ގަނޑުވަރު ތެރެއިން 29

ގަނޑުވަރު ތެރެއިން ލޯބި ވާހަކަ ކަވަރު

މަނިކުފާނުގެ ކޮއްކޯފުޅު ރަގަޅުވާނެކަމުގެ އޮތް އުއްމީދު ގެއްލިއްޖެ. އެކަމަކު އެންމެ ބޭހެއް އަދިވެސް އެބައޮތް...."

"އެއީ ކޮންބޭހެއްތޯ؟ އަޅުގަނޑު ފުރާނަ ދުއްވާލައިގެންވެސް އެބޭހެއް ހޯދާނަން...." ލޫކާ ހާސްކަމާއެކު އެހެން ބުނެލިއިރު ޖަޒުބާތުގެ ސަބަބުން ފެންކަޅިވެއްޖެއެވެ.

"އެއީ މިރޭ އިރުއޮއްސުމުގެ ކުރިން ޝެހެޒާދީ ލޫސީ ވަޑައިގަތުން...." ޑޮކްޓަރުގެ އެ ޖުމްލައިން ލޫކާގެ ހިތުގައި ކަނިޖަހައިލި އުއްމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ.

"އެނޫން ގޮތަކަށް ކޮއްކޯފުޅު ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއްނެތް.."

ލޫކާގެ ހިތް ހަލާކުވާވަރުވުމާއެކު ލާވަންއާއި ދިމާލަށް ގުދުވެ ބަލައިލިއިރު ނޭވާ ލާ ހެނެއްވެސް ހިޔެއްނުވެއެވެ. މޫނުމަތިން ދިރިހުރުމުގެ އެއްވެސް އަސަރެއް ނެތެވެ. ލޫކާ ލާވަންގެ އަތުގައި ހިފާ ތަޅުވަމުން މަޑުމަޑުން ގޮވަންފެށިއެވެ. މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. ފިނިކަމުން ގަނޑުފެންގަނޑެކޭ ތަފާތެއްނެތެވެ. އިސްތަށިގަނޑުގައި ތަރުތީބެއް ނެތެވެ. ބޯ އެސްފިޔަތައް ހުޅުވައިލާވަރަށް ވުރެ ބަރީކަން ނޭގެއެވެ. އަބަދަށްޓަކާ އެސްފިޔަތައް ލައްޕައިލީހެއްޔެވެ؟

"ޝެހެޒާދާ. ތިހެން ނަހައްދަވާ. އުދަގޫނުކުރައްވާ." ޑޮކްޓަރ ބުނެލިއެވެ. ނަމަވެސް ލޫކާއަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. ޑޮކްޓަރުގެ ބަސްތައް އޭނައަކަށް ނީވުނެވެ. ލާވަންގެ މޫނުގައި ހިފަހައްޓާފައި ގޮވައިލިއެވެ. ކަރުނަ ތިކިތަކުން ލާވަންގެ ކޯތާފަތް ތެމުނެވެ. ހިތުގައި ކޮއްކޮއަށްޓަކާ ވާ ފުން ލޯބި އޭނަ އެންމެ ފަހު ވަގުތުގައިވެސް ލޯ ހުޅުވައިލަން މަޖުބޫރުކުރުވި ފަދައެވެ. ކުއްލިއަކަށް ލަސްލަހުން އެސްފިޔަތައް ދުރުކޮށްލިއިރު ލޯ ބިއްލޫރިކޮޅެއްފަދައެވެ. ކަރުނަވެސް ހުސްވީކަން ނޭގެއެވެ. އެލޮލުގައި ތެތްކަމެއް ނެތެވެ.

"ކޮއްކޮ ބޭބެމެންނާއިވެސް ރުޅިވީތަ؟" ލޫކާ ހިތާމައިން ފުރިގެންވާ ގޮތަކަށް އެހިއެވެ.

"ބޭބޭ. އަޅުގަނޑު މިއުޅެނީ ޚިޔާލެއް ފިކުރެއްނެތް އެހެން ދުނިޔެއަކަށް ދާން. އެއްވެސް މީހެއްގެ ކަރުނައަކުން މަރު އޭގެ ވާޖިބު އަދާކުރަން ފަހެއްނުޖެހޭނެ. ބޭބޭ ހިތާމަ ނުކުރައްވާ.." ވަރަށް އުދަގުލުން އެހާ މަޑުމަޑުން ހުއްޓަމުން ލާވަން ވާހަކަދެއްކިއެވެ. ލޫކާގެ ރުއިން އިތުރުވިއެވެ. "ބޭބެ އަޅުގަނޑަށްޓަކާ އެންމެ ކަމެއް ކޮށްދެއްވާ. މަންމައަށްޓަކާ ކެތްކުރައްވާ. އަދި ލޫސީއަށް އަޅުގަނޑުގެ މެސެޖެއް ގެންގޮސް ދެއްވާ. ލޫސީގެ ލޯބީގައި އެންމެ ފަހު ނޭވައާއި ހަމަޔަށް ސާބިތުވެ ހުރި ވާހަކަ ދަންނަވާ ދެއްވާ. ބޭބެގެ ހިތާމަކަުން މަންމާފުޅުގެ ހިތްޕުޅު އިތުރަށް ބަލިކަށިވާނީ. ހިތްވަރުކުރައްވާ ..."

ލާވަން ވާހަކަދައްކާހެން ހީވެގެން މަލަކާ ކައިރިއަށް ޖެހުމުން ލާވަން މަންމައަށްވެސް ގޮވާލިއެވެ.

"މަންމާފުޅު ހިތާމަ ނުކުރައްވާ...އަޅުގަނޑު......"

