ބެލަންޑިއޯ ދޭ ނަމަ އެ އެވޯޑް މިފަހަރު ހައްގީ ނޯޔާއަށް: ޖަރުމަނު ކޯޗު

ޖަރުމަން ބުންޑަސްލީގާގައި ބްރޫޝިއާ ޑޯޓްމަންޑު އާއި ބަޔާން މިއުނިކް ކުޅުނު މެޗަށް ފަހު ބަޔާންގެ ނޯޔާ އާއި ލެވޮންޑަސްކީ ސްޕޯޓަރުންނަށް ސުކުރު އަދާކުރަނީ --- ފޮޓޯ: އޭޕީ

ފުޓްބޯޅައިގައި ދޭ އެންމެ ޝަރަފުވެރި އިންޑަވިޖުއަލް އެވޯޑް "ބެލަންޑޯ" މިއަހަރު ދޭ ނަމަ އެ އެވޯޑް ހައްގުވާނީ ބަޔާން މިއުނުކުގެ ކީޕަރު މެނުއަލް ނޯޔާއަށް ކަމަށް ޖަރުމަނު ޓީމުގެ ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

ފްރާންސްގެ ޕަބްލިކޭޝަންސް އިން ކޮންމެ އަހަރަކުވެސް ހޮވާ ބެލެންޑިއޯ އެވޯޑް ލިބޭ ކުޅުންތެރިޔާ މިފަހަރު ނުހޮވަން ނިންމާފައިވާ އިރު މިއީ 1956 ވަނަ އަހަރު އެ އޯވޯޑް ތައާރަފު ކުރި ފަހުން އެވޯޑް ނުދީ ނިންމާލާނެ ފުރަތަމަ ފަހަރެވެ.

ބެލެންޑިއޯ އެވޯޑްގައި ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ނޫސްވެރިންނަށް ވެސް ވޯޓް ލެވޭއިރު، މިއަހަރުގެ އެވޯޑް ކެންސަލް ކުރީ ތާރީހަށް ބަލައި އެ އެވޯޑުގެ އަގު ހިފެހެއްޓުމުގެ ގޮތުން ކަމަށް އެވޯޑް ހޮވާ ފްރާންސްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ލެވަންޑޯސްކީ ބުނީ މި ސީޒަނުގައި ބަޔާނުން ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައިވާ ކަމަށާއި، ބަޔާނުން ސީޒަނުގެ ތިން ތަށި ކާމިޔާބުކުރިއިރު، ތިން މުބާރާތުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އޭނާ ކަމަށެވެ. އެހެންކަމުން އޭނާއަށް ބަލޮންޑޯ ހައްގުވާ ކަމަށް ވަނީ ބުނެފައެވެ.

ބަޔާނުން މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ސައްތައިން ސައްތަ ރިކޯޑަކާއެކު ކާމިޔާބުކުރިއިރު، ލެވަންޑޯސްކީ ވަނީ އެ މުބާރާތުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ވަނީ ލެވަންޑޯސްކީ ވަނީ 34 ލަނޑު ޖަހާފައެވެ. އެހެން ނަމަވެސް މިފަހަރުގެ އެ އެވޯޑް ހައްގު ވަނީ ލެވަންޑޯސްކީއަށް ވުރެން ބޮޑަށް ބަޔާނުން އެ ކާމިޔާބީތައް ހޯދި އިރު ޓީމުގެ ގޯލް ކީޕަރެއްގެ ގޮތުގައި ހުރި ނޯޔާއަށް ކަމަށް ޖަރުމަނު ޓީމުގެ ކޯޗު ވަނީ ބުނެފަ އެވެ.

އޭނާ ބުނީ، ލެވަންޑޮސްކީ މިއަހަރު ހޯދި ކާމިޔާބީތަކަކީ އާދަޔާ ޙިލާފު ކާމިޔާބީތަކެއް ކަމަށެވެ. އަދި އޭނާ ހުރިހާ މުބާރާތެއްގައި ޖެހި ގޯލުތައް އެކަމަށް ހެކިދޭ ކަމަށް ލޯ ވަނީ ބުނެފަ އެވެ. ނަމަވެސް ލެވަންޑޮސްކީއަށް ވުރެން ނޯޔާ އޭނާގެ މަގާމުގައި މޮޅަށް ކުޅުނު ކަމަށް ލޯ ވަނީ ބުނެފަ އެވެ.

"ނޯޔާ މުޅި ސީޒަނުގައި ވެސް ދެއްކީ އެހެން ކުޅުންތެރިންނަށް ވުރެން މާ މަތީ ލެވަލެއްގެ ކުޅުމެއް. ލިސްބަންގައި ކުޅުނު ފައިނަލުގައި ވެސް މުޅި ގޯލު ބަންދުކޮށްލީ އާދަޔާ ޙިލާފު ގޮތަކަށް. އެވޯޑް ދޭ ނަމަ އެވޯޑް ހައްގީ އޭނާއަށް." ލޯ ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ބަލޮންޑޯ އެވޯޑް މިއަހަރު ނުދޭން ނިންމިއިރު، އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ފީފާގެ "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ވަނީ ފަސްކޮށްފައެވެ. އެކަމަކު އެވޯޑް ހަފުލާ ދެން ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާއަށް ދިން ބެލެންޑިއޯ އެވޯޑް ހާސިލް ކުރީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި އެމެރިކާގެ އަންހެން ޓީމުގެ މޭގަން ރެޕިނޯ އެވެ. މެސީގެ އެ އެވޯޑާ އެކު އޭނާ އެ ޝަރަފު ހޯދި އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. މެސީއާއި ދެން އެންމެ ގާތުން ފަސް އެވޯޑާ އެކު ވާދަކުރަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

comment ކޮމެންޓް