އާޖެންޓީނާގެ ވޯލްކަޕް ކޮލިފައިންގް ސްކޮޑުގައި މެސީ ހިމަނައިފި

ޖޫން 22، 2018: ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: ވިހި އަހަރަށްފަހު ފުރަތަމަ ފަހަރަށް ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ގަދަ 16އަށް -- ފޮޓޯ/ އޭޕީ

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި އަންނަ މަހު ކުޅޭ ވޯލްޑްކަޕް ކޮލިފައިންގްގެ ދެ މެޗުގައި އާޖެންޓީނާއިން ވާދަކުރާ 30 ކުޅުންތެރިންގެ ސްކޮޑުގައި ކެޕްޓަން ލިއޮނެލް މެސީ ހިމެނިއްޖެ އެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުގެ ކޮލިފައިންގެ މެޗުތައް މިއަހަރުގެ މާޗް މަހުން ފެށިގެން ކެންސަލްވީ ކޮރޯނާ ވައިރަހުގެ ސަބަބުން ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެއާ އެކު ޔޫރޮޕާއި، އެހެން ބައެއް ހިސާބުތަކުގެ ކޮލިފައިންގް މެޗުތައް އަންނަ އޮކްޓޫބަރަށް ފަސްކުރަން ފީފާއިން ވަނީ ނިންމާފަ އެވެ. ވުމާއެކު ވޭތުވެ ދިޔަ ހަތްވަރަކަށް މަސް އެއްކޮށް ދުނިޔޭގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައި އޮތް އިރު، ޔޫރަޕުން ވަނީ މި މަހުގެ ކުރީކޮޅު ނޭޝަންްސް ލީގު ފަށައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ބައިނަލްއަގުވާމީ މެޗެއް ކުޅުމުގެ ފުރުސަތު ދެކުނު އެމެރިކާގެ ގިނަ ގައުމުތަކަށް ލިބިފައި ނުވާ އިރު، އާޖެންޓީނާއިން މިހާރު ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗަށް އެ ޓީމުގެ ކޯޗު ލިއޮނެލްސް ސްކެލޮނީ ނެގި ސްކޮޑު އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން މެސީއާއި ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑިބާލާގެ އިތުރުން އިންޓަމިލާނަށް ކުޅެމުން އަންނަ ލައޮޓަރޯ މާޓީނެޒް ސްކޮޑުގައި ހިމެނުނު އިރު، މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯއާއި ޕީއެސްޖީގެ އޭންހެލް ޑިމާރިއާ ހިމެނިފައެއް ނުވެ އެވެ.

އާޖެންޓީނާގެ ވޯލްޑްކަޕް ކޮލިފައިންގް ކެމްޕޭނުގެ ފުރަތަމަ މެޗުގައި އެކުއެޑޯއާ ދެކޮޅަށް ނުކުންނަ އިރު، އޭގެ ހަތަރު ދުވަސް ފަހުން ދެވަނަ މެޗުގައި ބައްދަލު ކުރާނީ ބޮލީވިއާއާ ދެކޮޅަށެވެ.

މީގެ އިތުރުން ދެކުނު އެމެރިގާގެ ޗެމްޕިއަން ބްރެޒިލުން ވެސް ވަނީ އަންނަ މަހު އެ ޓީމުން ކުޅޭ ދެމެޗަށް ސްކޮޑު އިއުލާން ކޮށްފަ އެވެ. ބޮލީވިއާއާއި ޕެރޫއާ ދެކޮޅަށް ބްރެޒިލް ކުޅޭ އެ ދެ މެޗަށް ނަގާފައިވާ 23 ކުޅުންތެރިންގެ ސްކޮޑުގައި ޕީއެސްޖީގެ ތަރި ނޭމާ އަދި ބާސެލޯނާގެ ފިލިޕޭ ކުޓީނިއޯ ހިމެނުނު އިރު ރެއާލް މެޑްރިޑްގެ ވިންގް މާސެލޯއަށް ފުރުސަތު ލިބިފައެއްނުވެ އެވެ.

comment ކޮމެންޓް