މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދޭއްގައި މިރޭ އައިސްލޭންޑް އަތުން އިނގިރޭސިވިލާތް ހަނިގޮތަކަށް މޮޅުވެއްޖެ އެވެ.
ޔޫއެފާއިން މީގެ ދެ އަހަރު ކުރިން އަލަށް ތައާރަފު ކުރި ނޭޝަންސް ލީގުގެ ދެވަނަ ސީޒަން މިދިޔަ ބުރާސްފަތި ދުވަހު ފެށި އިރު މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އެގޮތުން އައިސްލޭންޑް އަތުން މިރޭ ކުޅުނު މެޗުގައި އިނގިރޭސިންނަށް ކުރި ހޯދުނީ އިތުރުވަގުތުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފޯވާޑް ރަހީމް ސްޓާލިންގް ޖެހި ގޯލާ އެކު 0-1 ގެ ނަތީޖާއަކުންނެވެ.
ކުލަބުތަކުން ރިލީޒް ނުލިބުމާއި، އަނިޔާގެ ސަބަބުން އައިސްލޭންޑްގެ މުހިއްމު ހަ ކުޅުންތެރިއަކު މެޗު ކުޅުމަށް ދަތުރު ކޮށްފައެއް ނުވެ އެވެ. އޭގެ ތެރެއިން އެވަޓަންގެ ސިގްރޮސަން އާއި ބާންލީގެ ޔޯހަން ބާގް ގުޑްމަންސަން އެ ކުޅުންތެރިން ކުޅެމުން އަންނަ ކުލަބުގެ ހާލަތު އޮތް ގޮތުން އަމިއްލައަށް ރިލީޒް ހޯދި އިރު މިރޭގެ މެޗުގައި އައިސްލޭންޑުން ވަނީ ފޯމުގައި އޮތް އިނގިރޭސިން ހިފަހައްޓަން ފަހުވަގުތާ ޖެހެންދެން މަސައްކަތް ކޮށްފަ އެވެ.
އައިސްލޭންޑުން ކުރަމުން އައި އުނދަގޫ މަސައްކަތް ފެނަށް ވެގެން ދިޔައީ މެޗުގެ އިތުރުވަގުތުގައި އިނގިރޭސިންނަށް ދިން ޕެނަލްޓީއަކާ ގުޅިގެންނެވެ. އެ ޕެނަލްޓީއަކީ ސްޓާލިންގް ގޯލަށް ފޮނުވާލި ހަމަލާއެއް އައިސްލޭންޑުގެ ޑިފެންޑަރު އިންގަސަން އަތުން ޖައްސާ ދިފާއުކުރުމުން ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް އިނގިރޭސިންނަށް ސްޓާލިންގް ލީޑު ނަގައިދިނުމާ އެކު އެ ޓީމު ވަނީ މިވަގުތު އެ ގްރޫޕުގެ ތާވަލުގެ އެއްވަނައަށް އަރައިފަ އެވެ.
މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. މެޗުގެ 71 ވަނަ މިނަޓުގައި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ވިންގް ކައިލް ވޯކާއަށް ރަތް ކާޑު ދެއްކި އިރު ދެވަނަ ރަތް ކާޑަކީ ފަހު ވަގުތު ރޮނގުމަތިން އަތުން ޖެއްސި އައިސްލޭންޑުގެ ޑިފެންޑަރު އިންގަސަންއަށް ދެއްކި ކާޑެވެ.
މި ގްރޫޕުގައި ދެން ހިމެނޭ ޑެންމާކާއި، ބެލްޖިއަމް ކުޅޭ މެޗު މިރޭ ކުޅޭ އިރު އިނގިރޭސިން ދެން މެޗެއްގައި ވާދަކުރާނީ ޑެންމާކާ އެވެ.