ހަނގުރާމައެއްގެ ބިރާ އެކު ތުރުކީން ގްރީސްގެ 6 ޖެޓަކަށް ހުރަސްއަޅައިފި

ތުރުކީގެ ވައިގެ ސިފައިންގެ ދެ ޖެޓް މެޑިޓަރޭނިއަން ކަނޑުގެ އިރުމަތީގައި ޕެޓްރޯލް ކުރަނީ

އަންކަރާ (އޮގަސްޓް 29) : މެޓިޓަރޭނިއަން ކަނޑުގެ އިރުމަތީގައި ގްރީސް އާއި ތުރުކީއާ ދެމެދު ހަނގުރާމައެއްގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް ތުރުކީގެ ވައިގެ ސިފައިން ގްރީސްގެ އަސްކަރީ ޖެޓްތަކަކަށް ހުރަސް އަޅައިފި އެވެ.

ތުރުކީގެ ދިފާއީ ވުޒާރާއިން ބުނީ ގްރީސްގެ އަސްކަރީ ހަ ޖެޓަކަށް ވައިގެ މަގުން ހުރަސްއަޅައި އެ ޖެޓްތަކުގެ މިސްރާބު ބަދަލުކުރަން މަޖްބޫރުކޮށްފައިވާނެ ކަމުގަ އެވެ.

ތުރުކީގެ ވައިގެ ސިފައިން ގްރީސްގެ އަސްކަރީ ޖެޓްތަކަށް ހުރަސްއެޅީ އެޖެޓްތަކުގެ މިސްރާބު ރާޑަރުން ބެލުމަށް ފަހު ތުރުކީގެ ސަލާމަތަށް ނުރައްކާވާތީ ކަމަށާއި ގްރީސްގެ ހަ ޖެޓަކީ އެމެރިކާގައި އުފައްދާފައިވާ އެފް -16ގެ ޖެޓްކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާން ބުނެ އެވެ. މެޓިޓަރޭނިއަން ކަނޑުގެ އިރުމަތީގައިވާ ތުރުކީގެ ސަރަހައްދެއް ކަމަށްވާ ނެވްޓެކްސްގެ ވައިގެ ސަރަހައްދަށް ގްރީސްގެ ޖެޓްތައް ވަންނަމަ އިތުރު އިންޒާރަކާ ނުލައި ހަމަލާދިނީސްކަމަށް ވެސް ތުރުކީން ބުނެފައިވެ އެވެ.

ކަނޑުގެ ބިމުގެ އަޑީގައި ގޭސްހުރިތޯ ބެލުމުގެ ސާވޭކުރާ ތުރުކީގެ ބޯޓު

ތުރުކީއަކީ ނޭޓޯގެ ގައުމެއް ނަމަވެސް ތުރުކީ ވަނީ ރަޝިޔާގެ އެންމެ ހައިޓެކްނޮލޮޖީގެ ދިފާއީ ނިޒާމެއްކަމަށްވާ އެސް 400 މަރުކާގެ ދިފާއީ ނިޒާމު ދާދިފަހުން އެގައުމުގައި ގާއިމްކޮށްފަ އެވެ. ނަމަވެސް ގްރީސްގެ ޖެޓްތަކަށް ތުރުކީން ހުރަސްއަޅާފައި ވަނީ އެފް 16ގެ ފައިޓާޖެޓް ބޭނުންކޮށްގެންނެވެ. މިއީ ނޭޓޯގެ ދެގައުމު ކަމަށްވާ ތުރުކީއާއި ގްރީސްއާ ދެމެދު ފަހުގެ ތާރީޚެއްގައި ވައިގެ މަގުން އަސްކަރީ ކުރިމަތިލުމެއް ހިނގި ފުރަތަމަ ފަހަރެވެ.

މެޓިޓަރޭނިއަން ކަނޑުގެ އިރުމަތީގައި ތުރުކީގެ އައްސޭރިފަށާ ދުރުހިސާބެއްގައި ގްރީސްއާއި ތުރުކީއާ ދެމެދު އަރާރުންތައް ހިނގަމުންދަނީ އެސަރަހައްދުގެ ކަނޑުއަޑީގެ ބިމުގައި ގުދްރަތީ ގޭސް ވަޅެއް ހުރިކަމަށް ބެލެވިގެން ތުރުކީގެ އެކްޕްލަރޭޝަން ބޯޓެއް އެސަރަހައްދުގެ ކަނޑުގެ ބިމުގެ އަޑީގައި ސާވޭކުރުމުގެ މަސައްކަތް ކުރަމުން ގެންދާ މައްސަލާގަ އެވެ.

