ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް އަގުބޮޑުކޮށް ކާބޯތަކެތި ފޯރުކޮށްދިން މައްސަލަ މީގެ މާކުރިން ސަމާލުކަމަށް އައިސް، އެ ފައިސާ އެންޑީއެމްއޭއަށް އަނބުރާ ހޯދާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް މިހާރު ވަނީ އާންމުކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށްވުރެ ބޮޑު އަގުގައި ކަމާއި، އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައިކަން ފާހަގަވެފައިވާ ކަމަށެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށެވެ.
ނަމަވެސް މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އެ މައްސަލަ އޮޑިޓުގެ މާކުރިން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އޭގައި އުޅެނީ 23،000 ރުފިޔާގެ ތަފާތެއް ނޫން ކަމަށާއި، އަސްލު ފަރަގު 28،000 ރުފިޔާއަށް އަރާކަމަށް ހިސާން ވިދާޅުވިއެވެ. އަދި އޮޑިޓުގެ މާކުރިން އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
ހިސާން ވަނީ އޮޑިޓުގައި އެ މައުލޫމާތު ހިމަނާފައި ވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށް ވިދާޅުވެފައެވެ.
"ތަކެތި އަގުބޮޑުކޮށް ގަނެވިފައިވާތީ އެކަން ފާހަގަކުރެވިގެން އެ ފައިސާ މި އޮޑިޓު ރިޕޯޓު ނެރުމުގެ މާކުރިން އެންޑީއެމްއޭއަށް ވާނީ ހޯދާފައި. އެހެންވީމާ މީކީ މި އޮޑިޓު ރިޕޯޓުގައި އޮންނަން ވެސް ޖެހޭނެ ވާހަކައެއް ނޫން. މީ އޮޑިޓި ރިޕޯޓުގައި މިކަން ފާހަގަކޮށްފައި މިވަނީ މިކަން ބަލަންވާ ވަރަށް ރަނގަޅަށް ނުބެލި، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަން އަޅުގނޑު ހިތާމައާއެކު ފާހަގަކޮށްލަން،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު މިހާރު ހަރުދަނާކޮށްފައިވާ ކަމަށެވެ.
މާލޭގައި ކޮވިޑް ފެތުރެން ފެށުމާއެކު އެންމެ ގިނަ ކޭސްތައް ފެންނަން ފެށީ ބާޒާރުމަތިންނެވެ. އެއާއެކު ބޮޑެތި ސަޕްލަޔަރުންގެ ގުދަންތަކާއި ފިހާރަތައް ބަންދުކުރަން ޖެހި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ހިސާން ފާހަގަކުރެއްވިއެވެ.
ހިސާން ވިދާޅުވީ އެ ދަތިތަކުގެ ތެރެއިން، ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން ވެގެންދިޔައީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. އަދި ފެސިލިޓީތަކަށް ބޭނުންވާ ކާބޯތަކެތީގެ ލިސްޓެއް ތައްޔާރުކޮށް އެންޑީއެމްއޭގެ ބިޑް ކޮމެޓީން އެ ލިސްޓަށް އެކި ފަރާތްތަކުން އަގު ހޯދި ކަމަށާއި، އެ މަސައްކަތް ހަވާލުކުރީ އެންމެ އަގުހެޔޮކޮށް އެކަން ކޮށްދޭނެ ފަރާތަކަށް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
އަދި އެފަރާތާ މަސައްކަތް ހަވާލުކުރީވެސް ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ މަޝްވަރާ އާއި ހުއްދަތައް ވެސް ހޯދައިގެން ކަމަށް ހިސާން ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޑެޕިއުޓި އެގްޒެކެޓިވް ޗީފް އުމަރު މޫސާ ފިކުރީ ވިދާޅުވީ އެ ފައިސާއަކީ އަނބުރާ ލިބެންޖެހޭ ފައިސާއެއް ކަމާމެދު އެއްވެސް އިރެއްގައި ސުވާލު އުފެދިފައި ނުވާކަމަށެވެ.
އަދި އަގުބޮޑުކޮށް ތަކެތި ފޯރުކޮށްދިންކަމަށް ސަޕްލަޔަރުވެސް ގަބޫލުކުރާ ކަމަށާއި، އެއްވެސް އިއުތިރާޒެއް ނެތި އެ ފަރާތުން ފައިސާ އަނބުރާ ދައްކާފައިވުމުން، އެއީ ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ނޫން ކަމަށެވެ.
އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އެންޑީއެމްއޭ އިން ގަނެފައިވާއިރު، އޭގެ ތެރެއިން ބައެއް ތަކެތި ގަނެފައިވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައެވެ.
އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން އަގު ބޮޑުކޮށް ގަނެފައިވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައި ވަނީ ވަޅޯމަސް، މަސްދަޅު ކޭސް، ރިހާކުރު، މިލްކް ޕައުޑަރު، އަސޭމިރުސް، ހިކިމިރުސް، މޭވާ، ލުއި ބުއިން، ތާޒާ ކަނޑު މަސް އަދި ޗިކަން ބޭކަން އެވެ.
އެ ތަކެތި ގަނެފައިވަނީ އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 224،546 ރުފިޔާ އަގުބޮޑުކޮށް ކަން ވަނީ ހާމަވެފައެވެ.
އޮޑިޓުން އެ ހިސާބުތައް ހަދާފައި ވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިންނާއި އެކި ސަޕްލަޔަރުންގެ ފަރާތުން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
އެހެންކަމުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އޮޑިޓުގައި ލަފާދީފައިވެއެވެ.
ހަމައެއާއެކު ސިންގަލް ސޯސްގެ އުސޫލުން ތަކެތި ހޯދި ނަމަވެސް، ތަކެތި ފޯރުކޮށްދޭ ފަރާތުން ހުށަހަޅާ އަގާއި ބާޒާރުގައި ތަކެތި ހުރި
އަގު އަޅާކިޔުމަށްފަހު އެކަށީގެންވާ އަގެއްގައި މެނުވީ ތަކެތި ނުގަތުމަށް ވަނީ އަންގައިފައެވެ.
އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށް ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 ރުފިޔާއިން ތަކުރާރުކުރާ ކޮންމެ ފަހަރަކު 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ އެވެ.