ހާސިލް - 28

"ޖައުފަރު..." ފިރާޤުގެ މޫނުމަތިން ހިސާބެއްގެ ހާސްކަމެއް ފެންނަމުން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން އިރުކޮޅަކު އިނުމަށްފަހު، ފިރާޤު އަނެއްކާވެސް އަންވަރަށް ގުޅައިލިއެވެ.

ވެގެން އުޅޭގޮތް ޓީވީގެ ޒަރިއްޔާއިން އެނގުނުނަމަވެސް، ފިރާޤަށް އެހަބަރު ޤަބޫލުކުރަން އުނދަގޫވީއެވެ. އޭނާގެ ސިކުނޑީގައި ވަޅުލެވިފައިވާ ޚިޔާލުތަކެއް ހޭލައިގަންނަހެން ވެސް ފިރާޤަށް ހީވިއެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ނޭނގޭ ތަކުލީފެއް ލިބެމުން ދިޔައެވެ. އެ ޚިޔާލުތަކާ ދުރުވާން އުޅުނުނަމަވެސް، އޭނާއަށް އެކަންކުރަންވީ ދަތި އުނދަގޫ ކަމަކަށެވެ.

މީހާ ހަމައަކަށް އެޅިލުމުގެ ގޮތުން ފުންނޭވާއެއް ދޫކޮށްލި ފިރާޤު ބޭނުންވީ އަންވަރު ގާތުން އެކަމުގެ ތެދު ދޮގު އޮޅުން ފިލުވާށެވެ. މި ޒަމާނުގައި މީޑިއާއިން ކިޔާ ހުރިހާއެއްޗެއް ގަބޫލުކުރާކަށް ނުވާނެއެވެ. ގިނައީ ދޮގު ޚަބަރު ފަތުރާ މީޑިއާ ތަކެވެ. އިވޭ ކޮންމެ އަޑެއް ގަބޫލުކުރަން ވެއްޖެއްޔާ މީހާ ހަލާކުގެ ތެރެއަށް ވެއްޓިދާނެއެވެ. ދޮގު ޚަބަރަކީ ވެސް އެހާމެ ވިހަ ގަދަ އެއްޗެކެވެ. އިވޭ އެންމެ ޚަބަރެއްގެ ސަބަބުން ބައެއްގެ މެދުގައި ފިތުނައުފެދެންވެސް ލަހެއްފަހެއް ނުވާނެއެވެ.

ދެފަހަރަކު އަންވަރަށް ގުޅައިލިތަނާ ފޯނު ނަގައިފިއެވެ.

"ހަލޯ ބައްޕާ... އަޅުގަނޑު ވަރަށް ބުރަކޮށް އޮފީހުގަ މިއުޅެނީ." އަންވަރު ހުރިތަނުގެ އަޑު ގަދަކަމުން އަންވަރު ކީ އެއްޗެއް ފިރާޤަށް ސާފުވާވަރުވީ ވެސް ވަރަށް ވިސްނައިގެން އިނުމުންނެވެ.

"އެއީ ތެދު ހަބަރެއްތަ؟" ފިރާޤަށް އަހައިލެވުނެވެ. އޭނާގެ ހަނދާނަށް އައީ ކުރީ ދުވަހެއްގައ މާވެޔޮ މިސްކިތް ކައިރިން ޖައުފަރު ފެނުނު ދުވަހެވެ. ކުއްލިއަކަށް ޖައުފަރު މަރުވުމުން ޚުދު އޭނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ މަރުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއްހެއްޔެވެ؟

"ލައްބަ ބައްޕާ، އަދި ސަބަބެއް ނޭނގެ. އޮފީސްތެރެވެސް ވަރަށް ހަލަބޮލި. ނިއުސްކާސްޓަރުން މުޅިތަން ފުރާލައިފި. އެއާރޕޯޓްވެސް ވަރަށް ވަރަށް ބިޒީ. އަޅުގަނޑު ހަމަޖެހިލައިގެން ހަބަރެއްވާނަން..."

އަންވަރު ފޯނު ބޭއްވުމާއެކު ފިރާޤަށް ފޯނަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު އިނދެވުނެވެ. އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އެއަށްފަހު، އަނެއްކާވެސް ނަޒަރު ހުއްޓައިލެވުނީ ޓީވީއަށެވެ. ހަށިފުރާ ލީ ނޭވާއާއެކު އޭނާ ހުރީ އެ ނަފުސުގެ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ބޭނުން ވެފައެވެ. ޚިޔާލުތައް އައިސް އޭނާގެ ސިކުނޑި އެކީ ގައިދުކުރަނީއެވެ. ނޭނގޭ ވާފަށަކުން ބަނދެލަނީއެވެ. އެކަމުގެ ސަބަބުން ފިރާޤަށް އުނދަގޫވަމުން ދިޔަ އެވެ.

*****

ފްލައިޓުން ފޭބި ގޮތަށް އަރްޒަންއަށް ދާންޖެހުނީ މޯލްޑިވިއަންގެ އޮފީހަށެވެ. އޭރު އެތަނުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އެއާރޕޯޓްވެސް އޮތީ އެލާޓްގައެވެ. ހަލަބޮލި އެ މާހައުލުގެ ތެރޭގައި މީހުންގެ އަޑުފައްގަނޑު މަޑުވާގޮތެއް ނުވިއެވެ. އޭރުވެސް ފްލައިޓްތައް ޑިލޭވަމުންދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެއާރޕޯޓް ސެކިއުރިޓީ ދިޔައީ ތަނުގެ ހާލަތު ވަރަށްގާތުން މޮނިޓަރ ކުރަމުންނެވެ.

އޮފީސްތެރޭގައި ކުންފުނީގެ އެންމެ އިސްވެރިންވެސް ތިއްބެވެ. ފޮރެންސިކް ޓީމުގައި ހިމެނޭ އިސްފުލުހެއް ކަމަށްވާ އާރާބް ކުރިއަށް ޖެހިލިއެވެ. އޭނާ އަރްޒަންއާ ސަލާމްކޮށްލަމުން ތަޢާރަފްވެލިއެވެ.

"އަޅުގަނޑަކީ މި ޓީމް ލީޑްކުރާނެ އިންވެސްޓިގޭޝަން އޮފިސަރ... އާރާބް... ދިސް އިޒް މައި ޓީމް."

"އައި އެމް އަރްޒަން، ބޯޓުގެ ކެޕްޓަން. އަޔާން، ފަސްޓް އޮފިސަރ. ޒީޝާން، ޖިނާން އަދި އާރާ... މީ ކެބިން ކްރޫ..." އަރްޒަން އެންމެންގެ ތަޢާރަފެއް ދިނެވެ. އޭނާ އޭނާއަށް އެނގުނުވަރަކުން ވީ ގޮތް ކިޔައިދިނެވެ. އަދި އެމީހުން ޖައުފަރުގެ ފުރާނަ ސަލާމަތްކުރަން ކުރެވެން އޮތް ހުރިހާކަމެއް ކުރިކަމުގައި އަރްޒަން ބުނެލިއެވެ.

"ފްލައިޓް ކުރޫއިންގެ ބަޔާންވެސް ބޭނުންވާނެ. އެވަގުތު ފްލައިޓް ތެރޭގައި ހިނގާދިޔަ ހުރިހާކަމެއް އަޅުގަނޑުމެން އެނގެން ބޭނުން. އެންމެގާތުން އެ މަންޒަރު ފެނުނު ޕަސެންޖަރގެ ބަޔާން ވެސް ބޭނުންވާނެ. މީގެ އިތުން އެއާރޕޯޓްގެ ސީސީޓީވީ ފުޓޭޖްތައް ވެސް..." އެވަގުތު އެތަނުގައި އެއާރޕޯޓް ސެކިއުރިޓީ ސާވިސަސްގެ މެނޭޖަރު ވެސް ހުރުމާއެކު އާރާބް ވާހަކަ ދެއްކިއެވެ. މެނޭޖަރު ބޯ ޖަހައިލިއެވެ. އޭނާ ހުރީ އެކަމުގައި އޭނާގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށެވެ.

