ހޯނޑެއްދޫ: ހައި ރިސްކް އަށް މީހަކަށް ބަލި ޖެހިފައި

ގދ.ހޯޑެއްދޫ--

ގދ. ހޯނޑެދޫން މިހާތަނަށް ކޮވިޑް19އަށް ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހައި ރިސްކު ނުވަތަ ނުރަކަލަށް ހުށަހެޅޭ ކެޓަގަރީގައި އަށް މީހަކު ހިމެނޭ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ކޮވިޑް19ގެ ނުރައްކާ ބޮޑު ވަނީ، އުމުރުން ދުވަސްވީ މީހުންނާއި އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނެވެ. އެފަދަ މީހުންނަކީ ދިފާއީ ނިޒާމް ބަލިކަށިވުމުގެ ސަބަބުން މަރުވުމުގެ ފުރުސަތު ބޮޑު މީހުންނެވެ.

ރޭ ދަރުބާރުގޭ، އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމަނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ހޯޑެއްދޫގެ ކޮންޓެކްޓުންގެ ތެރޭ މިހާތަނަށް ޖުމަލް 26 ހައި ރިސްކު މީހުން އެބަ ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އަށް މީހަކާއި ޕޮޒިޓިވްވި މީހުންނާ ބައްދަލުވި މީހުންގެ ތެރޭ ހިމެނޭ 18 މީހެއް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"މިހާތަނަށް 38 މީހަކަށް ބަލި ޖެހިފައިވޭ، އޭގެ ތެރެއިން ހައި ރިސްކް އަށް މީހުން އެބަ ތިބި. މިހާތަނަށް ކޮންޓެކްޓުންގެ ތެރޭ 202 މީހުން ފާހަގަ ކުރެވިފައިވޭ، އަދި ކޮންޓެކްޓުންގެ ތެރޭ ގާތްގަނޑަކަށް އެބައުޅޭ 18 ހައި ރިސްކު މީހުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެޗްއީއޯސީ

އޭނާ ވިދާޅުވީ، އިއްޔެ އާއި މިއަދު އެރަށުން 11 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ސާމްޕަލް ނަތީޖާ ނެގަޓިވްވި އިރު، ބާކީ 10 ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"މިހާތަނަށް އެރަށުގެ ހަ ޕަސަންޓު ގޭބިސީން ޕޮޒިޓީވް މީހުން ފެނިފައިވޭ. އަދި 19 ޕަސަންޓު ގޭބީސީން އެބަ އުޅޭ ކޮންޓެކްޓުންގެ ގޮތުގައި،" ނަޒްލާ ވިދާޅުވި އެވެ.

ހޯނޑެއްދޫއިން ފުރަތަމަ ފެނުނު ކޭސްތައް ފެނިިފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެ މީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނާ ބައްދަލުވި މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ރަށު ތެރޭގައި ބަލި ނުފެތުރޭ ކަމަށާއި އެ ރަށުގައި އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ނޫން ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން [ހޯނޑެއްދޫގައި] ކޮމިއިއުނީޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭ. އަޅުގަނޑުމެންނަށް ވަރަށް ބައިވަރު ސާމްޕަލް އެރަށުން ނެގިއްޖެ އެކި ގޮތްގޮތަށް، ރޭންޑަމް ސާމްޕަލްވެސް ނެގިއްޖެ، ކޮންޓެކްޓުންގެ ސާމްޕަލްވެސް ނެގިއްޖެ. މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ފުރަތަމަ ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި މީހުން،" ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ބަަލަނީ، ގުޅުމެއް ނެތް ކޭސްތައް ފެނުމުން ކަމަށެވެ. އެގޮތުން މިހާތަނަށް އައި އިރު، އެރަށުން އެއްވެސް ކޭސްއަކާ ގުޅުމެއްނެތް ކޭސް އެއް ފެނިފައި ނުވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން އަދިވެސް އަންނަނީ، އެރަށަށް ބަލި ފެތުރުނު ގޮތް ތަހުގީގު ކުރަމުންނެވެ. އެރަށު ކަރަންޓީންގައި ތިބި މީހުން ބައެއް މީހުންނާ ބައްދަލު ކުރި ކަމަށް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް ނަޒްލާ ވިދާޅުވީ، މިހާތަނަށް އައި އިރު އެ ވާހަކަތަކަކީ ސައްހަ މައުލޫމަތުތަކެއްކަން ކަށަވަރު ނުވާ ކަމަށެވެ.

comment ކޮމެންޓް