"ދަރިފުޅާ މަންމަ ކެތްކުރާނީ ކިހިނެއްތަ؟ދަިރފުޅާއި ނުލާ މަންމައަށް ހިތްހަމަޖެހުމެއް ލިބޭނީ ކިހިނެއްތަ؟ މަންމަ އަމިއްލައަށް ފުރާނަ ގުރުބާންކޮށްލާނަން..." މަލަކާގެ ކީރިތިކުރެއްވުން ގަދަވިއެވެ. ލާވަންއަށް މަންމާފުޅުގެ އެހިތާމަތަކުން އިތުރު ހިތްދަތިކަމެއް ލިބި އެ ބަލިކަށި ހަށިގަނޑުގެ ތެރޭވި ފުރާނަ އުދުހިގެންދަނީހެން ހީވިއެވެ. ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ. ބަލަން އޮތީ ހިތާމައިން ފުރިގެންވާ ނަޒަރަކުންނެވެ. އެއްޗެކޭ ބުނަން އުޅުނުތަނުން އަނެއްކާ ޚަބަރު ހުސްވުމުން ޑޮކްޓަރގެ ހާސްކަން އިތުރުވިއެވެ. އޭނަ ލާވަންގެ ހާލު ބަލައިލުމަށްފަހު އިސްޖެހިއެވެ.

"ދެން އަޅުގަނޑު ދޭނެ އެއްވެސް ފަރުވާއެއް ނެތް. އަޅުގަނޑު ފާދިރީވެސް އެބަ ގެންނަން..އެންމެ ފަހުގެ ތައްޔާރީތައް ވުމަށް........................."

މަލަކާއާއި ލޫކާ ރޮމުން ދުޢާއަށް އަތް އުފުލިއެވެ. ހުރިހާ އުއްމީދުތައް ކެނޑުނީއެވެ. ބައްޕައެއްގެ ހަރުކަށިކަމުން އަމިއްލަ ދަރިފުޅު މަރުގެ ތުންފަތް މައްޗަށް އެއްލައިލީއެވެ. ހިތާމަ ހުއްޓެވެ. މިހާރު އޮތީ ދުޢާކުރުމެވެ. ކުއްލިއަކަށް ލާވަން އެއްޗެކޭ ބުނިހެން ހީވެފައި ލޫކާ އެދިމާލަށް ނަޒަރު ހިންގައިލިއިރު ލާވަން އޮތީ ލޯ ހުޅުވާލައިގެންނެވެ. ލޫކާގެ ހިތަށް ކުޑަ އުފާވެރިކަމެއް ލިބުނެވެ.

"ބޭބޭ. ލޫސީ އަތުވެއްޖެ..."

"ކީކޭތަ ކޮއްކޯ..." ލޫކާ ކައިރިއަށް ޖެހިލުމުން ލާވަން ތަކުރާރުކޮށް އެ ޖުމްލަ ކިޔުމުން ލޫކާގެ ހިތް ފަޅިފަޅިވެގެން ދިޔަހެން ހީވިއެވެ. ދެލޮލުން ކަރުނަ ފައިބާ ހާލުގައި އޭނަ ކޮއްކޮގެ މޫނާއި މޫނު ޖެއްސިއެވެ.

"ކޮއްކޯ. ލޫސީއެއް ނާދޭ. އޭނަވީ ހަލަބުގައި. ކޮއްކޮއަށް ހީވިގޮތެއްކަން ނޭގޭ. "ލޫކާ ވަކިން ބިރުގަތެވެ. މަރުމަތީގައި އެގޮތަށް އެންމެ ލޯބިވާ ސޫރަތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

"ނޫން ބޭބޭ. ލޫސީ އެބަހުރި. އައުޒާޒު ކިއްލާގެ ދޮރާށި ކައިރީގައި ހުރީ..." ލާވަންގެ ބަލިކަށި އަޑުގައި ކޮންމެވެސް ވަރަކަށް ވަރުޖެހިއްޖެއެވެ.

"ކޮއްކޯ. އެއީ ކިހިނެއް އެކަށީގެންވާކަމެއް؟ ކޮއްކޮއަށް ނިދުނީމަ ހުވަފެނެއް ފެނުނީ. އެއީ އަސްލެއްނޫން..." ލޫކާ ހާސްކަމާއެކު މަންމާފުޅަށް ބަލައިލުމުން މަލަކާވެސް ދަރިފުޅަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"މިއީ މަންމަގެ ވައުދެއް. ދަރިފުޅު ހިތްވަރު ކޮށްފައި މި އެނދުން ތެދުވެވޭވަރު ވެއްޖެއްޔާ މަންމަ ކޮންމެ ގޮތެއް ހަދާފައިވެސް ހަލަބަށް ދަރިފުޅު ފޮނުވަދޭނަން. ދަރިފުޅު ހިތްހަމަޖައްސައިލާ. ކެތްތެރިވޭ........................." މަލަކާ ލާވަންގެ މޫނާއި އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަދެއްކެވީ އަސަރާއެކުގައެވެ.

"ނޫނޭ މަންމާފުޅާ. އަޅުގަނޑަށް ޔަގީންވާތީ މިހެން ބުނަނީ. ބޭބެ އަޅުގަނޑަށްޓަކާ އެންމެ ފަހަރަކުވެސް ކިއްލާގެ ދޮރާށްޓާއި ހަމަޔަށް ގޮސްދީފާނަންތަ؟ އެތަނުން ލޫސީއާއި ދިމާވާނެ.." ލާވަންގެ ވާހަކައިން ލޫކާއަށް ކޮއްކޮގެ ބުއްދި ގޯސްވެފައިވާކަން ޔަގީންވިއެވެ. އެކަމަށްޓަކާ އޭނަގެ ހިތާމަތައް އިތުރުވެ މޫނުގައި އަތްއެޅިއެވެ. "ބޭބޭ. ތިހާބޮޑަށް ހާސް ނުވޭ. އަޅުގަނޑު މޮޔައެއް ނުވޭ. ސިކުނޑި ބަރާބަރު. ލޫސީ އަތުވެއްޖެ. އޭނަ ހުރީ މަޑުނޫކުލައިގެ ހެދުމެއްލައިގެން. އޭނައާއެކު މަލަކާ ޒައިތޫންއާއި މަރިޔަމް އަދި ޚާދިމާއިންވެސް އެބަތިބި......އަވަހަށް ގޮސްދީ. އާދޭސްކުރަން . ބޭބޭ އެންމެ ފަހަރަކު އަޅުގަނޑުގެ ވާހަކަ ގަބޫލުކޮށްބަލަ......"

ލާވަން ކިޔާވަރުން ލޫކާ އެތަނުން ނުކުތީ މަޖުބޫރީ ހާލަތުގައެވެ. ލާވަން އެބުނިފަދައިން ލޫސީ ކިއްލާގައި ނުހުންނާނެކަން އޭނައަށް ޔަގީނެވެ. އެކުއްޖާ ވާނީ ހަލަބުގައި އޭނަގެ ގަނޑުވަރުގައެވެ. އުފަލުގައެވެ. ލާވަންގެ ހާލު އެއްގޮތަކަށްވެސް ނޭގޭނެއެވެ. އޮޅުން ފިލާނެ ގޮތެއްވެސް ނޯންނާނެއެވެ. ނަމަވެސް ކޮއްކޮގެ އާދޭސް ގަބޫލުކޮށް އެހިސާބަށް ގޮސްލާފައި އެނބުރި އައުމަކުން ގެއްލުމެއް ނެތެވެ. ލޫކާ އެތަނުން ނުކުތްއިރު ޑޮކްޓަރ އައިސް ވަނީއެވެ. ފާދިރީއާއެކުގައެވެ. ޑޮކްޓަރވެސް ވަރަށް ހައިރާންކަމާއެކު މަލަކާއަށް ބަލައިލިއެވެ.

"މާތްރަސްކަލާނގެއަށް ޝުކުރުހުރި. މިހާރު ޝެހެޒާދާގެ ހާލުކޮޅު ރަގަޅުކަމަށް އަޅުގަނޑަށް ފެނޭ....."

"މިވަގުތަށް ދަރިފުޅު އެންމެ ރަގަޅުކަން އަޅުގަނޑުވެސް ގަބޫލުކުރަން. އެކަމަކު ހާލު ދަށަށް ނުގޮސް ހުންނާނެކަމަށް ޑޮކްޓަރަށް ލަފާ ކުރެވޭތޯ؟ " މަލަކާ އެއްސެވިއެވެ.

"ވަރަށް ހީވޭ....."

މަލަކާ ދަރިފުޅުގެ ސިއްހަތަށް އެދި ދުޢާކުރައްވަމުން ގެންދެވީ ހުއްޓުމެއްނެތިއެވެ. ފާދިރީވެސް ދުޢާކުރަން ފެށިއެވެ.

"މަންމާ. އަޅުގަނޑަށް މިހާރު މުޅިން ރަގަޅު. މަންމާފުޅުގެ ހިތްޕުޅު ހަމަޖައްސަވާ." ލާވަންގެ ޖުމްލައިން މަލަކާގެ މޫނަށް އުޖާލާކަމެއް ވެރިވެ ދަރިފުޅުގެ އަތުގައި ހިފާލެއްވިއެވެ. އަދި ނިތްކުރިއަށް ބޮސްދިނެވެ. ޑޮކްޓަރގެ އިރުޝާދާއި އެއްގޮތަށް ލާވަންއަށް ސަރުބަތު ފޮދެއް ގެނެސް ސަމުސަލުން އެޅުއްވިއެވެ. އޭނަގެ މޫނުގައިވާ ރީދޫކުލަ ކެނޑި މަޑު ފިޔާތޮށިކުލައެއް ވެރިވާން ފަށައިފިއެވެ. ފާދިރީވެސް ބޭރަށް ނުކުތީ ލަވަންގެ ފުރާނަ ނުރައްކަލުން ބޭރުވެފައިވާކަން ޔަގީންވުމުންނެވެ.

އިރުއޮއްސެން ކައިރިވީފަހުން ލާވަން ދޮރާއި ދިމާލަށް ބަލަން އޮވެފައި ކުއްލިއަކަށް ހިނިތުންވެލިއެވެ. "މާތް ރަސްކަލާނގެއަށް ޝުކުރުހުރި. މަންމާފުޅު ބައްލަވާ. ލޫސީ އަތުވެއްޖެ..."

ލާވަންގެ އެ އުފާވެރި ވާހަކައިން މަލަކާއަށްވެސް އެނބުރި ބައްލަވާލެއްވުނުއިރު ލޫކާގެ ފަހަތުން ލޫސީ އެކޮޓަރިއަށް ވަންތަން ފެނުނެވެ. ލާވަން ބުނިހެން ލޫސީ ހުރީ މަޑުނޫކުލައިގެ ހެދުމެއްގައެވެ. ހައިރާންވުމާއެކު މަލަކާގެ އަތްޕުޅުވެސް އަނގައިގާ އެޅުއްވުނެވެ. މިއީ ލޯބީގެ ކޮންފަދަ ރީތި އިއްތިފާގެއްހެއްޔެވެ؟ލާވަންއަށް އެފަދަ ހުވަފެނެއް ފެނުނުކަމީ ލޯބީގެ އަޖައިބެކެވެ. މި ހާދިސާއާއިމެދު މަލަކާއާއި ލޫކާގެ އިތުރުން ޑޮކްޓަރުވެސް އަޖައިބުވެ އަންތަރީސްވިއެވެ. ލޫސީ ލަދުން މަރުވާވަރުވިއެވެ. އެމޫނަށް ވެރިވެފައިވަނީ ލަދުވެތިކަމުގެ ރަތްކުލައެވެ. މަލަކާ ޒައިތޫންގެ އަތުގައި ހިފާލައްވަމުން އެކަމަނާ ގޮވައިގެން ހިންގަވައިގަތީ އޭނަގެ ކޮޓަރިކޮޅަށެވެ.

