ހޯރަފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ހޯރަފުށި އެއާޕޯޓުގެ ފެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ އެމްޓީސީސީ

ހއ. ހޯރަފުށި އެއާޕޯޓުގެ ފެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިދިޔަ އޯގަސްޓު މަހުގެ 27 ވަނަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީ އާއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށި އެއާޕޯޓުގެ ފެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

އެއާޕޯޓުގެ ފެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 80 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިއީ 16،131،042.02 ރުފިޔާގެ މަޝްރޫއެއް ކަމަށެވެ. އަދި އެއީ 100 މީހުންގެ ޖާގައިގެ ޓާމިނަލް އެއް ކަމަށެވެ.

ހއ. ހޯރަފުށި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ އެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 842،200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އަދި 1،120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން ކޮށްފައިވެ އެވެ.

comment ކޮމެންޓް