ސްޕެއިނުގެ ރެއާލް މެޑްރިޑްގެ ދެކުޅުންތެރިން ކަމަށްވާ ގެރެތު ބޭލްއާއި، ސާޖިއޯ ރެގީލޯންގެ ސޮއި ޓޮޓެންހަމް ހޮޓްސްޕާއިން ހޯދައިފި އެވެ.
ފަހަކަށް އައިސް ފުޓުބޯޅައިގެ ހަބަރުތަކުގެ ބޮޑު ސުރުހީގައި ބޭލްގެ ޓްރާންސްފާގެ ވާހަކަތައް އޮތް އިރު އިއްޔެއާ ހަމައަށް އޭނާ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެހެން ނަމަވެސް ލަންޑަނަށް އައިސް ޓޮޓެންހަމްގެ ސްޓޭޑިއަމަށް ކާރުގައި ބޭލް ވަންތައް މީޑިއާތަކަށް އެރި ހިސާބުން ބޭލް އެކުލަބަށް ހަ އަހަރަށް ފަހުން އެނބުރި ދިޔަކަން ވަނީ ކަށަވަރު ވެފައެވެ.
ކުރީ ސީޒަނުގައި ވެސް ޓީމު ދޫކޮށްލަން އަންގާފައިވާ ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ދާދި ފަހުން ބުނީ ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ޓޮޓެންހަމަށް ބަދަލުވުމުގެ މަޝްވަރާތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އޮތީ ބުނެފަ އެވެ. އަދި އެއާ އެކު ބޭލްގެ ސޮއި ހޯދައި ޓޮޓެންހަމް ކުޅުންތެރިއަކަށް އޭނާވެފައިވާ ކަން ރެއާލް މެޑްރިޑާއި، ޓޮޓެންހަމުން ވެސް މިރޭ ވަނީ އިއުލާން ކޮށްފަ އެވެ.
އެއް އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގައި ބޭލް ޓޮޓެންހަމަށް ބަދަލުވި އިރު، ދުނިޔޭގެ ރެކޯޑް އަގަކަށް 2013 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް ރެއާލަށް ބަދަލުވީ 100 މިލިއަން ޕައުންޑްގެ އަގަކަށެވެ. ފުރަތަމަ ދެތިން ސީޒަން ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދައި، ބޮޑެތި ކާމިޔާބީތަކެއް ވެސް އޭނާ ހޯދި އިރު، އަނިޔާތަކާއި ފޯމުގެ މައްސަލަތަކަށްފަހު ބޭލްގެ އަލިގަދަ ތަރި އޮއްސެން ފެށީ 2017 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.
މީގެ އިތުރުން މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ސެވިއްޔާގައި މޮޅު ކުޅުމެއް ދެއްކި ރެގީލޯން ވެސް ވަނީ މިރޭ ޓޮޓެންހަމަށް ސޮއިކޮށްފަ އެވެ. ޒުވާން ޑިފެންޑަރުގެ ސޮއި ޓޮޓެންހަމުން 35 މިލިއަން ޕައުންޑުގެ އަގަކަށް ހޯދި އިރު އޭނާ ކުރީ ސީޒަނުގައި ކުޅުނު ސެވިއްޔާއިން ވެސް ރެގީލޯން ހޯދުމަށް އައީ މަސައްކަތް ކުރަމުންނެވެ.
ކުރީ ސީޒަނުގައި ސެވިއްޔާއާ އެކު ޔޫރޮޕާ ލީގުގެ ތަށި އުފުލާލި ރެގީލޯން ފަހަކަށް އައިސް ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އެންމެ ފަހުން ނޭޝަންސް ލީގުގައި ސްޕެއިން ކުޅުނު މެޗުތަކުގެ ސްކޮޑުން ވެސް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވަނީ އޭނާއަށް ފުރުސަތު ދީފަ އެވެ.