ކޯޓުގެ ނިންމުމަކީ ރާއްޖޭގެ ކުޅިވަރު އާއިލާއަށް ލިބުނު އުފަލެއް: ޓީޓީގެ ވަކީލް

ޓީޓީ އެސޯސިއޭޝަނުގައި މިއަދު ކުރިއްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުގެ ގާނޫނީ ވަކީލް މުހައްމަދު ޖައުޝަން އަދި ޖެނެރަލް ސެކެއްޓަރީ އިސްމާއިލް ޝުޖާއު --- ސަން ފޮޓޯ

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް އެ އެސޯސިއޭޝަނުގެ އިންތިހާބީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ އިރު، އިންތިހާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން މިއަދު ނިންމި ނިންމުމަކީ ރާއްޖޭގެ ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު އުފަލެއް ކަމަށް ޓީޓީ އެސޯސިއޭޝަންގެ ލޯޔަރު މުހައްމަދު ޖައުޝަން ވިދާޅުވެއްޖެ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލައިގައި އެސޯސިއޭޝަނާ ދެކޮޅަށް އެ އެސޯސިއޭޝަންގެ މިހާރު އޮތް އެކްސްކޯގެ މެންބަރު އަދި ކުރިއަށް އޮތް އިންތިހާބުގައިވެސް އެކްސްކޯއަށް ވާދަ ކުރާ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލަ ވައްދާފަ އެވެ. އަދި މި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، މައްސަލައިގެ އިޖުރާއީ އަޑުއެހުން އިއްޔެ ވަނީ ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. އަދި އަލިބެ ވަނީ އިންތިހާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދިފައެވެ.

ނަމަވެސް މާދަމާ ޓީޓީ އެސޯސިއޭޝަނުން ބާއްވާ އިންތިހާބު ފަސްކުރުން، ނުވަތަ ބޭއްވުން މަނާ ކުރެވޭނެ ހާލަތެއް ނެތްކަމަށް މިއަދު ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. ޓީޓީ އެސޯސިއޭޝަނުގެ ފަރާތުން މި މައްސައިގައި ކޯޓުގައި ވަކާލާތު ކުރައްވާ ޖައުޝަން މިރޭ ވިދާޅުވީ، މިއީ ވޭތުވެ ދިޔަ ދުވަސްތަކުގައި ޓީޓީ އެސޯސިއޭޝަނުން ކުރި މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުގައި މިއަދު ކުރިއްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުގެ ގާނޫނީ ވަކީލް މުހައްމަދު ޖައުޝަން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ

"މިއީ ހަމައެކަނި ޓީޓީއަށް ލިބުނު އުފަލެއް ނޫން. މިއީ ދިވެހި ރާއްޖޭގެ މުޅި ކުޅިވަރު އާއިލާއަށް އޭގެ ސަބަބުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" ޖައުޝަން ވިދާޅުވި އެވެ.

ޖައުޝަން ވިދާޅުވީ، މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދެފަރާތުން ވެސް ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވި ކަމަށާއި، ދައުވާ ކުރާ ފަރާތުން އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ މާދަމާގެ އިންތިހާބު ބޭއްވިއްޖެ ނަމަ އެފަރާތުގެ ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެން ގޮސްދާނެ ކަމަށެވެ. އަދި ޓީޓީގެ އެހެން މެމްބަރުންތަކެއްގެ ވެސް ހައްގުތަކެއް ގެއްލޭނެ ކަމަށާއި، ޓީޓީ އެސޯސިއޭޝަނުން ހާއްސަ އާއްމު ޖަލްސާއެއް ބާއްވަން ޖާގަ ނުދިނީ ގަވާއިދާ ޚިލާފަށް ކަމަށް ދައުވާ އުފުލި ފަރާތުން ފާހަގަ ކުރި ކަމަށް ޖައުޝަން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކޯޓުގެ މި ނިންމުމަށްފަހު ޓީޓީގެ ބައިނަލްއަގްވާމީ ޖަމްއިއްޔާ، އައިޓީޓީއެފް އާ އެކު ހިއްސާ ކުރެވުނު ވާހަކަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖައުޝަން ވިދާޅުވީ، އެބޭފުޅުން ވެސް ވިދާޅުވީ ޓީޓީ އެސޯސިއޭޝަނުން ކަންތައްތައް ކުރަމުން ގެންދަނީ ބައިނަލް އަގުވާމީ ފެޑެރޭޝަންތަކާއި، ޖަމިއްޔާތަކުގެ ގާނޫނާއި، ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

"މި މައްސަލައިގައި އިތުރަށް ކުރިއަށް ގޮސްފި ނަމަ، އައިޓީޓީއެފްއިން ފާހަގަ ކުރައްވަނީ ސިވިލް ކޯޓަށް ނުވަތަ އެހެން ވެސް ފަރާތަކުން ވެސް ކުރިއަށް ނުގެންދެވުމަށް. ސަބަބަކީ ސަސްޕެންޝަން އެވޮއިޑް ކުރުމަށް،"

ޓީޓީއެއެމްގެ އިންތިހާބު ވޯޓުލުން އޮންނާނީ، މާދަމާ މެންދުރު ފަހު 1:00 ހަވީރު 5:00 ށް ގަލޮޅު ދަނޑުގަ އެވެ.

comment ކޮމެންޓް