ޕޮޒިޓިވްވާ އަދަދު ދަށްވަނީއޭ ބުނަން އަދި އަވަސް، ފަރުވާ ކުޑަކޮށް ނުލާތި: ޑރ. ޝަހީދު

ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑރ. އަހްމަދު ޝަހީދު

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް މިދުވަސްވަރު މަދުވަމުން ދިޔަނަމަވެސް ރާއްޖޭގައި އެބަލީގެ ހާލަތު ރަނގަޅުވާ ކަމަށް ނިންމަން އަދި އަވަސް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފިއެވެ.

ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމެއްގައި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، މިދިޔަ މަހާ އަޅާ ބަލާއިރު މި މަހުގެ ފުރަތަމަ ހަފްތާގައި ފުލޫ ކްލިނިކަށް ދައްކި މީހުންގެ ތެރެއިން ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށެވެ.

"ކޮންމެ ދުވަހަކަ ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ވަމުން ދަނީ. ދެން ކޮންމެ ހަފްތާ އަކު މި އެކުލަވާލާ ޖުމްލަ ސްކޯ މިހާރު ކޮންމެ ވެސް ވަރަކަށް އޮގަސްޓާއި އަޅާ ބަލައި ދަށަށް އައިސްފައި މި ވަނީ ހަޔަކާއި ހަތަކާއި ދޭތެރޭގައި މި ސްކޯ މި ވަނީ ކޮންމެވެސް ވަރަކަށް ސްޓޭބަލް ކުރެވިފައި. އެކަމަކު ވެސް އަދިވެސް މި އެޕިޑަމިކް މި ނަންބަރުތައް ދަށަށް އަންނަނީ އޭ ބުނަން ތަންކޮޅެއް އަވަސް،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މި ދިޔަ މަހުގެ ތެރޭގައެވެ. އެއާ އެކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ދެރަވާ ފަރާތްތަކަށް އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނަ އަދަދު ކަންބޮޑުވާ ވަރަކަށް މައްޗަށް ދިޔަ ކަމަށް ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ބެޑް އޮކިއުޕަންސީ 80 ޕަސެންޓަށް މައްޗަށް ދިއުމަށްފަހު މިހާރު އެ އަދަދު ވެސް ދަށް ވެފައިވާ ކަމަށެވެ.

"މިހާރު އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަދި ދުލެއް ދެވޭކަށެއް ނޯންނާނެ. އަދި ރައްޔިތުން ވެސް މި ފިޔަވަޅުތަކާއި ދޭތެރޭގައި އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްގެން ކަމަކު ނުދާނެ،"

ޕޮޒިޓިވްވާ މީހުންނާއި އެ މީހުންގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތް ވަނީ ވަރަށް ބޮޑަށް ގުޅިފައިކަން ފާހަގަކޮށް ޑޮކްޓަރު ވިދާޅުވީ، އެއްވެސް ކަލްސްޓާރ އަކާ ނުގުޅި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ތިން ހަފްތާ ތެރޭގައި އެއް ވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން 33 މީހުން މަރުވެފައިވާިއރު އެންމެ ގިނަ މީހުން އެއް ހަފްތާ ތެރޭގައި މަރުވެފައިވަނީ މިދިޔަ ހަފްތާގައިކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ. އެ ބަލީގައި މިދިޔަ ހަފްތާގައި ހަތަރު މީހަކު މަރުވި އެވެ.

comment ކޮމެންޓް