ކޯޓު އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ނިންމާ ނިންމުމެއް މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުމުން އިސްތިއުނާފު ކުރާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ބަލާ ނިންމަން ޖެހޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސްފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ 59 މެމްބަރުންގެ ވޯޓާއެކު އެވެ.
އެ ބިލުގައި ބުނެފައި ވަނީ އަމުރެއް ނުވަތަ ކޯޓަކުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމުން ހަތް ދުވަހުގެ ތެރޭގައި ކޯޓުން އެއަށް ގޮތް ނިންމަން ޖެހޭނެ ކަމަށެވެ. މިހާރު އޮންނަ ގޮތުން ކޯޓު އަމުރެއް އިސްތިއުނާފު ކުރި ނަމަވެސް ނިންމަން ވަކި މުއްދަތެއް ނޯވެ އެވެ.
އެހެންވެ ބައެއް މައްސަލަތަކުގައި މީހުން ބަންދު ކުރަން ނުވަތަ ބަންދުން ދޫކޮށްލަން ކޮށްފައިވާ އަމުރުގެ އިސްތިއުނާފު މައްސަލަތައް އަހަރެއް ފަހުންވެސް ނިންމާފައި އެބަހުއްޓެވެ.
އޭގެ އިތުރުން ހުކުމް އިސްތިއުނާފު ކުރަން މިހާރު ދީފައިވާ 30 ދުވަހުގެ މުއްދަތު އިތުރުކުރަން ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. ބިލުގައި ވާގޮތުން ކޯޓުން ކުރާ ހުކުމެއް އިސްތިއުނާފު ކުރުމަށް ދީފައިވާ ދެން 60 ދުވަހުގެ މުއްދަތަށް ލިބޭނެ އެވެ.
އެ ބިލުގައި ބުނެފައި ވަނީ ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމުގެ މަރުހަލާގައި ނިންމާފައިވާ ނިންމުމެއް އެ ނިންމާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރެވިދާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް އެކަމުގައި ދައުލަތުން އިސްތިއުނާފު ކުރަން ދޭ މުއްދަތް ތަފާތެވެ. އެގޮތުން ކޯޓަކުން ނެރެފައިވާ އަމުރެއް ނުވަތަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހެޅުމުގެ މަރުހަލާގައި ނިންމާފައިވާ ނިންމުމެއް 48 ގަޑިއިރު ތެރޭގައި ދައުލަތުން ކޯޓުގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.