ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އާދަމްއާ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން: ޖޭއެސްސީ

ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުކުރި ގާޒީ އާދަމް މުހައްމަދު

ކްރިމިނަލް ކޯޓުގެ ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިންކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ.

އާދަމްއާ ކްރިމިނަލް ކޯޓު ހިންގުން ހަވާލުކުރީ، އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމާ ގުޅިގެންނެވެ. އާދަމްއާ ކްރިމިނަލް ކޯޓު ހިންގުން ހަވާލުކުރިއިރު އޭނާއަކީ އެ ކޯޓުގެ އެންމެ ދުވަސްވީ ގާޒީއެއް ނޫނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުގެ ހިންގުން ގާޒީ އާދަމްއާ ހަވާލުކުރީ އުސޫލާ ހިލާފަށްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެެވެ.

ގާޒީ އާދަމް މުހައްމަދާ ހިންގުން ހަވާލުކުރީ އުސޫލާ ހިލާފަށްކަމަށް ކުރިން ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ ހައިލަމްވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީން ބުނީ ކޯޓެއްގެ އިސް ފަނޑިޔާރަކު ޗުއްޓީއެއްގައި (ހައްޖު، އުމްރާ ހިމެނޭގޮތަށް) ހުރެ ނުވަތަ ޒިންމާތަކުން ދާއިމީ ގޮތުން ވީއްލައިފައި ނަމަ ނުވަތަ ސަލާމުގައި ހުންނަ ހިނދު އެ ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެހުންނާނީ އެ ކޯޓެއްގައި އެންމެ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށެވެ.

ނަމަވެސް ކޯޓެއްގެ އިސް ފަނޑިޔާރަކު ސަސްޕެންޑް ކުރެވޭ ހާލަތުގައި އެ ތަރުތީބުން އަމަލުކުރުން އިސްތިސްނާވާނެކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް އޭނާ ސަސްޕެންޑް ކޮށް މަގާމުން ވަކިކުރަން ނިންމި އެވެ. ނަމަވެސް ފަހުން ހައިލަމް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެފަދަ ހާލަތެއްގައި ފަނޑިޔާރުންގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)އާ އެއްގޮތަށް ވަގުތީ ގޮތުން ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލުކުރަނީ ކޯޓުގައި ނުވަތަ ދާއިރާއިގައި ތިބި ހުރިހާ ފަނޑިޔާރުންގެ ވަނަވަރު އަދި ރެކޯޑްކުރެވިފައިވާ ލިޔެކިޔުންތަކަށް ބެލުމަށްފަހު ތައުލީމާއި ތަޖުރިބާ އަހުލާގާ ގާބިލްކަމަށް ބެލުމަށްފަހު ޖޭއެސްސީގެ މެމްބަރުންގެ އަޣުލަބިއްޔަތުންކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ހުދު ކުރީގެ ގާޒީ ހައިލަމްވެސް ވިދާޅުވީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުކުރި ގާޒީ އާދަމް މުހައްމަދަކީ މިހާރު އެ ކޯޓުގައި ހުރި އެންމެ ގާބިލް ގާޒީ ކަމަށެވެ.

ގާޒީ ހައިލަމްއަށް އިޝާރާތްކޮށް ޖޭއެސްސީން ބުނީ އެކި އެކި ސުލޫކީ މައްސަލަތައް ސާބިތުވެ މަގާމުން ވަކިކުރަން ލަފާދިނުމުން އިސްތިއުފާ ދިނުމަށްފަހު ޖޭއެސްސީން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށް ކުރާ މަސައްކަތާ ބެހޭގޮތުުން ކަންހިނގާ ގޮތް އާންމުންނަށް އޮޅުވާލަން މަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށެވެ. އަދި އެފަދަ ޒިންމާދާރުކުޑަގޮތަށް ދައްކާ ވާހަކަތައް ޖޭއެސްސީން ވަނީ ކުށްވެރިކޮށްފަ އެެވެ.

"މި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަމުންދާނީ ގާނޫނައި ގަވައިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް މި ފުރުސަތުގައި މި ފުރުސަތުގަިއ މިކޮމިޝަނުގެ ފަރާތުނ އަރުވަމެވެ" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް