ވަރަށް އަވަހަށް ހެލިކޮޕްޓަރު ދުއްވަން ދިވެހި ޕައިލެޓުން އަރާނެ: ޝަމާލް

--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކައިރި މުސްތަގުބަލެއްގައި އެމްއެންޑީއެފްގެ އޮޕަރޭޝަންތަކަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރާއި އަދިވެސް އަސްކަރީ ވައިގެ އެހެން އުޅަނދުތައް ދުއްވާނީ ދިވެހި ޕައިލެޓުން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަނީ އިންޑީއާގެ ދެ ހެލިކޮޕްޓަރުންނެވެ. އެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަމުން އަންނަނީ، އިންޑިއާ ސިފައިންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް އޮތް ނުރައްކަލެއް ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްއިން އެ ވާހަކަތައް ދޮގު ކުރެއެވެ.

އަދި ދިވެހި ޕައިލެޓުން ތިބި ނަމަވެސް، އަދިވެސް އިންޑިއާ ސިފައިން ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގެ ކަންބޮޑުވުން ވެސް ގިނަ ބަޔަކު އަންނަނީ ފާޅުކުރަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ޝަމާލް މިއަދު ވިދާޅުވީ ހެލިކޮޕްޓަރު ވިޔަސް އަދި އެހެން އެއާކްރާފްޓެއް ނަމަވެސް، އެ އުޅަނދެއް ދިވެހިން ދުއްވާނެ ކަމަށް އެގްރީމަންޓުގައި އޮންނާނެ ކަމަށެވެ. އަދި އުޅަނދުތައް ދުއްވުމަށް ދިވެހީން ތަމްރީނުކުރުމުގެ ވާހަކަތައް ވެސް އެގްރީމަންޓުގައި އޮންނާނެ ކަމަށެވެ.

އެހެން ނަމަވެސް އެކަމުގައި ގޮންޖެހުންތަކެއް ހުރިކަން ޝަމާލް ފާހަގަކުރެއްވިއެވެ. އެގޮތުން ސީދާ ހެލިކޮޕްޓަރު ދުއްވުމުގެ ތަމްރީނު ފުރިހަމަކޮށްފައިވާ ދިވެހި ޕައިލެޓެއް ނެތްކަމަށް ޝަމާލް ވިދާޅުވިއެވެ.

"ހައެއްކަ ކުދިން މި ތިބީ ޕައިލެޓުންގެ ގޮތުގައި. އެހެން ނަމަވެސް އެކުދިންނަކީ ދުނިޔޭގެ އެކިއެކި އެއާފޯސް އެކެޑެމީތަކުން ތަފާތު ވައްތަރުގެ އެއާކްރާފްޓްގެ ތަމްރީނު ހަދާފައި ތިބި ކުރިން. ސީދާ މީގެ [އިންޑިއާ ހެލިކޮޕްޓަރުގެ] ރޭޓިންއެއް ނެތް ހަދާފައެއް،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މިހާރު ތިބި ޕައިލެޓުން އެ ހެލިކޮޕްޓަރުތައް ދުއްވަން ތަމްރީނުކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. ހަމައެއާއެކު ޑޯނިއާ އެއާކްރާފްޓް ދުއްވަން ހާއްސަ ކުދިން ވެސް ތަމްރީނުކުރަމުން އަންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ތެރެއިން އެފަދަ ޕައިލެޓުން ތަމްރީނުކުރުމުގެ މަގުސަދަކީ، ކޮމާޝަލް ޕައިލެޓުންގެ ޑިމާންޑް ބޮޑުވުމުން ދިމާވާ ގޮންޖެހުންތަކުގެ ސަބަބުންނެވެ.

އެގޮތުން ކޮމާޝަލް ޕައިލެޓަކަށް ދޭ މުސާރައާ އެއްވަރުގެ މުސާރައެއް އަސްކަރީ އުޅަނދުތައް ދުއްވާ ޕައިލެޓުންނަށް ދިނުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ފަސްދޮޅަސް ހާހާއި އަށްޑިހަ ހާހާ ދޭތެރޭ ޕައިލެޓަކަށް މުސާރަ ދޭން ޖެހޭ އެބަ. ދޭއިރުގައި އަޅުގަނޑުމެން އެގޮތަށް ސިފައިންގެ އޮފިސަރަކަށް، ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށް އެވަރުގެ މުސާރަ ދެންޏާ، އެހެން ދިމަދިމާލުން ވެސް އެބަ ޖެހޭ މުސާރަ ބޮޑުކޮށްދޭން ޖެހޭ. އޭގެތެރޭގައި ޑޮކްޓަރުންނާ، ލޯޔަރުންނާ އަދި އިންޖނިއަރުންނާ ޓެކްނިކަލް އެތައް ބަޔަކު މަސައްކަތްކުރާ ފަރާތްތައް އުޅޭ ތަނެއް މިއީ،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ގުޅިގެން ޕައިލެޓުންގެ ގޮތުގައި މަސައްކަތް ކުރެވިދާނެތޯ، ބޭރުގެ ބައެއް ޑޯނިއާ ކެޕްޓަނުން ނުވަތަ ޑޯނިއާގެ ތަޖުރިބާ ހުރި ބައެއް ފަރާތްތަކާ އެކު ވާހަކަދައްކަމުން އަންނަ ކަމަށެވެ.

"އެއީ މިއަށް ޝޯޓްކަޓެއް ނުވަތަ އަވަސް ގޮތަކަށް ކޮކްޕިޓް ތެރެއަށް ދިވެހި ޕައިލެޓުން ލުމުގެ ނިޔަތުގައި. އެހްނެވީމަ ކައިރި މުސްތަގުބަލެއްގައި މި މަތިންދާބޯޓުތަކުގައި ދިވެހި ޕައިލޭތުން އުދުހޭނެ. މަތިންދާބޯޓޭ އަޅުގަނޑު މި ދެންނެވީ ހެލިކޮޕްޓަރުގައި ވިޔަސް އެހެން އުޅަނދެއްގައި ވިޔަސް ދިވެހި ޕައިލެޓުން ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަމާލް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އޮޕަރޭޝަންތަކަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އެގައުމުގެ ސިފައިންނާއި ޓެކްނިކަލް ފަރާތްތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް އިންޑިއާގެ 50 އެއްހާ މީހުން ތިބެ އެވެ.

އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮންނަ އިރު އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ.

ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ލިބޭވަރަކުން ދެ ގައުމު ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގެ ވިސްނުންތަކެއް އެމްއެންޑީއެފްއިން ގެންގެޅޭ ކަމަށް މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް