުތުމުން، ނަސްމާއަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށި އެވެ. އޭނަ އުޅުނީ އަނަމްގެ ނަންބަރަށް ގުޅޭތޯ އެވެ. އެކަމަކު އެ ނަންބަރު އޮތީ ނިއްވާލާފަ އެވެ.

ޝާކިރު ބޭރަށް ނުކުތްއިރު، އޭނަގެ އިންތިޒާރުގައި ހުރީ ފާރޫޤެވެ. ދެމީހުން އެކުގައި ގޮސް ކާރަށް އެރުމުން ކާރު ނައްޓާލި އެވެ.

"އޮޅިގެންވެސް އަހަރެން މިދަނީ އިންޑިއާ އަށޭ ނަސްމާގެ ކައިރީ ނުބުނައްޗޭ..." ޝާކިރު ބުންޏެވެ.

ފާރޫޤު ހައިރާންވެފައި ޝާކިރުގެ މޫނަށް ބަލައިލި އެވެ. އޭރު ޝާކިރު އިނީ އޭނަގެ ފޯނު ނަގައިގެން ކޮންމެވެސް ކަމެއް ކުރާށެވެ.

********

ދެވަނަ ފްލޯއަށް ލިފްޓް ހުއްޓުމާއިއެކު، އައިވަން ނުކުތެވެ. އޭނަގެ ދެލޯ ހޯދައިލީ "ދުއިސައްތަ ސޯޅަ" ޖަހާފައިވާ ކޮޓަރި އެވެ. އެ ކޮޓަރި ފެނުމާއިއެކު، ލަސް ފިޔަވަޅުތަކެއްގައި ގޮސް ބެލް އަޅައިލި އެވެ. އެތައް އިރެއް ވީ އިރުވެސް އަނަމްގެ ޚަބަރެއް ނުވި އެވެ. އޭނަ އެންމެފަހުން ކަންބޮޑުވެގެން އަނަމްގެ ނަންބަރަށް ގުޅި އެވެ. ފޯނު އޮތީ ނިވާލާފަ އެވެ. އެނބުރި އައިކޮޅަށް ދާންވެގެން ހިނގައިގަތް ވަގުތު ފެނުނު މަންޒަރަކުން އޭނަގެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ.

(ނުނިމޭ)

comment ކޮމެންޓް