ފުލުހުން އެމީހުން ބޭނުންވާ ބައެއް މައުލޫމާތުތައް ނަގައިގެން ސެކިއުރިޓީ ޓީމާއެކު ދިޔަތާ މާގިނައިރުތަކެއްނުވެ، އަރްޒަންމެންނާއެކު އަންވަރުމެން ބައްދަލުވުމެއް ބޭއްވިއެވެ. ވީ ގޮތާ ބެހޭގޮތުން ސުވާލުކުރިއެވެ. މީޓިންގައި ފްލައިޓްގެ ކުޑަ ބްރީފިން އެއްވެސް އަރްޒަން ދިނެވެ.

"އަޅުގަނޑު ވެސް ދިޔައީ ހަޅޭއްލަވައިގަތް އަޑަށް. އޭގެ ކުރިންވެސް އޭނާ ވަރަށް ގޮތަކަށް އުޅުނީ. ސިޑިން އެރި ގަޑީގައިވެސް ވަރަށް ފާޑަކަށް އުޅުނީ..." ޒީޝާން އޭނާއަށް ފެނުނު މަންޒަރު ތަފްސީލްކޮށް ކިޔައިދިނެވެ.

"އަޅުގަނޑަށް ދެވުނުއިރު އޭނާ އުޅެނީ އަމިއްލައަށް ކަރުގައި ހިފައިގެން. ނައްޓުވަން އުޅުމުން ވެސް އެކަން ކުރާކަށް ފަސޭހައެއް ނުވި." ޖިނާން އޭނާއަށް ފެނުނު މަންޒަރު ހިއްސާކުރި އެވެ. އާރާވެސް މެއެވެ.

"އޭގެ ކުރިން އޭނާއަށް ފެންތައްޓެއް ކަހަލަ އެއްޗެއް ދިނިންތަ؟" އިރުޝާމްގެ ސުވާލެއް ޒީޝާންމެނަށް އަމާޒުވެގެން ދިޔަ އެވެ.

"އަހާލިން ނައްޓައިލުމުގެ ކުރިން. އެކަމަކު ނޫނެކޭ ބުނީ." އާރާ ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު. އެއްވެސް މައުލޫމާތެއް އެއްވެސް މީހަކާ ހިއްސާނުކުރާތި. މި ހިނގަމުންދަނީ ވަރުގަދަ ތަހުޤީޤެއް. އަހަރެމެން ޖެހޭނެ ފުލުހުންނަށް އެއްބާރުލުން ދޭން. އެއާރޕޯޓް ތެރެވެސް ވަރަށް ހަލަބޮލި..." އަންވަރު ބަލައިލީ އަރްޒަންއަށެވެ.

އެވަގުތު އަންވަރަށް ފޯނެއް އައުމާއެކު އޭނާ 'އެކްސް ކިއުޒް' އޭ ބުނެލާފައި ފޯނު ނެގިއެވެ. ގުޅީ ހޮސްޕިޓަލްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ ފުލުހެކެވެ.

"ޑޮކްޓަރުންނަށް ބޮޑަށް ބުރަވެވެނީ ހާޓް އެޓެކްއެއް ކަމަށޯ. އިތުރު ކަންތައްތައް ހޯދަންށާ އެކީ އޮޓޮޕްސީ ހަދަން ޖެހޭނެކަމަށް އެ ބުނަނީ. މައްސަލައަކީ އޭނާގެ އާއިލާގެ އެއްވެސް މީހަކުވެސް ނެތީތީ. އޭނާ ވަރަށް ދުވަސްވެއްޖެ ކަމަށްވަނީ އެކަނި އުޅެމުންދާތާ ވެސް..." އަންވަރު ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ވާހަކަދެއްކިއެވެ.