"ލޯބިވާ ލޫސީ..." ލާވަންއަށް އަތް ދިއްކޮށްލެވުނެވެ. ލޯބިވެރިޔާއަށް ޖެހިފައިވާ ހާލު ފެނި ލޫސީގެ ހިތްވެސް ފަޅައިގެންދާވަރުވިއެވެ. ލާވަންގެ އެނދުގެ މަގަތުގައި އިށީދެ އެ އަތުގައި ހިފައިލުމާއެކު އެ ޖަވާހިރެއްފަދަ ދެލޯ ފުރިގެން ކަރުނަތައް ކޯތާފަތްމަތިން ދެމެން ފެށިގޮތަށް ހުއްޓުމަކަށް ނައެވެ. އޭނަގެ ލޯބިވާ ޝެހެޒާދާ ލާވަންއަށް ޖެހުނީ ކޮންފަދަ ހާލެއްހެއްޔެވެ؟

***

ލޫސީއަށް އެހިސާބަށް އާދެވުނުގޮތުގެ ހާދިސާ

ޔޫގަންނާ އެމަނިކުފާނުގެ އާއިލާއާއި ޚާދިމުން އަދި މުސްލިމުންގެ ސަތޭކަ ހަގުރާމަވެރިންނާއެކު މަންޒިލަކަށްފަހު މަންޒިލެއް ކަޑައްތު ކުރައްވަމުން ވާދީތައް ހުރަސްކޮށް ދަތުރުކުރެއްވިއެވެ. އެދުވަހުގެ މެންދުރުވުމާއި ގާތްވެފައިވަނިކޮށް ނިކަން މަތިން ވަކި މަންޒިލަކަށް މިސާރަބުޖަހާފައިވާ ފަދައިން ދަތުރުކުރަމުން ދިޔަ ކޮތަރެއް ފެނިވަޑައިގެންނެވިއެވެ. ޔޫގަންނާއަށް ވަގުތުން އެސޮރާއިމެދު ޝައްކުވިއެވެ. އޭރު ޖާސޫސްކުރަން ހުރިހާ ގަބީލާތަކުންވެސް ތަމްރީނު ދެނީ ކޮތަރުތަކަށެވެ. އަދި ކޮތަރުތައް އަތުލަން ބާޒުތައް ތަމްރީނުކުރެއެވެ. އޭނަގެ އަތްޕުޅުގައިވި ބާޒެއް އެކޮތަރުގެ ފަަހަތުން އުދުއްސައިލުމާއެކު ކޮތަރުގެ ސަމާލުކަމަށް އެކަން އައެވެ. ވަގުތުން ބާޒުގެ ވަކިތަކުން ސަލާމަތްވާން އެގޮތް މިގޮތަށް ބުރުޖަހަމުންގޮސް އެންމެފަހުން ގަސްބޯ ދިމާލަކަށް ތިރިވެ ގެއްލުނެވެ. ބާޒުވެސް އެގަސްތަކުގެ ތެރެއަށް ވަންނަމަވެސް އެސޮރަށް ކޮތަރު އަތުލެވޭވަރަށްވުރެ އޭތި މާ ހުޝިޔާރެވެ. އެންމެފަހުން ނާކާމިޔާބާއެކު ބާޒު އައިސް ޔޫގަންނާގެ އަތްޕުޅުމަތީގައި ޖެއްސިއެވެ. އެދުވަހު އިރުއޮއްސުމާއި ދާދިގާތްވެފައި ވަނިކޮށް އެކޮތަރު ގަސްކަރަމަތިން ދައްކައިލުމުން ބާޒު ފޮނުވަން ކޮށި ހުޅުވާފައިވެސް ޔޫގަންނާގެ ޚިޔާލު ބަދަލުކުރެއްވިއެވެ.

އިރުއޮއްސި ރަތްވިލާތަކުން އުދަރެސް ފަވައިލުމުން ޔޫގަންނާ އަމުރުކުރެއްވީ އެތާގައި ފޭލިގެތައް ޖެހުމަށެވެ. އެރޭ މަޑުކޮށްލަން ނިންމި މަންޒިލަކީ ހިތްގައިމު ތަނަވަސް މައިދާނެކެވެ. ހިޔާދޭ ގަސްތަކާއި ގަސްބޮނޑިތަކެވެ. ފެހިކަން ގަދަ ވިނައެވެ. ދުރުން ފަރުބަދައިގެ މޭގަ ފެނެއެވެ. އެންމެންވެސް ދުވާލު ހަތަރުދަމު ދަތުރުކުރުމުގެ ސަބަބުން ވަރުބަލިވެފައިވާތީ ފޭލިގެތައް ޖެހުމަށްފަހު އުޅެގަތީ ނަމާދުކުރުމަށެވެ. އެއަށްފަހު ކާ އެއްޗެހި ރޯފިލުވުމަށްފަހު އަސްތައް ވިނަކާން ދޫކޮށްލާފައި ތަންމަތިތަކުގައި ހަމަޖެހިލައިފިއެވެ. ވަރުބަލިވެފައިވާތީ މާ ގިނައިރުތަކެއްނުވެ ނިދީގެ ފޮނި ވާދީއަށް ފީނައިގަތެވެ. ގިނައިރުތަކެއް ނުވެ ހުރިޙާ ފޭލިގެތަކަށްވެސް ވެރިވީ ފުން ހިމޭންކަމެވެ. އެންމެން ތިބީ މަރުނިދީގައެވެ.

