ކުރިއަށް އޮތް ދެ ހަފްތާވެސް މާލޭގައި ކިޔަވައިދޭނީ އޮންލައިންކޮށް

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ދެ ހަފްތާވެސް މާލޭގެ ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންތައް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެއާއެކު އަންނަ އާދިއްތައިން ފެށިގެން އަންނަ މަހުގެ އެކަކަށް ކިޔަވައިދޭނީ އޮންލައިންކޮށެވެ.

ކޮވިޑް ފެތުރޭތީ އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އޮންލައިންކޮށް ކިޔެވުން ކުރިއަށް ނިންމި ނަމަވެސް މިހާލަތުން ގްރޭޑް 11 އަދި 12 އިގެ ދަރިވަރުން އިސްތިސްނާ ވާނެއެވެ. އެއީ އެ ކުދިންގެ އޭލެވެލް އިމްތިހާނުތަކަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެ ގްރޭޑްތަކުގެ ދަރިވަރުން މިހާރުވެސް ސްކޫލަށް ގޮސް ކިޔަވަމުންދެއެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހުއެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔައެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓްވެސް ކުރަމުންނެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކްލާސްތައް މިފަހުން ވަނީ ކުރިއަށް ގެންދަން ފަށައިފައެވެ. ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތަކަށް ކިޔަވަން ދާ ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވިއެވެ.

comment ކޮމެންޓް