ވެން ޑެ ބީކްގެ ސޮއި ޔުނައިޓެޑުން ހޯދައިފި

އަޔެކްސްއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ވެން ޑެ ބީކް --- ފޮޓޯ//ލައިވްސްކޯ

ޔޫރޮޕުގެ ބޮޑެތި ގިނަ ކުލަބުތަކަކުން ފާރަލަމުން އައި ނެދަލޭންޑުގެ އަޔެކްސްއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލަޑްރު ވެން ޑެ ބީކްގެ ސޮއި މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފި އެވެ.

މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އަޔެކްސް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާ ކުރި ވެން ޑެ ބީކް ޔުނައިޓެޑަށް ދާން އެއްބަސްވީ 34 މިލިއަން ޕައުންޑްގެ އަގަކަށެވެ. ފަސް އަހަރުގެ ދިގު އެއްބަސްވުމެއްގެ ދަށުން ވެން ޑެ ބީކްގެ ސޮއި ޔުނައިޓެޑުން ހޯދި އިރު ސޮއި ކުރިތާ 12 މަސް ފަހުން އިތުރު ފަސް މިލިއަން ޕައުންޑް އަޔެކްސްއަށް ދޭން ޔުނައިޓެޑުން ވަނީ އެއްބަސްވެފަ އެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން މިހާތަނަށް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ޓްރާންސްފާއާ ގުޅިފައިވާ އިރު، ވެންޑެ ބީކް އަކީ 2020-2021 އަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.

"ގަބޫލު ކުރަން ވެސް ދަތި މިވަރުގެ ބޮޑު ތާރީހެއް އޮތް ކުލަބަކަށް ބަދަލުވާން ފުރުސަތު ލިބުމަކީ، ވެން ޑެ ބީކް ބުންޏެވެ. "އަޔެކްސް އަކީ އަހަރެން އުޅެ ބޮޑުވި ކުލަބް. އެ ކުލަބަށް އަބަދުވެސް ހިތުގައި މުހިއްމު ދަރަޖައެއް އޮންނާނެ. ކޮށްދިން ހުރިހާ ކަމަކަށް ކުލަބުގެ މެނޭޖްމަންޓަށާއި، ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން،"

ވެން ޑެ ބީކް 23، ވަނީ އަޔެކްސްއަށް 175 މެޗު ކުޅެދީ 41 ގޯލު ޖަހައިދީފަ އެވެ. އޭނާ އަކީ ވޭތުވެ ދިޔަ ސީޒަނުގައި އަޔެކްސްއިން ޑަޗް ލީގު ކާމިޔާބު ކުރި އިރު ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިއަކަށްވާ އިރު މިއީ ކުރީ ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލި ދެވަނަ ކުޅުންތެރިޔާ އެވެ. އެ ޓީމުގެ ފޯވާޑް ހަކީމް ޒިޔަޗް ވެސް ވަނީ ސީޒަން ނިމުމާ އެކު ޗެލްސީއަށް ބަދަލުވެފަ އެވެ.

comment ކޮމެންޓް