ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮށްލި މައްސަލަައިގެ އަޑުއެހުމެއް މާދަމާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރި އަމުރު ބާތިލް ކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލްކޮށްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފްރީޒްކޮށްފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.

ރައީސް ޔާމީންއާ ގުޅޭ ގޮތުން ފުލުހުން އޭރު ތަހުގީގުކުރަމުން ދިޔަ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފަ އެވެ. އެ ހުކުމް ކޮށްފައިވަނީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ރައީސް ޔާމީންގް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފައިވަނީ، މިދިޔަ އަހަރުގެ މާޗް 31 ގައެވެ.

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި ފަހުން އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާއިރު އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 10 ޖަހާއިރަށް ވަނީ ތާވަލް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށްކޮށްފައިވާ ހުކުމުގައިވާ ގޮތަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދައުލަތަށް ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ދައުލަތުން ވަނީ ފަށާފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ފަސް މިލިއަން ޑޮލަރު މީރާއަށް ދައްކާ ހަލާސް ކުރާށެވެ. ނަމަވެސް، ހުކުމް ކުރި ފަހުން އެއް އަހަރު ވާން ގާތް ވެފައިވީ ނަމަވެސް، ރައީސް ޔާމީން އެ ފައިސާ ދައްކާފައި ނުވެއެވެ.

ރައީސް ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަން އޭޖީ އޮފީހުން މީގެ ކުރިން ވަނީ ނިންމައި އެކަމުގެ ތައްޔާރީތައް ވަމުންދާ ކަން ހާމަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައިވާގޮތަށް ދައުލަތަށް ފައިސާ ދައްކާފައި ނުވާތީ ރައީސް ޔާމީނާ ދެކޮޅަށް ދައުުވާ ކުރަން އޭޖީ އޮފީހުން ހުށަހަޅާފައިވާއިރު، އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ މިހާރު ހައިކޯޓުގައި ކުރިއަށް އެބަދެއެވެ.

ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ރައީސް ޔާމީން، ދައުލަތަށް ދައްކާފައި ނުވާތީ، އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އަށް ވެސް ވަނީ ފޮނުވައިފަ އެވެ.

comment ކޮމެންޓް