ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓު 2.81 ޕަސެންޓު މަތިވެފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.
އެ ބިއުރޯއިން ނެރުނު ޖުލައި މަހުގެ ސީޕީއައިއިން ދައްކާ ގޮތުގައި މާލޭގެ އިންފްލޭޝަން ރޭޓު މި މުއްދަތުގެ ތެރޭގައި 2.84 ޕަސެންޓު ވަނީ މަތިވެފަ އެވެ. އަދި އަތޮޅުތަކުގެ އިންފްލޭޝަން ރޭޓު މަތިވެފައިވަނީ 2.79 ޕަސެންޓެވެ.
ވަކިވަކި އަގުތަކަށް ބަލާއިރު މި މުއްދަތުގައި އެންމެ ބޮޑަށް އުފުލިފައިވަނީ ކަރަންޓާއި ފެން ބިލުގެ އަގުތަކެވެ. އެގޮތުން ކަރަންޓުގެ އަގުން 66.67 ޕަސެންޓު އަދި ފެން ބިލުން 42.86 ޕަސެންޓު ވަނީ ބޮޑުވެފަ އެވެ.
އެންބީއެސްއިން ބުނީ އެ ދެބައިން އަގުތައް އުފުލުނީ ކޮވިޑާ ގުޅިގެން ދެމުން އައި 40 ޕަސެންޓުގެ ސަބްސިޑީ ދިނުން ހުއްޓާލުމުން ކަމަށެވެ.
މީގެ އިތުރުން މުވާސަލާތީ ހިދުމަތްތައް، ދުންފަތާއި ދުފުމުގެ ބައިން ވެސް އަގުތައް ވަނީ އުފުލިފަ އެވެ.
މި މުއްދަތުގައި އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ކާބޯތަކެތީގެ ބައިން (0.43 ޕަސެންޓު) އަދި މަހުގެ ބައި (0.93 ޕަސެންޓު) އެވެ.
ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހުގެ އިންފްލޭޝަން ރޭޓު މަތިވި ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު މުޅި ރާއްޖޭގެ އިންފްލޭޝަން ރޭޓު ވަނީ 1.10 ޕަސެންޓު ދަށްވެފަ އެވެ. ވަކިވަކިން ބަލާއިރު މާލޭގެ އިންފްލޭޝަން 1.27 ޕަސެންޓު އަދި އަތޮޅުތެރޭގެ އިންފްލޭޝަން 0.80 ޕަސެންޓު ވަނީ ދަށްވެފަ އެވެ.
ސީޕީއައި ރިޕޯޓަކީ 1980ގެ އަހަރުތަކުން ފެށިގެން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އެންބީއެސްއިން އެކުލަވާލަމުންދާ ރިޕޯޓެކެވެ.