އިސްތިއުފާ ދެއްވި ޖަޕާނުގެ ބޮޑު ވަޒީރަށް ރައީސް ސޯލިހުގެ މެސެޖެއް

ރައީސް ސޯލިހް އަބޭއާއެކު-- ފޮޓޯ: ރައީސް އޮފީސް

ސިއްހީ ހާލުކޮޅު ގޯސްވެ މިއަދު އިސްތިއުފާ ދެއްވި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަށް ދުޅަހެޔޮ ސިއްހަތަކަށް އެދިލައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދެހާސް ބަރާވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުކަން ކުރައްވަމުން ގެންދެވި އަބޭ، ސިއްހީ ހާލަތު ތަންނުދޭތީވެ މިއަދު ވަނީ އިސްތިއުުފާދެއްވައިފައެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އަބޭއާ ބައްދަލުކުރެއްވުގެ ފުރުސަތު ލިބިވަޑައިގެން ކަމަށާއި އަދި އެއީ ބޮޑު އުފަލެއް ކަމަށެެވެ. އަދި އެމަނިކުފާނަކީ ދުރުވިސްނޭ ވަރަށް ގާބިލް ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަބޭއަކީ ރާއްޖެއާއި ގާތް ގުޅުމެއް ބާއްވަން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެެވެ.

" ދިވެހީންގެ ފަރާތުން އަބޭއަށް އެދެނީ ރަނގަޅު ސިއްހަތާއި ކާމިޔާބީއަށް" ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އަބޭ މީގެ ކުރިން ވަނީ 2006 ވަނަ އަހަރު ވެރިކަން އެއް އަހަރު ދުވަސްވަންދެން ކުރެއްވުމަށް ފަހުވެސް ސިއްހަތު ތަން ނުދޭތީ އިސްތިއުފާ ދެއްވިއެވެ.

މިދިޔަ އަހަރު ރައީސް ސޯލިހް އަބޭއާ ބައްދަލުކުރައްވައި ވަނީ ދިވެހިންނަށް ޖަޕާނަށް ދަތުރުކުރުމުގައި ވިސާގެ ކަންތައްތައް ފަސޭހަކުރުމާއި އިތުރު ފްލައިޓްތައް ދެގައުމުގެ ދެމެދުގައި އިތުރަށް ފްލައިޓްތައް ބޭއްވުމާއި ރާއްޖޭގެ އުމްރާނީ ،މާލީ އަދި ސަލާމަތީ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކުރައްވައިފައެވެ.

ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންދާ ޖަޕާނުން ދޭތެރެ ދޭތެރެއިން ރާއްޖެއަށް ދަނީ ބޮޑެތި އެހީތައް ދެމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ޖަޕާނުން ވަނީ ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ގަތުމަށް 86.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.

comment ކޮމެންޓް