***

ލޫސީއާއި މަރިޔަމްގެ ކުޑަ ފޭލިގެ ހުރީ ޔޫގަންނާ އަދި ޒައިތޫންގެ ފޭލިގެއާއި ވަރަށް ކައިރީގައެވެ. ފޭލިގޭ ތެރޭގައި އަޅާފައިވާ ތުނި ގޮދަޑިމަތީގައި މުޅިގައިގާ ސާލު އޮޅާލައިގެން މަރިޔަމް ފުން ނިންޖެއްގައި އޮތްއިރު ލޫސީ އޮތީ ހޭލައެވެ. އެއްފަރާތުގައި ބަހައްޓާފައިވާ ބައްތިއަށް ބަލަން އޮތްއިރު ވިސްނެމުން ދިޔައީ އެންމެ ފަރާތަކާއި މެދުގައެވެ. ލާވަންގެ ހަދާންތައް އުދަގޫކޮށް ނިންޖަށް ހުރަސް އަޅައިފިއެވެ. ބައްތީގެ އައްޔަށް އަންނަ ޕަރުވާނާތައް އުދުހެމުންދާއިރުވެސް އެއިން ލޯބީގެ ފިލާވަޅުތައްވެސް ލިބިގަނެވުނެވެ. އެކިފިކުރުތަކުގައި އޮވެފައި ބޭރަށް ބަލައިލުމުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެހެން ރޭތަކަށްވުރެވެސް އަނިދރިކަން ގަދަ ރެއެކެވެ. އުޑުމަތީގައި ކުދި ތަރިތައް ފިޔަޖަހާއިރު ހައިރާންވާހާ ރީއްޗެވެ. ކުޅަދުންވަންތަކަމުގެ މިސާލެކެވެ. ނަމަވެސް ދުވާލު ރީތިކަމާއި ފެހިކަން ގަދަ ވާދީތަކުގައިވާ ގަސްތައް ރޭގަނޑު ފެންނަނީ ފުރޭތަތަކެއް ހެންނެވެ. މުޅި އެހިސާބުގައި ރަސްކަން ކުރަނީ ހިމޭންކަމެވެ. ކުއްލިއަކަށް މީހެއްގެ ފިޔަވަޅުގެ އަޑު އިވޭހެން ހީވުމުން ސާލު ތެރޭ ފޮރުވިގެން މަޑުން އޮތްވާ ދޮރުފޮތިގަނޑު ހިއްލާލާފައި މީހަކު ވަދެއްޖެއެވެ.

އެމީހަކު ހުރީ ކަޅުކުލައިގެ ސާލެއްގައިގާ ލައިގެން މޫނުވެސް ފޮރުވައިގެންނެވެ.

"ކާކުބާ.." ލޫސީ ބިރުން ރޫރޫއަޅައިގަތެވެ. އެތަނަށް ވަން ބީރައްޓެހި މީހާ ބައްތީގެ ފަނޑު އަލީގެ އެހީއާއެކު ސީދާ މަޑުކޮށްލީ އޭނަ އޮށޯވެލައިގެން އޮތް ގޮދަޑިކައިރީގައެވެ. ހިމޭންކަމާއެކު ބަލަން އެހުރީ އޭނަ ނިދަން އޮތްކަމަށް ހީވެފައެވެ. އިރުކޮޅަކު ހުރެފައި އެންމެފަހުން މަޑުމަޑުން ލޫސީއޭ ކިޔާފަައި ގޮވާލުމާއެކު އެއަޑުން އެ މަކަރުވެރިޔާ ދެނެގަނެވިއްޖެއެވެ. މަރިޔަމް މޫނާއެކު ރަޖާ އަޅައިގެން އޮތުމުން ސާޖިސްއަށް އެތާ މީހަކު އޮތްކަން ރޭކާނުލިއެވެ. ލޫސީ ލޯ ހުޅުވާލާފައި ބަލައިލިއިރު ސާޖިސް އޮތީ އޭނައާއި ދިމާލަށް ގުދުވެލައިގެންނެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ވަގުތުން ދެލޯ މަރައިލެވިއްޖެއެވެ.

"ލޯބިވާ ލޫސީ. އަޅުގަނޑުގެ ހަލާކުވެފައިވާ ހިތަށް ކިރިޔާވެސް ފިނިކަމެއް ލިބޭނީ ލޫސީ ފެންނަ ހިސާބަށް އައީމަ. ކެތްނުކުރެވިގެން މިއައީ...." އޭނަގެ އެ ވާހަކަތަކުންވެސް ލޫސީ އަޅާވެސް ނުލާ ހިމޭނުން އޮތީއެވެ. އެފޭލިގޭގައި މަރިޔަމް އޮތަސް އޭނައަކީ ނިދިގަދަ މީހެކެވެ. އަލިފާން ރޯވިޔަސް މަރިޔަމްއަށް ހޭނުލެވޭނެކަން ޔަގީނެވެ. އެހެންނޫނަސް މަރިޔަމްއަށް ހޭލެވިގެން އެކުއްޖާއަށް ސާޖިސް އަނިޔާކޮށްފާނެކަމުގެ ބިރު ހީވިއެވެ. އަރަބިންގެ ލަޝްކަރާއެކު އައުމުން ރައްކާތެރިކަން އިހުސާސްކުރެވި މިފަދަ ހާދިސާއެއް ހިގާފާނެކަމާއިމެދު އެކަކުވެސް ވިސްނުން ހިންގައިނުލީއެވެ. ލޫސީ ބިރުންގޮސް ނޭވާލާކަށްވެސް ނުކެރުނެވެ.

"ހަލަބްގެ ރީތި ރީތި ޝެހެޒާދީ. އަހަރެންގެ ހަޔާތަށް އަލިކޮށްލި ދަންމަރެއްފަދަ ލޯބިވާ ލޫސީ. ހަލަބުގައި ރަސްކަން ކުރަމުން އައި ހަނދުގެ ދޯދިތައް އަހަންނަށް މި ލޯބީގެ ދަރުބާރަށް އަންނަން ދައުވަތު ދީފި. އަޅުގަނޑު މިއައީ ކަމަނާ ގޮވައިގެން ދާން. މިފަހަރު އެކަކަށްވެސް އަހަރެން ނުހުއްޓުވޭނެ. ހިތުގެ ހަމައެކަނި އުއްމީދުތައް ހާސިލުކޮށްފައި ހުއްޓައިލާނީ...."

ސާޖިސްގެ ވާހަކަތަކުން ލޫސީ ބިރުގަންނަގޮތްވިއެވެ. އޭނަ ގޮވައިގެން ދާން އުޅެނީ ކޮންތާކަށް ހެއްޔޭ ހިތަށް އެރިއެވެ. ކުއްލިއަކަށް ސާޖިސް ޖީބުން ކަޅުކުލައިގެ ރުމާލެއްނެގުމުން ލޫސީއަށް އޭގެ ހަގީގަތް އެނގޭތީ ކަންބޮޑުވުމާއި ހާސްކަން ހަތަރުފާރު ވަށައިލިއެވެ. އެ ރުމާލުގައި ބޭހެއް އުނގުޅާފައި މޫނުގައި ޖެއްސުމުން އެމީހަކު ހޭނެތިދާނެއެވެ. ދެން ބޭނުންގޮތެއް ހަދައިލެވިދާނެތާއެވެ. ލޫސީގެ ހުރިހާ ހިއްސުތައް ސަމާލުކަމަށް އައެވެ. ވަރަށް ވިސްނައިގެން އޮތްވާ ސާޖިސް އެ ރުމާ އޭނަގެ މޫނާއި ކައިރިކޮށްލުމުން ކުއްލިއަކަށް ފުންމައިގެން ތެދުވިގޮތަށް ފަހަަތަށް ޖެހުނެވެ.

"ކާކުތަ؟ " ލޫސީ އެހީ ބާރަށެވެ.

ސާޖިސްވެސް ހާސްކަމާއެކު ފަހަތަށް ޖެހިލީ ލޫސީ އެހާ ބާރަށް ވާހަކަދައްކަން ފެށީމައެވެ. ދެވަނަ ފަހަރަށްވެސް ތަކުރާރުކޮށް ލޫސީ އެ ސުވާލުކުރުމުން ސާޖިސް އަމިއްލަ ތުންފަތުގައި އިނގިލި ޖެއްސިއެވެ.

"ޝެހެޒާދީ ތިހާ ބާރަށް ވާހަކަ ނުދައްކާ ހެޔޮނުވާނެ...."

"ސާޖިސްދޯ. ކަލެއަކީ ވަރެއްގެ މީހެއްތާ...." ލޫސީ ފޫހިވިއެވެ.

"ލައްބަ. ކަމަނާގެ ކުރިމަތީ މިހިރީ ކަމަނާގެ ލޯބީގައި ދީވާނާވެ ހިތްހަލާކުވެފައިވާ ސާޖިސް......"

"އަނެއްކާވެސް ކަލޭ އަހަރެންގެ ފަހަތުން އައީތާ.....ތިކަމުގެ ހިތި ފެންނާނެ.." ލޫސީ ހަށަން ބަދެލިއެވެ.

"ކީއްކުރާނީ ކިތަންމެ ވަރަށްވެސް ލޯތްބާއި ބެހޭގޮތުން ވާހަކަދެއްކިދާނެ. އެއީ އެހެން ކަހަލަ ބާރެއް އޭގައި އެކުލެވިފައިވާ އަޖައިބެއްފަދަ ޖަޒުބާތެއް. އެލޯބީގެ އަވައިގާ ޖެހި މަޖުބޫރުވެފައިވާ މި މޮޔަ ހިތް ކަމަނާގެ ހިތުގެ ދާވަނިން ހިމާޔަތް ހޯދަން އަނެއްކާވެސް މިއައީ..." ސާޖިސް ބުނަމުން ދިޔައެވެ.

"ތިކަހަލަ ނުބައިކަންތަކުން ދުރުވެ ރަގަޅަށް އުޅެން ކަލޭ ލައްވާ އިގުރާރު ކުރުވާފައެއްނު މުސްލިމުންގެ ކޮމާންޑަރު ކަލޭ ދޫކޮށްލެއްވީ؟ " ލޫސީ ހަދާންކޮށްދިނެވެ.

" އެބުނާ އިގުރާރުގެ މަތިން ހަދާން ނެތުނީއެއްނޫން. އެކަމަކު ތިހަރަ ރީތިކަމަކުން އެފަދަ އިގުރާރުގެ މަތީގައި މި ނިކަމެތި ހިތަށް ހުރެވޭނީ ކިހާ ދުވަހަކަށް؟ " ސާޖިސް ދެންނެވިއެވެ.

"އަނެއްކާވެސް އެކަހަލަ ކެއްސެއް ދޭ ހިތުން ތިއައީ؟ ކަލޭގެ ތި ނުބައި އާދަ ދޫނުކޮށްފިއްޔާ ކަލެއަށް މަރުގެ ސަޒާ ލިބޭނެކަމެއް ނޭގޭތަ؟ "

"އެ ހުކުމް ކަނޑައެޅި މީހާ މިތާކު ނެތެއްނު..." ސާޖިސް ފާޑަކަށް ހިނިއައެވެ.

"އޭނަ ނޫޅުވިއްޔަސް އޭނަގެ ހަގުރާމަވެރިން އެބަތިބި."

"އެމީހުންނަކަށް އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތް....." ސާޖިސް ހީލިއެވެ.

"އެކަމަކު ރަސްގެފާނުގެ ފޭލިގެ މިހިރީ ޖެހިގެން. ކަލެއަކަށް ސަލާމަތެއް ނެތް. ބައްޕާފުޅަށް ފެނިވަޑައިގެންފިއްޔާ ކަލޭ ވަގުތުން ވަގުތަށް ގަތުލުކޮށްލައްވާނެކަން ޔަގީން."

