ރަޝިއާ އާއި ރާއްޖެ އާ ދެމެދު ދަތުރުތައް ފަށަނީ

ރަޝިއާގެ ފްލެގް ކެރިއާ އެއިރޯފްލޮޓް ގެ ބޯޓެއް --

ރަޝިއާ އާއި ރާއްޖެ އާއި ދެމެދު ވައިގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅިގެން ރަޝިއާއިން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރު މެދުކަނޑާލީ މާޗު މަހުއެވެ.

ރަޝިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެ ކަމަށެވެ. ރާއްޖޭގެ އިތުރުން ޔޫއޭއީ އަދި މިސްރާ ދެމެދު ކުރާ ދަތުރުތައްވެސް ފަށަން ރަޝިއާ އިން ވަނީ ތައްޔާރުވެފައެވެ.

ރަޝިއާއިން ވަނީ މިދިޔަ މަހުން ފެށިގެން ބައެއް ގައުމުތަކަށް ދަތުރު ފަށައިފައެވެ. އެގޮތުން އޮގަސްތު އެކަކުން ފެށިގެން އިނގިރޭސިވިލާތައި ޓެންޒޭނިއާ އަދި ތުރުކީ އާއި ދެމެދު ދަތުރުތައް ފަށާފައިވާއިރު 15 އޮގަސްޓުން ފެށިގެން ސްވިޓްޒަލޭންޑަށް ވެސް ވަނީ ދަތުރު ފަށައިފައެވެ.

ރަޝިއާ އިން ރާއްޖެއަށް ދަތުރު ފަށާއިރު އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެކެވެ. ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ގައެވެ.

އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލިފަހުން ޖުމުލަ 9،297 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މި މުއްދަތުގައި ރަޝިއާ އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ނެތްނަމަވެސް އެ ގައުމުގެ ފަތުރުވެރިންވެސް ވަނީ ރާއްޖެ އައިސްފައެވެ.

ބޯޑަރު އަލުން ހުޅުވާލާ، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުއްދަ ދީފައި ވަނީ ރިސޯޓުތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ހޮޓާ އަދި ސަފާރީތަކަށެވެ.

އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުންް ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވާލަން މިހާރު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް