މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން އިތުރުކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލިއިރު އެ ކައުންސިލްގެ 13 މެމްބަރުންގެ މި ދައުރުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރުމަހަށް ހަމަވާނެއެވެ.
މީޑިއާ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިމަހުގެ ކުރީކޮޅުއެވެ. މަގާމުތަކަށް ކުރިމަތިލުމަށް މިއަދާ ހަމައަށް ފުރުސަތު ހުޅުވާލައިފައި އޮތް ނަމަވެސް އެކަށީގެންވާ ތަރުހީބު ނުލިބޭކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން އެ ފުރުސަތު މިހާރު ވަނީ އަންނަ ހޯމަ ދުވަހާ ހަމައަށް އިތުުރުކޮށްފައެވެ.
މިހާރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެންމެ މެމްބަރެއް ފިޔަވާ އެހެން ހުރިހާ މެމްބަރުންގެ ދައުރު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާނެއެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްއަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ މީޑިއާތަކުން ތަމްސީލްކުރާ ހަތް މެމްބަރުންނާއި އާންމުންގެ ފަރާތުން ހަ މެމްބަރުން އައްޔަނު ކުރުމަށެވެ.
ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވެ 18 އަހަރު ފުރި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީކުރުމުގެ އެއްވެސް ކުށެއް ސާބިތުވެފަިއ ނުވުމާއި ފާއިތުުވި އަހަރުތެރޭ ނޫސްމަޖައްލާއެއްގައި ލިޔެފައިވާ އެއްޗަކާ ގުޅިގެން އެއްވެސް ކުށެއް ސާބިތުވެފައިނުވުން ހިމެނެއެވެ.
މީޑިއާ ކައުންސިލްގެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28ގެ ކުރިން މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ފޯމާއާއި އެހެނިހެން ލިޔުންތައް ހޯމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރުމަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުރިން އެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުންވެސް އަލުން ފޯމާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އެއްކޮށްލުމަށް ހަދަން ޖެހޭ ގާނޫނު ހެދުމަށްޓަކައި އޭޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން އެކުލަވާލަން ޖެހޭ ބިލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ދިނުމަށް އެދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދާދި ފަހުން ވަނީ ފާސްކޮށްފައެވެ.
މީޑިއާތައް ރެގިއުލޭޓް ކުރުމަށް މީހާރު އޮންނަ ދެ މުއަސަސާއަކީ، ބްރޯޑްކާސްޓިން ކޮމިޝަންއާއި މީޑިއާ ކައުންސިލެވެ. ނަމަވެސް ރާއްޖޭގެ މީޑިއާތައް ބެލެހެއްޓުމަށް ދެ މުއަސަސާ އޮންނަން ނުޖެހޭ ކަމަށާއި އޮންނަންޖެހޭނީ އިންތިޚާބީ އެއް މުއައްސަސާ ކަމަށް މޯލްޑްވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިދިޔަ އަހަރު ވަނީ ބުނެފައެވެ.