"ތިޔަ ވިދާޅުވީ ހަމަ ތެދެއް. އެކަމަކު ރަސްގެފާނާއި މަލަކާއާއި ތިއްބެވީ އެ ފޭލިގެކޮޅުގައި ހޭނެތިފައި..." ސާޖިސްގެ ވާހަކައިން ލޫސީގެ ހިތަށް ބިރުވެރިކަން ވަދެ ވަށައިގެން ހޯދައިލެވުނެވެ. އެންމެ ކައިރިއަށް މިހުރީ އާއިލާގެ ފޭލިގެތަކެވެ. މުސްލިމުންގެ ފޭލިގެތައް ތަންކޮޅެއް ދުރުގައެވެ. ހަޅޭއްލެވިޔަސް މުސްލިމުން ގަދަނިދީގައި ތިބެފައި ހޭލެވޭނެކަމެއް ނޭގެއެވެ. އެހެންނޫނަސް މީނަ މިހިރީ އޭނަ ހޭނައްތަން ފާޑެއްގެ ރުމާލެއް ގެނެސްފައެވެ. ވީއިރު އެހީއެއް އެމީހުންގެ ފަރާތުން ލިބިދާނެކަމުގެ އުއްމީދެއް ނެތެވެ. އެކަމަކު ވާހަކަދައްކައިގެން ވަގުތުކޮޅެއް ހޯދައިލަން ލޫސީ ނިންމިއެވެ.

"ބައްޕާފުޅާއި މަންމާފުޅު ހޭނެތެންވީ ކީއްވެތަ؟ "

"އެނގިވަޑައިގަންނަވާތޯ؟ އަޅުގަނޑު އެންމެ ކުރިން ވަނީ އެދެބޭފުޅުންގެ ފޭލިގެއަށް. އޭރު އަވަހާރަފުޅުގައި ތިއްބެވީ. ވަގުތުން މި ރުމާ މޫނުފުޅުގައި އެޅުމުން ހޭފުޅު ނެތިއްޖެ...." ސާޖިސް ރުމާ ދެއްކިއެވެ.

"ކަލޭ އަހަރެން ތަނަކަށް ގެންދާ ވާހަކަ ބުނީމެއްނު. ކަލޭ އަހަރެން ގެންދާން އުޅެނީ ކޮންތާކަށްތަ؟ " ލޫސީ ސުވާލުކުރިއެވެ.

"ބަހާރުވާދީއަށް...އެތާގައިވާ ޚަޒާނާ ހޯދައިގެން އަޅުގަނޑުމެންނަށް ނިކަން އުފަލުގައި އުޅެވިދާނެ. އަޅުގަނޑު އަބަދާ އަބަދު ލޫސީގެ ޚިދުމަތުގައި ގާތުގައި ހުންނާނަން. އަޅުގަނޑުމެންގެ އެ ރީތި ދުނިޔެއަށް ދާން ހިންގަވާ. އަހަރެމެން ދެމީހުން ބަހާރުވާދީގައި ގަނޑުވަރެއް އަޅައިގެން އެތާ ދިރިއުޅޭނީ. އެތަނުގައި ލޫސީއާއެކު ހޭދަކުރެވުނު ދުވަހަކީ ހަމަ ސުވަރުގޭގައި އުޅެވުނުފަދަ ދުވަހެއް. ހިތަކުން ނުފިލި. އެހުވަފެންތައް އަހަރެން ހަގީގަތަށް ހަދާނަން..."

"ތިއީ ވާނެކަމެއްނޫން. އަހަރެން އެއްގޮތަކަށްވެސް ކަލެއަކާ އެކު ނުދާނަން..ކަލޭ ކުލަނުޖެހޭ ހުވަފެންތަކުގައި ވަގުތު ބޭކާރުނުކޮށް އެހެން ކަމަކާއިި އުޅުނިއްޔާ ރީތިވާނީ.." ލޫސީ ތަންކޮޅެއް މަޑުން ބުނެލީ މަރިޔަމް ހޭލަފާނެތީ ބިރުންނެވެ. އެހެންނޫނަސްު އެކުއްޖާ އޮތީ މަރުވެފައިހެއްޔެވެ؟ މިވަރުވާއިރު ކަހާތަން ހިރުވާވެސް ނުލާ އެއޮތީއެވެ.

"އެކަމަކު ލޫސީ ތިވަނީ އަޅުގަނޑުގެ ބާރުގެ ދަށުގައި. ކިހިނެއްތޯ ދެން ގަދަދެއްކޭނީ. މަޖުބޫރުކޮށްގެންވެސް މިފަހަރު ގެންދާނަން. އެއްވެސް މީހަކަަށް މިފަހަރު އަޅުގަނޑު ހުއްޓުވުމަކީ އެކަށީގެންވާކަމެއްނޫން. އެއްވެސް ބާރަކަށް އެކަމެއްނުވާނެ........................" ސާޖިސް ބޮޑާގޮތަކަށް ބުނެލިއެވެ.

"މާތްﷲގެ އިރާދަފުޅާއެކު ކަލެއަށް އެއްކަމެއްވެސް ނުކުރެވޭނެ. މާތްﷲ އަޅުތަކުން ރައްކާތެރި ކުރައްވާނެ. އަހަރެންގެ ފުރާނަ ހުރެގެން ކަލެއަކަށް އިރާދަކުރެއްވިއްޔާ ދެން އަހަރެން ނުގެންދެވޭނެ..." ލޫސީ ރުޅިވެރިކަމާއެކު ފޫހިވެފައިވާ ގޮތަކަށް ވާހަކަދެއްކިއެވެ.

"ލޫސީވެސް އެ މޮޔަ އަރަބިންގެ ބަހަށް ހެއްލި މި މާތް ނަސާރާދީންވެސް ދޫކޮށްލެއްވީތޯ؟ އަދި މި ދީނަށްވެސް ވަންނާނެކަން ޔަގީން. ދެކޮޅު ނަހައްދަވާ ތި މޮޔަކަން ދޫކޮށްލައްވާފައި ކުރިން ހުންނެވި ދީނަށް އެނބުރި ވަޑައިގަންނަވާ. ނޫނީ ނަރަކައިގާ އަބަދަށްޓަކާ ވާނީ....." ސާޖިސް ލޫސީގެ އަތުގައި ހިފައިލުމުން ނުރުހުމާއެކު އަތް ފޮޅުވައިލިއެވެ.

