ކޮންސްޓްރަކްޝަން ދާއިރާގެ އިމްޕޯޓު ދަށަށް، ލޯނު އިތުރު

މެއި 28، 2020: ކޮވިޑް19ގެ ސަބަބުން މާލެ ފުރަބަންޑުކޮއްފައިވާއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުން މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ދެވަނަ ކުއާޓާރުގައި ކޮންސްޓްރަކްޝަން ދާއިރާގެ ބޭނުމަށް އެތެރެކުރި މުދާ، މީގެ ކުރީ އަހަރާ އަޅާބަލާއިރު 53 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފި އެވެ.

އެމްއެމްއޭ އިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި މުއްދަތުގައި ކޮންސްޓްރަކްޝަން ދާއިރާގެ ބޭނުމަށް ދޫކުރި ލޯނުގެ އަދަދު ވަނީ ހަތަރު ޕަސެންޓް އިތުރުވެފަ އެވެ.

އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައިވަނީ ރެޒިޑެންޝަލް ހައުސިންގެ ބޭނުމަށެވެ. ދެވަނަ އަށް އެންމެ ގިނަ ލޯނު ދޫކުރީ އާ ރިސޯޓުތައް ތަރައްގީ ކުރުމަށާއި ކޮމާޝަލް އިރަލް އެސްޓޭޓުގެ މަސައްކަތްތަކަށެވެ. ރިސޯޓު މަރާމާތަށް ދޫކުރި ލޯނުގެ އަދަދު ވަނީ ދަށްވެފަ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ އަށް 24.4 ޕަސެންޓުގެ މަޑުޖެހުމެއް އައި އިރު، މި ނިސްބަތް ދެވަނަ ކުއާޓަރުގައި އިތުރުވާނެ އެވެ.

ކޮވިޑް19 އާއި ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު އިިމްޕޯޓަށާއި އެއްރަށުން އަނެއްރަށަށް މުދާ ގެންދިޔުމަށް ހުރަސްތައް ކުރިމަތިވެ ސަޕްލައި ޗެއިން އަށް ބުރޫއެރިކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާނެ ލޭބަރު ރާއްޖެއިން ބޭރުން ގެނައުމަށް ދަތިތައް ހުރިކަމަށާއި އޭޕްރީލް 15 އިން މެއި 28 ގެ ނިޔަލަށް މާލެ ސިޓީ ލޮކްޑައުންގައި އޮތްއިރު، ކޮންސްޓްރަކްޝަން ދާއިރަގެ ހުރިހާ މަސައްކަތެއް ހުއްޓިފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކޮންސްޓްރަކްޝަން ދާއިރާގެ އިމްޕޯޓު އެތެރެކުރި އަދަދު 77.8 މިލިއަން ޑޮލަރުން ވަނީ ދަށްވެފަ އެވެ.

comment ކޮމެންޓް