ސުނީ ލޮނުމިރުސްވެސް ވިއްކަން ފަށައިފި

ނެށުންތެރިޔާ ސުނީތާ އަލީ އަލަށް އުފެއްދި ލޮނުމިރުސް --- ފޮޓޯ : ސުނީތާ އަލީ

ކޮވިޑް-19 އާ ގުޅިގެން އެކި މީހުން އަންނަނީ ގޭގައި ތިބެގެން ތަފާތު ހުނަރުތައް ދަސްކޮށް މުޅިން އާ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެއްބައި މީހުން ކައްކަނީއެވެ. އަނެއްބަޔަކު ކޭކު އަޅައި އެކި ކަހަލަ އެއްޗެހި ފިހަނީއެވެ. މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީއަށް ލިބިފައިވާ ހުސްވަގުތުގައި އޭނާވެސް އަމިއްލަ އާ މަސައްކަތެއް ފަށައިފި އެވެ. އެއީ ލޮނުމިރުސް ހަދައި ވިއްކުމުގެ މަސައްކަތެވެ.

ސުނީތާ އަކީ ކެމެރާގެ ކުރިމަތީގައި އެންމެނަށް އެނގޭ ފަންނާނަކަށްވިނަމަވެސް ކެމެރާގެ ފަހަތުގައިވެސް ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ އަންހެނެކެވެ.

"އޭރު އޮންނަ ހާލަތަކާ އެއްގޮތަކަށް ޖެހޭނެ ފިޓުވެލަން. އަދި އެކި ކަހަލަ ކަންތައްތައްވެސް ކޮށްލައި ހާލަތުގެ ބޭނުންކުރެވޭ ގޮތެއް ހޯދާލުން ވަރަށް ބުއްދިވެރި،" އަލަށް އުފެއްދި ޕްރޮޑަކްޓާ ގުޅޭގޮތުން މައުލޫމާތު ދެމުން ސުނީ ބުންޏެވެ.

ސުނީތާގެ ޕްރޮޑަކްޓުތަކުގެ ލޭބަލް ކަމަށްވާ "ސުނީސް ސްޕެޝަލް" ބްރޭންޑުގެ ނަމުގައި ލޮނުމިރުސް ހަދަން ފަށާފައިވަނީ މިހާރު ކޮވިޑް-19 އާ ގުޅިގެން މަސައްކަތްތައް ނެތި، ގިނަ ވަގުތު ލިބިފައިވާތީ ކަމަށެވެ.

އެގޮތުން މި ދުވަސްކޮޅުގައި އެފަދަ މަސައްކަތެއް ފެށުމަށް ވަގުތު އޮޮތުމުން އެކަންތައް ކުރަން ފެށީ ކަމަށާއި އެކި ކަހަލަ މަސައްކަތް އަބަދުވެސް ކުރަމުން ގެންދާ ކަމަށް އޭނާ ބުންޏެވެ.

ރޭގައި އަލަށް ތައާރަފުކުރި ލޮނުމިރުސް އަކީ ދިވެހިންގެ އެންމެ ކުރީގެ ރަހަތަށް ހަނދާން ވެގެންދާނެ ޕްރޮޑަކްޓަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.

"މިހާރުވެސް ވަރަށް ގިނަ އޯޑަރުތަކެއް ލިބިއްޖެ ލޮނުމިރުސް އަށް. މި އުފައްދާނީ އޯޑަރަށް،" ސުނީ ބުންޏެވެ.

އެ ލޮނުމިރުސް އާންމުންނަށް ކަމުދާނެ ކަމަށް އުއްމީދުކުރާއިރު އެ ލޮނުމިރުސް އޯޑަރަށް ހަދަނީ، އެތަކެތި އެންމެ ތާޒާކަން މަތީގައި އާންމުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާތީ ކަމަށް ސުނީތާ ބުންޏެވެ. ސުނީތާ ބުނީ އެ ލޮނުމިރުހަކީ ކުޅިރިހަ އާއި ބާބެކިއުއަށް ކަމުދާނެ އެއްޗެހި ކަމަށެވެ.

ސުނީސް ސްޕެޝަލް އިން ލޮނުމިރުސް އުފައްދާފައިވާއިރު މީގެކުރީން ސުނީ ވަނީ ކާށި ތެޔޮވެސް އުފައްދައި ވިއްކަން ފަށާފައެވެ. މިހާރުވެސް އެ ޕްރޮޑަކްޓް ވިއްކާއިރު އެތަކެތި ކުރިންބައިން ހަދާފައި ނުބަހައްޓާ ކަމަށް ސުނީ ބުންޏެވެ. އެގޮތުން އެތަކެތި އެންމެ ތާޒާކަން މަތީގައި ފޯރުކޮށްދިނުމަށް ޕްރޮޑަކްޓަށް އެދުމުން އެތަކެތި އުފައްދާނެ ކަމަށް ސުނީތާ ފާހަގަކުރިއެވެ.

އޭނާ ބުނީ ކުރިއަށް އޮތްތަނުގައިވެސް ތަފާތު ޕްރޮޑަކްޓުތަކާއެކު ފެނުން އެކަށީގެންވާ ކަމަށެވެ.

comment ކޮމެންޓް