މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި ބޮލީވުޑްގެ ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރާ ގުޅިގެން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ފުރަތަމަ ސްޓޭޓްމަންޓް ނެރެފި އެވެ.
ސުޝާންތުގެ މަރުގެ ތަހުގީގު ސީބީއައި އިން ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުން ދަނިކޮށް މި ހަފްތާ ތެރޭ "އިންޑިއާ ޓުޑޭ" އިން ޕަބްލިޝްކުރި ހަބަރަކަށް ރައްދުދެމުން ސީބީއައިން ނެރުނު ސްޓޭޓްމަންޓުގައި ބުނީ ސުޝާންތުގެ ކޭސް އާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާނެ ކަމަށެވެ. އިންޑިއާ ޓުޑޭ އިން ޕަބްލިޝް ކުރި ހަބަރުގައި ބުނީ ސުޝާންތު އަމިއްލަ އަށް މަރުވީކަމަށް ބެލެވޭ ކަމަށާއި އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެތް ނެތްކަމަށް ސީބީއައިގެ ތިން އޮފިސަރުން އެ ނޫހަށް ބުނެފައިވާ ކަމަށެވެ.
އެ ހަބަރާއެކު ގިނަ މީޑިއާތަކުން މި ހަބަރު ފެތުރިއިރު އެ ކަމަށް ރައްދުދީ ސީބީއައި އިން ނެރުނު ސްޓޭޓްމަންޓުގައި ބުނީ ސުޝާންތުގެ ކޭސް ތަހުގީގުކުރަމުން މިދަނީ ވަރަށް ޕްރޮފެޝަނަލް ކޮށް ސިސްޓަމެޓިކް ކޮށް ކަމަށާއި ސީބީއައި އޭ ބުނެ، ބައެއް މީޑީއާތަކުގައި ފެތުރީ އަސްލެއް ނެތް ދޮގު ވާހަކައެއްކަމަށެވެ. އަދި ތަހުގީގުކުރަމުންދާ ކޭހަކާ ގުޅިގެން އެއްވެސް މީޑިއާއަކަށް މައުލޫމާތު ނުދޭނެ ކަމަށްވެސް ސީބީއައި އިން ވަނީ ބުނެފަ އެވެ.
ސީބީއައި އިން ބުރާސްފަތި ދުވަހާއި އިއްޔެ ވަނީ ސުޝާންތުގެ ކުރީގެ މެނޭޖަރު ދިޝާ ސާލިއަންއާ އެކު މަސައްކަތްކުރި ބަންޓީ ސާޖްދޭހް ގެނެސް ސުވާލުކޮށްފަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ދިޝާގެ މަރާ ސުޝާންތުގެ މަރާ ގުޅުމެއްވެ އެވެ.