"ކޮންމެއަކަސް ވަރަށް އާދަޔާ ޚިލާފް މަރެއް..." އިރުޝާމްގެ މޫނުމަތިން އޭރުވެސް ކަންބޮޑުވުން ފާޅުވެއެވެ. އެކަމުގެ ސަބަބުން ކުންފުންޏަށް ކުރިމަތިވެދާނޭ ގެއްލުމަކާ މެދު އޭނާއަށް ވިސްނެނީއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް އެ ތަހުޤީގު ހިންގާ އެ މަރުގެ ހަޤީޤަތް އެންމެނަށް ހާމަވުމެވެ.

މީޓިންގައި އިންދާ އަރްޒަންގެ ކޮނޑަށް ފާޑެއްގެ ތަދެއް އެރީ ކުއްލިއަކަށެވެ. އޭނާއަށް އަތުގެ ކޮނޑުހުޅާ ދިމާލުގައި އަތް ޖައްސާލެވުނެވެ. އަތްލުމުން ވަކިންބޮޑަށް ތަދު ގޯސްވިހެން އޭނާއަށް ހީވިއެވެ. އަނެއްކާ ބޯޓް ލޭންޑްކުރަން އުޅުނު ގަޑީގައި އޭނާގެ އަތް ތަނަކު ޖެހުނީހެއްޔެވެ؟ ނޫނީ އަނިޔާއެއް ލިބުނީހެއްޔެވެ؟ އަރްޒަންއަށް ކޮންމެވެސް ކަމެއްވެއްޖެކަމުގައި ޒީޝާންއަށް ޔަޤީންކުރެވުނީ އަރްޒަން އޭނާގެ އަތުގައި އިރުއިރުކޮޅަކާ ފިރުމާލާތީއެވެ.

"އާރ ޔޫ އޯކޭ؟" އަނގަ ހަރަކާތްކޮށްލަމުން އެކަކަށްވެސް ނޭނގޭ ގޮތަށް ޒީޝާން އަހައިލިއެވެ. އަރްޒަން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބޯ ޖަހާލާ ޒީޝާންއަށް އޭނާ ރަނގަޅުކަމުގެ ޔަޤީންކަން ދިނެވެ.

އާރާބް ސެކިއުރިޓީ އޮފީހުގައި އިނދެ އޭނާގެ ޓީމާއެކު އެއާރޕޯޓްގެ ސީސީޓީވީ ފުޓެޖްތައް ޗެކްކުރަމުން ދިޔައެވެ

"ސްޓޮޕް އެންޑް ޒޫމް ޕްލީޒް..." ބަލަމުންދިޔަ ސީސީޓީވީ ފުޓެޖް ވަކި ހިސާބަކުން ހުއްޓުވި އާރާބް ވިސްނައިލިއެވެ. ޖައުފަރު ކުއްލިއަކަށް ކޮނޑިން ތެދުވެ ދުއްވައިގަތްއިރު އެ މޫނުމަތީގައި ވަނީ ބިރުވެރިކަމެވެ.

އޭނާ ވަށައިގެން އެކި ދިމަދިމާ ޒޫމްކޮށްގެން ބެލި ނަމަވެސް، އެއިން އެއްވެސް ތަނެއްގައި ޖައުފަރު އެހާ ބިރުގަންނަންޖެހޭ މީހަކު ނެތެވެ. ނުވަތަ އެއްޗެއްވެސް ނެތެވެ. އަނެއްކާ ޖައުފަރަކީ ސްކިޒޮޕްރޭނިއާ ނޫނީ ހަލުސިނޭޝަންސް ފަދަ ބޮޑު ނަފްސާނީ ބައްޔެއް ތަޙައްމަލް ކުރަމުންދާ މީހަކީހެއްޔެވެ؟ އެތައް ގޮތަކުން ވިސްނިނަމަވެސް، އޭގެ އަސްލާ ހަމަޔަށް ވާސިލްވެވޭނޭ އެއްވެސްމަގެއް އާރާބްއަށް ނުފެނުނީ އެއްވެސް ހޮސްޕިޓަލަކުންވެސް އާރާބްގެ އެއްވެސް ރިކޯޑެއް ފެންނަން ނެތުމުންނެވެ. ނަފްސާނީ ބައްޔަށް ބޭސް ކުރާނަމަ އެ ވެސް އޮންނަން ވާނެތާ އެވެ.

އަނެއްކޮޅުން އޭނާގެ އާއިލާގެ މީހަކުވެސް ނެތުމާއެކު، އިތުރުކަމެއް ހޯދޭނޭ ގޮތެއްވެސް ނެތެވެ. އޭނާ ޖައުފަރުގެ ދަބަސް ޗެކްކުރަން ބޭނުންވެގެން އެވާހަކަ ހިއްސާކުރިއެވެ.

މީޓިން ނިންމާލުމަށްފަހު، އަންވަރާ އިރުޝާމް އާ ދެމީހުން ބޭރަށް ނުކުތުމާއެކު، އަރްޒަންއަށް ބަލައިލަމުން އަޔާން ވާހަކަ ދެއްކިއެވެ.

"އޭތް! އެ މަންޒަރުތައް އަހަންނަށް ސިފަވަނީ ބިރުވެރި ފިލްމެއްގެ މަންޒަރެއްހެން. އަޅެ ޖިންނިއެއްގެ ކަމަކަށް ނުވާނެތަ؟" އަޔާން ބުމަ އަރުވައިލަމުން އަހައިލުމާއެކު އަރްޒަން ގާތަށް ހިނިއަންނަގޮތް ވިއެވެ.

"އެއްކަލަ އަޔާން! ދެން އެކަމަކުވާ ދޯ! އަޅެ ޖިންނިއެއް ފްލައިޓަށް އަރާ އޭނަ މަރައިލަން ޖެހޭނެ ސަބަބެއް އޮންނާނެތަ؟ އެހެންނޫނަސް ތީ ޚިޔާލީ ވާހަކަތަކެކޭ. ޖިންނިން އެހެން މީހުނެއް ނުމަރާނެއޭ މަ ބުނާނީ. އެވެސް އެންމެންގެ ތެރޭގަ." އަރްޒަން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާއަށް އަޔާންގެ އެ 'ތިއަރީ' ޤަބޫލެއް ނުކުރެވުނެވެ.

"ތި ވާނީ ޔާން މާގިނައިން ބިރުވެރި ފިލްމު ބަލާތީ ވާގޮތެއްކަމަށް. އެހެންވެއެއްނު ތިކަހަލަ އެއްޗެހި ގަބޫލުކުރެވޭނީ!" އަނެއްކާވެސް އަރްޒަން ވާހަކަ ދެއްކީ އަޔާންއަށް ބަލައިލަމުންނެވެ.

"އެ ވެސް އުޅޭ އެއްޗެކޭ އަރްޒަން. ކީރިތި ޤުރުއާނުގައިވެސް އަންގަވާފައިވޭ!" އަރްޒަންއަށް ދޫ ދޭން ބޭނުންނުވުމާއެކު އަޔާން ވާހަކަ ދެއްކިއެވެ.

"އަހަރެން ނުބުނަމޭ އެ ނޫޅޭ އެއްޗެކޭ.... އަހަރެން މި ބުނަނީ ދެން ޖިންނިއެއް އަރާ އޭނަ މަރައިލާނެކަމަށް ގަބޫލުކުރެވޭހޭ؟ އޮބްވިއަސްލީ ނުކުރެވޭދޯ...... މިއަތަށް ވެސް ތަދުވާވަރެއް. އަހަންނަށް ހީވަނީ އަތް ކޮންމެވެސް ތަނަކު ޖެހުނީހެން..." އަތަށް ހަދާލެވުނު ގޮތަކުން ތަދުއަރާ އޭނާއަށް ބުނެވުނެވެ.

"މީހުން ކިޔާ އުޅޭދޯ ޖިންނިން އިންސާނުންނަށް ގެއްލުން ދޭ ވާހަކަ! ގައިމުވެސް އަހަރެން އެކަހަލަ ބައެއްވާހަކަ އަޑުއަހާ އުޅެން، މީހުން މޮޔަ ކުރާ ވާހަކައާ..." މިފަހަރު އަޔާން ދޯ ދިނީ ޖިނާންއަށެވެ.

"ކިޔާ އުޅޭ ދޯ!. މާ ރަނގަޅަކަށް ނޭނގެ. އެކަމަކު އެހެން މީހަކު މަރާލާނެކަމަކަށް ބުއްދި ޤަބޫލެއް ނުކުރޭ!" ޖިނާންއަށް ވެސް އަޔާން އެ ދައްކާ ވާހަކަ ޤަބޫލުކުރާކަށް ފަސޭހައެއް ނޫނެވެ.

"އަހަންނަށް ސިފަވި އެކަހަލަ މަންޒަރެއްހެން. އެކަމަކު ބޮޑަށް ބުރަވެވެނީ އޭނާގެ ހުރި ނަފްސާނީ ބައްޔެއްގެ ސަބަބުންވީ ކަމެއްކަމުގައި. އަނެއްކޮޅުން އޭނާގެ އެއްވެސް އާއިލާއެއް ވެސް ނެތޯ. އެހެން ވީމަ އޭނާ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ވެފައިހުރި މީހެއްކަމަށް ވެސް ވެދާނެ! " އާރާ އޭނާގެ ވިސްނުން ހުރި ގޮތް ހާމަކޮށްލިއެވެ.

"އަހަންނަށް ހަމައެކަނި އަޅައިގަންނަ ތަންކޮޅަކީ އޭނާ އަމިއްލައަށް ކަރުގައި ހިފުން..." ޖިނާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

އިރުކޮޅަކު ވާހަކަ ދައްކައިލަން އިނދެފައި އަޔާން ނުކުތުމުން އޭނާގެ ފަހަތުން ޖިނާންއާ އާރާ އާ ދެމީހުން ވެސް ނުކުތެވެ. އެއާއެކު ޒީޝާންވެސް ތެދުވީ ބޭރަށް ނުކުމެލާނަމޭ ހިތާއެވެ. އާރާވެސް ބޭރަށް ދިޔައީތީއާ ވެސް އެކުގައެވެ.

އަރްޒަންއާ އަރާ ހަމަވީ ތަނާ އަރްޒަން ޒީޝާންގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. އެއަށްފަހު އޭނާ ގޮނޑިން ތެދުވިއެވެ. ޒީޝާންގެ އެ އަޅި ކުލައިގެ ދެލޮލާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު، އޭނާ ޒީޝާންގެ ކަންފަތް މޫނަށް ވާގޮތަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ކަންފަތުގެ ދަށައް ލައްވައިލަދިނެވެ.

"ޑޯންޓް ވޮރީ ލަވް! އިޓް ވިލްބީ އޯކޭ..." އަރްޒަން ޒީޝާންގެ އެ މަޑު އަތްތިލައަށް ފިތައިލަމުން ބުނެލިއެވެ.