ތުރުކީއާއި ގްރީސްއާ ދެމެދު އަރާރުން އުފެދިފައިވާ ސަރަހައްދު

ގްރީސްއިން ގެންދަނީ އެއީ ހަމައެކަނި ތުރުކީގެ ކަނޑުގެ ސަރަހައްދުނޫން ކަމަށާއި އެ ސަރަހައްދުގެ ބޮޑުބައި ހިމެނެނީ ގްރީސްގެ ކަނޑުގެ ސަރަހައްދުގައި ކަމަށްބުނެ އަޑުއުފުލަމުންނެވެ. ތުރުކީން ކުރިޔަށްގެންދާ ގޭސް ހޯދުމުގެ ސާވޭތަކަށް ގްރީސްއިން ހުރަސްއަޅަން މަސައްކަތް ކުރާތީ ތުރުކީ ވަނީ އެސަރަހައްދަށް އެގައުމުގެ ކަނޑުގެ މަނަވަރުތައް ފޮނުވައި ސާވޭކުރާ ބޯޓު ހިމާޔަތްކޮށްފަ އެވެ. މިއާ އެކު ގްރީސް ވެސް ވަނީ އެސަރަހައްދާ ކައިރީ ހިސާބަކަށް ކަނޑުގެ މަނަވަރުތައް ޖަމާކޮށް ވައިގެ މަގުން އަސްކަރީ ޖެޓްތައް ހަރަކާތް ކުރުވަން ފަށާފަ އެވެ.

މިމައްސަލާގައި ނޭޓޯއާއި ޔޫރަޕްގެ އިއްތިޙާދު ވަނީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ބުނެފައެވެ. ގްރީސްއާއި ތުރުކީގެ މިއަރާރުން ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޔޫރަޕްގެ ގައުމުތަކުން އެންމެފުރަތަމަވެސް ތުރުކީ ކުށްވެރިކޮށް ގްރީސްއަށް ތާއީދު ކުރަން ފެށުމުން ތުރުކީވަނީ ރުޅިގަދަވެފަ އެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާންވަނީ މެޓިޓަރޭނިއަން ކަނޑުގެ އިރުމަތީގައި ތުރުކީ ހިނގަމުންދާ ގޭސް ހޯދުމުގެ ސާވޭއަށް އެއްވެސް ފަރާތަކަށް ހުރަސްނޭޅޭނެކަމަށާ ހަނގުރާމަކޮށްގެން ނަމަވެސް ތުރުކީގެ ހައްގުތައް ތުރުކީ ދިފާއުކުރާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ގްރީސްގެ ފައިޓާޖެޓެއް

މި އަރާރުމުގައި އެމެރިކާ ވަކިކޮޅަކަށް ބުރަވެ ބަޔާންތައް ދީފައެއްނުވެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާންއާ ފޯނުން ގުޅުއްވައި މަސްރަހު ފިނިކުރަމަށް ބާރުއަޅުއްވާފަ އެވެ. ނަމަވެސް ދާދިފަހުން އިސްރާއީލާ ގުޅުންތައް ގާއިމްކުރި ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޑެޓް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިންވަނީ މިމައްސަލާގައި ތުރުކީއާ ދެކޮޅަށް ގްރީސް އަށް ތާއީދުކޮށް ގްރީސްއަށް ގިނަ އަދަދެއްގެ ހަތިޔާރު ފޮނުވާފަ އެވެ. ޔޫއޭއީން ގްރީސް އަށް ފޮނުވި ބަރުހަތިޔާރުގެ ތެރޭގައި ފައިޓާޖެޓް ވެސް ހިމެނެ އެވެ.

ގްރީސްއާ އަޅާބަލާއިރު ތުރުކީއަކީ އަސްކަރީ ގޮތުން މާބާރުގަދަ ގައުމަކަށްވެފައި ތުރުކީގައި ވެރިކަންކުރާ ރަޖަބު ތައްޔިތު އެރުދުޣާންގެ ސަރުކާރަކީ ޔޫރަޕަށާއި އެމެރިކާއަށް ދޫނުދީ ކުރަންޖެހޭ ކޮންމެ ކަމެއް ފަސްނުޖެހި ކުރަންކެރޭވަރުގެ ޖެހިލުންކުޑަ ސަރުކާރެއް ކަމުން ގްރީސްއާއި ތުރުކީއާ ދެމެދު ހަނގުރާމައެއްގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

މެޓިޓަރޭނިއަން ކަނޑުގެ އިރުމަތީގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ގޭސްވަޅުތައް ހުރިކަން ސާވޭތަކުން މިހާރު ކަށަވަރުވެފައިވާއިރު އެގޭސް ވަޅުތަކުގެ މިލްކުވެރިކަމުގެ މައްސަލާގައި ގިނަ ގައުމުތަކެއް ޝާމިލްވެއެވެ. އޭގެތެރޭގައި ތުރުކީއާއި ގްރީސްގެ އިތުރުން ލުބްނާން ސޫރިޔާ، އިސްރާއީލު، ސައިފްރަސް އަދި މިސްރު ހިމެނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް