އެއް ސްކޫލެއްގައި ޕްރިންސިޕަލްކަން ކުރެވޭނީ އަށް އަހަރަށް

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްތްރީ

އެއް ސްކޫލެއްގައި ވިދިވިދިގެން ޕްރިންސިލަޕްކަން ކުރެވޭނީ ގިނަވެގެން އަށް އަހަރަށް ކަމަށް ޕްރިންސިޕަލުންގެ ވަޒީފާ އާއި ބެހޭ އުސޫލުގައި ބުނެފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ އެ އުސޫލުގައި ބުނީ ޕްރިންސިޕަލުންގެ ވަޒީފާ އާ ބެހޭ އުސޫލެއް ކަނޑައެޅީ ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ ގަބިލު، އެކަށީގެންވާ ޕްރިންސިޕަލުން އައްޔަނު ކުރުމަށާއި ދިގު މުއްދަތަކަށް އެސް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދައި، އާ ހިޔާލުތަކާ ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.

ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމަކަށް ވާއިރު، ޕްރިންސިޕަލުން ހޯދުމަށް އިއުލާނު ކުރަނީ ސިވިލް ސާވިސްގެ އެހެން ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާނު ކުރާ އުސޫލުންނެވެ.

ސިވިލް ސާވިސްގެ އުސޫލުގައި ބުނާގޮތުން ޕްރިންސިޕަލުންގެ މަގާމަށް ހޮވާ ފަރަތެއް ކަނޑައާޅާނީ ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވާ އުސޫލަށް ބަލައިގެންނެވެ. އަދި މި މަގަމަކީ ދާއިމީ ގިންތީގައި ހިމެނޭ މަގާމަކަށް ވާތީ، ޕްރިންސިޕަލުންގެ ގޮތުގައި ހޮވާ ފަރާތްތަކާމެދު އަމަލު ކުރާނީ ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުންނާމެދު އަމަލު ކުރާ އުސޫލުން ކަމަށް ބުނެފައިވެ އެވެ.

އެ އުސޫލުގައި ބުނާގޮތުން ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަހަރެވެ. އަދި ވިދިވިދިގެން އެންމެ ގިނަވެގެން ޕްރިންސިޕަލް ކަން އެއް ސްކޫލެއްގަިއ ކުރެވޭނީ އަށް އަހަރު ވަންދެން ކަމަށް ބުނެފައިވެ އެވެ.

އުސޫލު އާންމު ކުރާ ދުވަހުން ފެށިގެން އުސޫލަށް އަމަލު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އުސޫލަށް އަމަލު ކުރަން ފެށުމާއެކު ސްކޫލުތަކުގެ އިދާރީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ ކަމަށައި އެފަރާތްތަކަށް އެއް އަހަރުގެ ތެރޭގައި ޓެނުއާޝިޕް ހަމަޖައްސަންވާނެ ކަމަށް ކަމަށް ބުނެފައިވެ އެވެ.

މި އުސޫލު އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައު އާންމުކޮށްފައިވަނީ އިއްޔެ އެވެ. އުސޫލު އެކުލަވާލާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް