ރެއާލުން ބޭކާރުކޮށްލުމުން ހަމޭސް އެވަޓަންއަށް

ކާލޯ އެންޗެލޮޓީ(ކ) އާއި ހަމޭސް ރޮޑްރިގޭޒް(ވ): ރެއާލްގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވުމަށް ފަހު އެ ކްލަބަށް ކުޅުމަށް ރޮޑްރިގޭޒަށް ގިނަ ފުރުސަތުތަކެއް ލިބިގެންނެއް ނުދޭ --- ފޮޓޯ: ގެޓީ

މުޅި ސީޒަން ބެންޗުގައި ހޭދަކުރުމަށްފަހު ރެއާލް މެޑްރިޑް ދޫކޮށް އިނގިރޭސިވިލާތުގެ އެވަޓަންއަށް ހަމޭސް ރޮޑްރިގޭޒް ބަދަލުވެއްޖެ އެވެ.

ބަޔާން މިއުނިކުގައި ލޯން އެއްބަސްވުމެއްފެ ދަށުން ރަނގަޅު ދެ ސީޒަނެއްގައި ކުޅުމަށްފަހު މިދިޔަ ސީޒަނުގައި ރެއާލަށް އެނބުރި އައި ހަމޭސްއަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން މުޅި ސީޒަނުގައި ވެސް ފުރުސަތު ދީފައިވަނީ، އަށް ލީގު މެޗުންނެވެ. މުޅި ސީޒަނުގައި ވެސް އެންމެ ގޯލަކާ އެއް އެސިސްޓް ހަމޭސް ހެދި އިރު، ފަހުން ގޮސް ބެންޗުން ވެސް އޭނާއަށް ވަނީ ފުރުސަތު ގެއްލިފަ އެވެ.

ދެ އަހަރުގެ އެއްބަސްވުމަކާ އެކު ހަމޭސް ޕްރިމިއާ ލީގުގައި ވާދަކުރާ އެވަޓަންއަށް ގުޅުނީ އެންމެ 20 މިލިއަން ޕައުންޑްގެ އަގަކަށެވެ. ދެ އަހަރުގެ އެއްބަސްވުން އިތުރު އަހަރަކަށް ވެސް ދިގު ދަންމަވާލެވޭ ގޮތަށް ހަދާފައިވާ މި އެއްބަސްވުމާ އެކު ރެއާލް މެޑްރިޑާއި، ބަޔާން މިއުނުކުގައި އޭނާ ހޭދަ ކުރި ދުވަސްތަކުގައި ކޯޗުކަން ކޮށްދިން ކާލޯސް އެންޗެލޮޓީގެ ގާތަށް ހަމޭސް ދިޔައިރު އެންޗެލޮޓީ ވަނީ މީގެ ކުރިން ވެސް ނަޕޯލީއަށް ކޯޗުކަން ކޮށްދިން އިރު ހަމޭސް ގެންދަން މަސައްކަތް ކޮށްފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުން ވިދާލި ހަމޭސް އެ މުބާރާތުގައި ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ޔޫރޮޕުގެ ބޮޑެތި ކުލަބުތަކަކުން ވަނީ އޭނަގެ ސޮއި ހޯދުމަށް ގަދަ ހިފުމަކަށް ގޮސްފަ އެވެ. އެހެން ހުރިހާ ކުލަބަކަށް ނޫނެކޭ ބުނުމަށްފަހު ހަމޭސް އޭރު ރެއާލް މެޑްރިޑަށް ބަދަލުވީ އެއީ އަބަދުވެސް ދެކެމުން އައި ހުވަފެން ކަމަށް ބުނެ އެވެ.

ފުރަތަމަ ދެ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ހަމޭސްއަށް ފުރުސަތު ގެއްލެން ފެށުމާ އެކު އޭނަގެ ކުޅުން މަޑު މަޑުން ދަށްވެ، ލޯން އެއްބަސްވުމަކަށް ބަޔާން މިއުނިކަށް ފޮނުވާލީ 2017 ވަނަ އަހަރު އެވެ. އެއަށްފަހު ދެ އަހަރު އެކުލަބުގައި ކުޅުނު އިރު ބަޔާނުން ވެސް އެންމެ ފަހުން އޭނަގެ އެއްބަސްވުން ދާއިމީ ނުކުރުމަށް ނިންމި އެވެ.

ހަމޭސް ބުނީ އެވަޓަންއަށް އޭނާ ބަދަލުވާން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އެ ޓީމަކީ މުއްސަނދި ތާރީހެއް އޮތް ކުލަބަކަށް ވެފައި، އެ ޓީމުގެ ކޯޗަކަށް އެންޗެލޮޓީ ހުރުމުން ކަމަށެވެ.

comment ކޮމެންޓް