ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުން ފަސްކޮށްފި

ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް

ކޮލަމްބޯ (ސެޕްޓެމްބަރު 13): ސްރީލަންކާއަށް ޗުއްޓީއަށާއި ވިޔަފާރިއަށްދާ މީހުންނަށް ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ) ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

މީގެ ކުރިން ލަންކާއިން ނިންމާފައި އޮތީ މިދިޔަ މަހުގެ މެދުތެރޭގައި ބީއައިއޭ ހުޅުވާށެވެ. ނަަމަވެސް ޖުލައި މަހު އެގައުމުގައި ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވުމާ ގުޅިގެން އެ އެއާޕޯޓު ހުޅުވުން މި މަހަށް ފަސް ކުރި އެވެ.

ލަންކާގެ ޓުއަރިޒަމް މިނިސްޓަރު ޕްރަސާނަ ރަނަތުންގަ ވިދާޅުވި ގޮތުގައި މި މަހުވެސް ބީއައިއޭ ހުޅުވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވެ އެވެ.

"އެއާޕޯޓު އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން އަދި ގޮތެއް ނުނިންމާ. އަޅުގަނޑުމެންނަށް އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިއަށްގެންދެވޭނީ ހެލްތު މިނިސްޓްރީ އާއި ކޮވިޑް-19 ޕްރިވެންޝަން ޓާސްކް ފޯސް ކޮމިޓީން ހުއްދަ ދިނުމުން،" ރަނަތުންގަ ވިދާޅުވި އެވެ.

ލަންކާގެ ޑެއިލީ އެފްޓީ ނޫހާ ވާހަކަ ދައްކަވަމުން ރަނަތުންގަ ވިދާޅުވި ގޮތުގައި މި ވަގުތު އެގައުމުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ކޮވިޑް-19 ފެތުރުން ހުއްޓުވާ، ބޭރު ގައުމުތަކުގައި ތިބި ލަންކާގެ ރައްޔިތުން އަނބުރާ ގެންދިޔުމަށެވެ. އަދި އެ މަސައްކަތްތައް ނިމެންދެން ބީއައިއޭ ހުޅުވުން ފަސް ކުރުން ރަނގަޅު ކަމަށް ފަތުރުވެރިކަމާއި އެހެން ދާއިރާތަކުންވެސް ދެކޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ބީއައިއޭއިން މިހާރު ދަތުރު ކުރަނީ މުދާ އުފުލާ ބޯޓުތަކާއި އެހެން ގައުމުތަކުން ލަންކާގެ ރައްޔިތުން އަނބުރާ ގެންދާ ބޯޓުތަކާއި ލަންކާއިން އެހެން ގައުމުތަކަށް މީހުން ގެންދާ ބޯޓުތަކެވެ.

ލަންކާއިން މިހާތަނަށް 3،195 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 2,983 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ 12 މީހެކެވެ.

comment ކޮމެންޓް