"އަހަރެންގެ ބޮލުގަ ވެސް އެބަ ވަރަށް ރިއްސާ... ހީވަނީ ފްލައިޓް ތެރޭގައި އެހާ ގިނައިރު ސީޕީއާރް ދޭން އުޅުނީމަ ވީ ގޮތެއްހެން. ކުޑަކޮށް ގައިގައިވެސް ރިހުން އެބަހުރި..." ޒީޝާންއަށް ބުނެވުނެވެ. އޭނާ ލުއި ހިނިތުންވުމެއް އަރްޒަންއަށް ހަދިޔާކޮށްލިއެވެ.

"އަރާމުކޮށްލީމަ އޯކޭ ވެދާނެ. ހުއްދަ ލިބުނީމަ ނޫނީ ނުވެސް ފުރޭނެ. މިއިން އިރަކު ވާނެހެނެއް ހިޔެއްނުވޭ. ރެސްޓިން ރޫމަށް ގޮސް އަރާމުކޮށްލާ! އޭރުން އޯކޭ ވެދާނެ. ކަމެއް ބޭނުމިއްޔާ ގުޅައިލާ އިނގޭ. އައިލް ބީ އެރައުންޑް......" އަރްޒަން ޒީޝާންގެ ކޯތަފާތުގައި މަޑުމަޑުން އޭނާގެ އަތްތިލަ ޖައްސައިލިއެވެ. ޒީޝާންގެ ހިނިތުންވުން އޭނާގެ ހިތަށް ފިނިކަން ގެނެސްދީފިއެވެ. އޭނާ ދުވަހަކުވެސް ޒީޝާން ދޫކޮށްލާކަށް ބޭނުމެއްނޫނެވެ. އެއީ އޭނާގެ ހިތުގެދިރުން ކަމުގައިވެގެން ގޮސްފިއެވެ. އެ ދެލޮލުގެ ނޫރުކަމުގައި ވެއްޖެއެވެ. ޒީޝާން އަބަދާއަބަދު އޭނާގެ ގާތުގައި ހުންނަން އަރްޒަން ބޭނުމެވެ.

އަރްޒަންއަށް ބަލައިލާ ބޯ ޖަހައިލުމަށްފަހު، ޒީޝާން ނުކުމެގެން ގޮސް ރެސްޓިން ރޫމަށްވަދެ އެތަނުގައި ހުރި ސޯފާގައި ޖައްސައިލިއެވެ. އޭރު އޭނާގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުންދިޔައެވެ. ދެލޯ މަރާލައިގެން އޮތްއިރު އޭނާއަށް އަރްޒަންގެ ސޫރަ ސިފަވުމާއެކު ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

"ސާބަހޭ ޒީ. ދެން ތިވަރަށް ހުވަފެން ބަލާކަށް ނުވާނެ!" އެތެރެއަށް ވަތް ޖިނާންގެ އަޑާއެކު ޒީޝާންއަށް ސިހިފައި ލޯ ހުޅުވައިލެވުނެވެ. ބަލައިލިއިރު ޖިނާން އާއި އާރާ އާ ދެމީހުން ތިބީ ނުލަފާ ވައްތަރަކަށް ހިނިއައިސްފައެވެ. އެ ނާޒުކު ވަގުތުކޮޅުގައިވެސް ޖިނާންގެ އެ ސަމާސާ މިޒާޖު ޒީޝާންއާ އާރާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުމުގައި ކާމިޔާބު ހޯދިއެވެ.

އަޔާން އޮފީސް ބޭރުގައި ފޯނެއްގައި ހުރެފައި އެތެރެއަށް ވަންނަން ތަޅުގައި ހިފައިލި ވަގުތު މެސެޖެއް އައުމާއެކު ވައިބައިން އެ މެސެޖް ހުޅުވައިލިއެވެ. އޭގައި އޮތް ފޮޓޯ ފެނި އޭނާގެ ދެބުމަ ގާތްވެގެން ދިޔައެވެ. (ނުނިމޭ)

comment ކޮމެންޓް