ގައުމީ ޓީމުތަކަށް ކްރިސްޓަލް ޕެލަސް ޑޮކްޓަރުގެ ހާއްސަ ސެޝަނެއް

ޑރ.ޒަފް ކުރީގެ ލިވަޕޫލް ފޯވާޑް ލުއިސް ސުއަރޭޒްއާ އެކު ---

ލިވަޕޫލުގެ ކުރީގެ ޑޮކްޓަރު، އަދި މިހާރު ކްރިސްޓަލް ޕެލަހުގެ ހެޑް އޮފް ސްޕޯޓްސް މެޑިސިން ގެ ގޮތުގައި ހަރަކާތްތެރިވާ ޑރ. ޒަފް އިގަބާލް ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިން، އަދި އެސޯސިއޭޝަންތަކާ ބައްދަލުކޮށްފި އެވެ.

މިރޭ ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި ގައުމީ އެކި ކުޅިވަރުތަކުގެ ކުޅުންތެރިންނާ އެކު 190 އެއްހާ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވެސް ބައިވެރިވެ ވަޑައިގެންފައިވާ އިރު، މި ބައްދަލުވުމަކީ މަހްލޫފް ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ޓްވިޓާއިން ފެނިގެން އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އަމިއްލައަށް ރިކުއެސްޓް ކުރި ބައްދަލުވުމެއް ކަމަށް ޑރ. ޒަފް ވަނީ ބުނެފަ އެވެ.

ބައްދަލުވުން ފެށުމުގެ ކުރިން ވާހަކަ ދައްކަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މިއީ ކޮވިޑް19 ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް ޖިސްމާނީ ގޮތުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މުހިއްމު ސެޝަނަކަށް ވެގެންދާނެ ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވެ އާއްމު ހާލަތަކަށް އައުމުން ރާއްޖެ އައުމަށް ޑރ. ޒަފްއަށް މަހްލޫފް ވަނީ ދައުވަތު ދެއްވާފަ އެވެ.

މިރޭ ބޭއްވި މި ސެޝަނުގައި ޑރ. ޒަފް ވަނީ ކޮވިޑ119 ގެ ލޮކްޑައުން ހާލަތުގައި ފިޓްނެސް ދަމަހައްޓާނެ ގޮތް އެތުލީޓުންނަށް ކިޔައިދީފަ އެވެ. އަދި ނިއުޓްރިޝަން، އެކްސަސައިޒް ރޫޓީންސް، އަދި ފިޓްނެސް މެއިންޓެނަންސް ކިޔައިދީފައިވާ އިރު، ރާއްޖެ އައުމަށް މަހުލޫފް ދެއްވި ދައުވަތަށް ޑރ.ޒަފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ދެހާސް ފަސްވަނަ އަހަރުން ފެށިގެން އެކި ފުޓުބޯޅަ ޓީމުތަކުގެ މެޑިކަލް ޓީމުގައި ހަރަކާތްތެރިވަމުން އައި ޒަފް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ޓޮޓެންހަމްއާއި ލިވަޕޫލުގެ ޑޮކްޓަރުގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. އަދި އެހެންމެ އޭނާ ވަނީ ފުޓުބޯޅައިގެ އިތުރުން ކްރިކެޓް ޓީމުތަކާ އެކު ވެސް މަސައްކަތްކޮށް ތަޖުރިބާ ހޯދައިފަ އެވެ.

comment ކޮމެންޓް