ފްލައިމީ އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފި، ފުރަތަމަ ލަންކާއަށް

ފްލައިމީގެ ބޯޑެއް --- ފޮޓޯ: ވިލާއެއާ

ވިލާ އެއާގެ ފްލައިމީއިން ބައިނަލްއަގުވާމީ ދަތުރުތައް ފަށައިފިއެވެ.

ފްލައިމީއިން ބައިނަލްއަގުވާމީ ދަތުރުތައް ފެށީ އިއްޔެއެވެ. އެގޮތުން އެންމެ ފުރަތަމަ ދަތުރުކޮށްފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށެވެ.

ވިލާ އެއާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ ކުރި ޗާޓަރު ދަތުރުގައި ބޭނުންކޮށްފައި ވަނީ، 72 މީހުންގެ ޖާގައިގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ބޯޓެއް ކަމަށާއި އެ ދަތުރުގައި ބައިވެރިވީ ހަމައެކަނި ދިވެހި ކްރޫން ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން އެ ކުންފުނިން އަންނަނީ ބައިނަލްއަގުވާމީ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންނެވެ. އެކަމަށް ބޭނުންވާ އެއާ އޮޕަރޭޓިން ސެޓްފިކެޓް (އޭއޯސީ) ވިލާ އެއާއަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ފުރަތަމަ ދަތުރު، ކޮލަމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ އެއާލައިން އުދުހޭނީ ކޮލޮމްބޯގެ ރަތުމަލަނާ އެއާޕޯޓަށް ކަމަށް ބަޔާނުގައިވެއެވެ.

ލަންކާގެ ބޯޑަރު ހުޅުވާލިހާ އަވަހަކަށް، ފްލައިމީގެ ދަތުރުތައް ފަށާނެއެވެ.

ބަޔާނުގައި ބުނެފައި ވަނީ، އިންޑިއާއަށް ވެސް އެ އެއާލައިންގެ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވިލާ އެއާއިން ބުނީ، ފްލައިމީގެ ދަތުރުތަކާ އެކު ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

comment ކޮމެންޓް