ހިޓްލަރާ ގުޅުން ހުރި މެސެޖުތަކެއް ކުރި ޖަރުމަނުގެ 29 ފުލުހަކު ސަސްޕެންޑުކޮށްފި

ނާޒީ ފިކުރުގެ މެސެޖުތަކެއް ކުރި ޖަރުމަނުގެ 29 ފުލުހަކު ވަނީ ސަސްޕެންޑުކޮށްފަ -- ފޮޓޯ: އީޕީއޭ

ބާލިން (ސެޕްޓެމްބަރު 17): ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެތައް ޖަރީމާތަކެއް ހިންގި އެޑޮލްފް ހިޓްލަރުގެ ފޮޓޯތަކާއި އޭނާގެ ނާޒީ ޕާޓީގެ ފިކުރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރި ޖަރުމަނުގެ 29 ފުލުސް އޮފިސަރަކު ސަސްޕެންޑުކޮށްފި އެވެ.

ޖަރުމަނުގެ ނޯތު ރައިން ވެސްޓްފާލެން (އެންއާރުޑަބްލިޔު) ސްޓޭޓުގެ ފުލުހުންތަކެއް ސަސްޕެންޑު ކުރީ ނާޒީ ފިކުރުގެ 100އަށް ވުރެ ގިނަ ޕޯސްޓުތައް އެމީހުން ވަޓްސްއެޕް ގުރޫޕުތަކުގައި ހިއްސާ ކުރި ފަހުންނެވެ. އޭގެ ތެރޭގައި ރެފިއުޖީން ގޭސް ޗޭމްބަރުތަކަށް ވައްދާފައިވާ މަންޒަރު ފެންނަ ކުރެހުންތައްވެސް ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އެ މައްސަލައިގައި ސަސްޕެންޑު ކުރި 11 ފުލުުސް އޮފިސަރަކާ ގުޅުން ހުރި ޕޮލިސް ސްޓޭޝަންތަކާއި ގެތައް ރޭޑު ކުރުމުގައި 200އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވި އެވެ. އަދި ސަސްޕެންޑު ކުރި ބައެއް މީހުންގެ މައްޗަށް ނާޒީ ޕްރޮޕަގަންޑާ އާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ފެތުރުމުގެ ދައުވާ ކުރަން ތައްޔާރުވެފައިވާ އިރު އެ މީހުންގެ އަމަލުތައް ރިޕޯޓު ނުކުރި މައްސަލައިގައި އެހެން އޮފިސަރުންގެ މައްޗަށް ދައުވާ ކުރުން އެކަށީގެންވެ އެވެ.

އެންއާރުޑަބްލިޔުގެ އިންޓީރިއާ މިނިސްޓަރު ހާބާޓް ރުއެލް ވިދާޅުވި ގޮތުގައި އެ ސްޓޭޓުގެ ފުލުހުންގެ މެދުގައި ހައްދުފަހަނަ އަޅާފައިވާ ފިކުރު ފެތުރިފައިވާ މިންވަރު ބެލުމަށް ތަހުގީގެއް ވަނީ ފަށާފަ އެވެ.

ޖަރުމަނުގެ ފުލުހުންނާއި އެހެން ސަލާމަތީ ފައުޖުތަކުގެ މައްޗަށް ވަނީ ހައްދުފަހަނައަޅާފައިވާ ފިކުރު ގެންގުޅޭ މީހުން ހޯދާ، ފިޔަވަޅު އެޅުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް މީގެ ކުރިންވެސް ތުހުމަތުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް