އިންޑިއާ ކްރެޑިޓް ލައިންގެ ދަށުން ޕްރޮޖެކްޓު ހިންގާނީ އޯޕަން ޓެންޑަރިންގެ ތެރެއިން

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު --- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޑިއާއިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކަކީ އޮޕަން ޓެންޑަރިން ޕްރޮސެސްއެއްގެ ތެރެއިން ހިންގާނެ ޕްރޮޖެކްޓުތަކެއް ކަމަށާއި އެ ޕްރޮޖެކްޓުތަކުގެ އަގަކީ ކޮމްޕެޓެޓިވް އަގަކަށް ވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވަނީ ޗައިނާއިން ލޯނު ދީގެން ހިންގާ ޕްރޮޖެކްޓުތަކާއި އިންޑިއާގެ ލޯނު އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ.

އިންޑިއާއިން ލޯނު ދީފައިހުރީ އެއް ޕަސަންޓާއި 1.75 ޕަސެންޓާ ދެމެދުގެ އިންޓަރެސްޓެއްގައި ކަމަށައި ޗައިނާ ލޯނުތަކުގެ އިންޓްރެސްޓަކީ ދެ ޕަސެންޓުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިންޑިއާ އަދި ޗައިނާ ލޯނުތަކަކީވެސް ކޮންސެޝަނަލް އަދި ރަނގަޅު ކޮންޑިޝަންތަކުގައި ލިބިފައިހުރި ލޯނު،" މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ލޯނުތަކުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު އަދި އަނބުރާ ދެއްކުމަށް 20 އަހަރު ލިބިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކަށް ވަނީ ކުރީ ސަރުކާރުން ހިންގާފައިވާ ޕްރޮޖެކްޓުތަކުގެ ޕްރޮޖެކްޓު ކޮސްޓު ބޮޑުވުން ކަމަށެވެ.

"އަސްލު ޕްރޮޖެކްޓުގެ ވެލިޔު އަށްވުރެ ޕްރޮޖެކްޓު ވެލިޔު ބޮޑުުވަނީ. މިހާރު އިންޑިއާއިން އަޅުގަނޑުމެން ގާތްގަނޑަކަށް އެލްއޯސީގެ ދަށުން 800 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު ކުރިއަށް ގެންދަން އެބަ ރާވަން. އަދި އޭގެ އިތުރުން އަޅުގަނޑުމެން ބްރިޖު ޕްރޮޖެކްޓަށް 400 މިލިއަން ޑޮލަރު އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްވެސް އެބައިން. މީގައި އަޅުގަނޑުމެން މިހާރު މި ގެންދާ ޕްރޮސެސްއަކީ ވަރަށް ބޮޑަށް އޯޕަން ޓްރާންސްޕޭރެންޓު ޕްރޮސެސްއެއްގެ ތެރެއިން ޓެންޑަރިން އެބަ ހިނގާ އިންޑިއާގައި ވެސް. ޕްރީ ކޮލިފިކޭޝަން ޕްރޮސެސް އެބަ ހިނގާ އިންޑިއާގައިވެސް، ޕްރީ ކޮލިފިކޭޝަންއަށްފަހު ރާއްޖޭގައިވެސް ނޭޝަނަލް ޓެންޑާ ބޯޑުގެ ތެރެއިންވެސް އަޅުގަނޑުމެން ޓެންޑަރަށް ހުޅުވާލާނަން. އެހެންވީމާ އަޅުގަނޑުމެންނަށް އާހިރުގައި މި ލިބޭ އަގަކީ ވަރަށް ކޮމްޕެޓެޓިވް އަގަކަށް ވެގެންދޭ. އެހެންވީމާ އަޅުގަނޑުމެންނަށް އެ ޕްރޮޖެކްޓު ކޮސްޓު ވަރަށް ކުޑަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކުރީ ސަރުކާރުން މަސައްކަތްކޮށްފައިހުރި ސޮވެރިން ގެރެންޓީޑް އަދި ހުޅުމާލޭގައި ހިންގާފައިހުރި ސޯޝަލް ހައުސިންގެ ގިނަ ޕްރޮޖެކްޓުތަކުގެ ޕްރޮޖެކްޓު ކޮސްޓު ވަރަށް ބޮޑު ކަމަށެވެ. އެގޮތަށް ކަންތައް ވެފައި އޮތީ ކުރީގައި އެބޭފުޅުން އޯޕަން ޓެންޑަރިން ޕްރޮސެސްއެއްގެ ތެރެއިން ކޮންޓްރެކްޓަރު ހިޔާރުކޮށްފައި ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންނަމަވެސް އިންޑިއާގެ އެލްއޯސީގެެ ދަށުން ޕްރޮޖެކްޓުތައް އަޅުގަނޑުމެން ހިންގާ ޕްރޮޖެކްޓުތަކަކީ އޯޕަން ޓެންޑަރިން ޕްރޮސެސްގެ ތެރެއިން އިންޑިއާގައިވެސް އަދި ރައްޖޭގައިވެސް އަޅުގަނޑުމެން ޓެންޑަރިން ޕްރޮސެސްއެއްގެ ތެރެއިން ކޮންޓްރެކްޓަރު ހިޔާރު ކުރާނީ. އެހެންވީމާ އަޅުގަނޑުމެންްނަށް ލިބޭ އަގަކީ ވަރަށް ކޮމްޕެޓިޓިވް އަގަކަށް އެބަވޭ" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާ އަދި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ކޮންޑިޝަން ރަނގަޅު ކަމަށައި ނަމަވެސް ލޯނުތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ އަގު ބޮޑުވުމުން ބުރަ ބޮޑުވާ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެންނަށް ކުރީ ސަރުކާރުން ހިންގާފައިވާ ޕްރޮޖެކްތުތަކުގެ އަގު ބޮޑުވާތީވެ، އެގޮތުން ބުރަ ބޮޑުވެގެން އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އޯޕަން ޓެންޑަރިންް ޕްރޮސެސްއެއްގެ ތެރެއިން އަޅުގަނޑުމެން މި ކޮންޓްރެކްޓާ ހޯދަން ކުރާ މަސައްކަތުގައި ވަރަށް ކޮމްޕެޓިޓިވް އަގެއް ލިބިގެން ދާނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ ކުރީގެެ ސަރުކާރުތަކުން ކޮށްފައި ހުރި މަސައްކަތުގެ އަގު ބޮޑުވެގެން އަޅުގަނޑުމެންނަށް ވާ ބުރަ މާބޮޑުވެގެން އެބަދެޔޭޭ ލޯނުގެ ޓާމްސްއަށްވުރެ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް