އެއް އަހަރުތެރޭ މަޖިލިސް ރައީސްގެ މުސާރައާއި އިނާޔަތްތަކަށް ތިން މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އެއް އަހަރު ތެރޭ މުސާރައާއި އިނާޔަތުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ދައްކައިފި އެވެ.

މަޖިލިސް މެމްބަރުން މަލީ ބަޔާންތައް މިއަދު މަޖިލިސް ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ މެއި މަހު 27 އިން ފެށިގެން މިއަހަރުގެ މެއި މަހު 28 އަށް ރައީސް ނަޝީދަށް މުސާރައާއި އިނާޔަތުގައި ގޮތުގައި ލިބިފައި ވަނީ، 3.18 މިލިއަން ރުފިޔާ އެވެ.

ބޭންކް އިންޓްރެސްޓްގެ ގޮތުގައި ރައީސް ނަޝީދަށް ލިބިފައިވަނީ، 36،029 ރުފިޔާ އެވެ.

ތިން ބޭންކެއްގައި އެމަނިކުފާނުގެ އެކައުންޓެއް ހުރި އިރު، އެންމެ ގިނަ ރުފިޔާ ހުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާގަ އެވެ. އެ ބޭންކުގައި 1.59 މިލިއަން ރުފިޔާ ހުރި އިރު، ބީއެމްއެލް އެކައުންޓުގައި ހުރީ 41،471.71 ރުފިޔާ އަދި އިސްލާމިކް ބޭންކް އެކައުންޓުގައި ހުރީ 76،979.62 ރުފިޔާ އެވެ.

https://sun.mv/120358

ރައީސް ނަޝިދުގެ ނަމުގައި ލޯނެއް އަދި އެހެން ކުންފުންޏެއްގެ ހިއްސާއެއް އޮތް ކަމަށް މާލީ ބަޔާނުގައި ނެތެވެ. ނަމަވެސް. ލ. ގަން ގައި އެމަނިކުފާނުގެ ގޯއްޗެއް އެބަ އޮތެވެ.

މީގެ ކުރިން މަޖިލިސް މެމްބަރުންގެ މާލީ ބަޔާން އާންމުކުރަން ނުޖެހެ އެވެ. ނަމަވެސް މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލާއެކު މެމްބަރުންގެ މާލީ ބަޔާން އާންމު ކުރުން ލާޒިމެވެ.

މަޖިލިސް ރައީސަށް މަހަކު ލިބވަޑައިގަންވަނީ 73،000 ރުފިޔާ އެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް ދޭ މާލީ އިނާޔަތާއި އެކޮމޮޑޭޝަން އެލަވަންސް އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި އެމަނިކުފާނަށް 172،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސްގެ އިނާޔަތް

މާލީ އިނާޔަތް: 75،000 ރުފިޔާ
އެކޮމޮޑޭޝަން: 10،000
އޮފީސް ހިންގުމަށް: 87،000

މަޖިލިސް އިދާރާ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކުރީ ރައީސުންގެ އިނާޔަތްތަކުގެ ގޮތުގައި ރައީސް ނަޝީދު ވަނީ މާލީ އިނާޔަތްތަކާއި އެކޮމޮޑޭޝަން އުނިކުރުމަށް އެދިވަައިގެންފަ އެވެ. އެހެން ކަމުން މިހާރު އެމަނުކުފާނު ނަންގަވަނީ ހަމައެކަނި އޮފީސް ހިންގުމަށް 87،000 ރުފިޔާ އަދި ސެކިއުރިޓީ އެވެ.

comment ކޮމެންޓް