"ކަލޭ މޮޔަނުވެ ދުރުގައި ހުރޭ ގައިގާ އަތްނުލާތި..."

"އަޅުގަނޑުގެ އަތްދަށުން ސަލާމަތްވެގެން ދިޔުމަކީ ސިންގާއެއްގެ އަތްދަށުން ފުއްލާއެއް ސަލާމަތްވުން ފަދަ ކަމެއް. ކުރިން އަޅުގަނޑަކީ ނިކަން ފިނޑިމީހެއް. ސިފައިންގެ ތެރޭ އުޅުނަސް ހިތްބިރުގަނޭ. ރޭގަނޑުވެއްޖެއްޔާ ކޮންމެވެސް މީހެއްގެ ހިޔަނިކަމުގައިވެގެން ފަސްފަހަތުން އުޅުނީ. ނަމަވެސް ކަމަނާގެ ލޯބީގެ ސަބަބުން އަޅުގަނޑު ހިތްވަރުގަދަ ފަހުލަވާނަކަށް ހަދައިފީމު. އެކަމުންވެސް އެނގެނީ މި ލޯބީގައި ބަރަކާތް ލައްވާފައިކަން ޔަގީން. ކަމަނާ ހޯދަން މިހިސާބަށް އަންނަން އުފުލި އުދަގޫތައް ދެނެވަޑައިގެންވަނީ ހަމައެކަނި މަސީހު. އަޅުގަނޑުގެ މި މަސައްތަކަށް ރަހުމް ކުރައްވާ. އަޅުގަނޑަކީވެސް އިއްޒަތްތެރި ކެޕްޓަނެެއް. ހިތްވަރުގަދަ ފަހުލަވާނެއް. މާތް މޮޅު މީހެއް. އެ ލާވަން ކިޔާ ކަލޭގެއަށްވުރެ އަޅުގަނޑުގެ މަގާމު އަދި ނަސަބާއި ހަސަބުވެސް ދެރައެއް ނޫން. އަދި އޭނައަށް ވުރެ އަޅުގަނޑު ހުތުރެއްވެސް ނުވާނެ. ވީއިރު އެ ސުންޕާ މީހާގެ މަތިން ހަދާން ނައްތާާފައި އަޅުގަނޑާއެކު ދާން ހިންގަވާ. މާ އުފަލުގައި ގެންގުޅޭނަން...." ސާޖިސް ހީގަނެފައި ކިޔާލުމުން ލޫސީގެ ރުޅިވެރިކަން ކޮޅުން ލައިފިއެވެ. ލާވަންއާއިމެދު އެގޮތަށް ވާހަކަދެއްކުމުން ހިތަށް ކެތްނުވީއެވެ. އެހުރިހާ އިރުވަންދެން ކެތްކޮށްގެން ހުރި ނަމަވެސް އިތުރަށް ކެތްނުވުމާއެކު އަތުގެ ބާރު ހަމަލާއެއް ސާޖިސްގެ ކަންކަށި މައްޗަށް އަރައިފިއެވެ.

"ޝެހެޒާދާ ލާވަންއާއި ބެހޭގޮތުން ވާހަކަދައްކަން ތި އަނގަ ހުޅުވާލަން ލަދެއްނުގަނޭތަ؟ ތިއީ ކާކުތަ އެ ބޭފުޅާގެ ވާހަކަދައްކަން؟ މަކަރުވެރި ކެހިވެރިމީހާގެ ލަދުކުޑަކަމާ..."

"ކޯފާވީމަ އަދި ވަކިން ރީތި...." ސާޖިސް ލަދެއްނެތި ހޭންފެށިއެވެ. ލޫސީއަށް މި މީހާގެ މޮޔަކަމާއި ނޭއްގާނިކަން ފެނުމުން ހަރުކަށިވެގެން އަދި ރަގަޅު ނަތީޖާއެއް ނުނިކުންނާނެކަން ވިސްނި މައިތިރިކަމާއެކު މުއާމަލާތް ކުރަން ނިންމިއެވެ.

"ތި ޚިޔާލު ދޫކޮށްލާފައި މިތަނުން ރީތިގޮތުގައި ދިޔައްޔާ ރަގަޅުވާނީ. އޭރުން އަހަރެން ކަލެއަށް މާފުކުރާނަން. ނޫނީ ހަރުކަށި އަދަބު ލިބޭނެކަން ހަނދާން ކުރާތި...."

"މިތަނުން ދާން ވީ ކަމަށް ލޫސީ ވިދާޅުވީތީ ހިތުގެ އަޑިން ގަބޫލުކޮށްފިން. އެކަމަކު ދާނީ އަޅުގަނޑުގެ ލޫސީވެސް ގޮވައިގެން...." ސާޖިސްގެ ހުނުމުގެ އަޑު ލޫސީގެ ކަންފަތުގައި ޖެހުނީ ހޮނުގުގުރީގެ އަޑުފަދައިންނެވެ. މަރިޔަމް ހޭލާނެނަމައެވެ. އެ އަޑު އަރަބިންގެ މީހަކަށް އިވޭނެނަމައެވެ.

"ކަލެއަކަށް ތިކަން ކާމިޔާބެއްނުވާނެ.." ލޫސީ ރުޅިގަދަވެގެންގޮސް މޫނުމަތި ރަތްވެގެން ދިޔުމާއެކު ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އޭނަ އެއްލި އަތުން ލޫސީގެ އަތުގައި ހިފައިގަތްގޮތަށް ކޮނޑަށް ލިއެވެ. ހަޅޭއްލަވައިގަތުމުން އަނގަމަތީގައި އަތް އަޅާ ބާރުކޮށްލުމަށްފަހު އޭނަ ބޭރަށް ނުކުމެ ހިނގައިގަތްއިރު ނިކަން އަނދިރިކަން ގަދައެވެ.

ނުނިމޭ

comment ކޮމެންޓް