މިދިޔަ އަހަރު އުމުރުން 18 އަހަރުން ދަށުގެ ކުދިން ގާނޫނާ ހިލާފުވެގެން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ކުދިން ކުށްކުރުމަށް މެދުވެރިވާ ތަފާތު ގިނަ ސަބަބުތަކެއް ފާހަގަވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފި އެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވަނީ ގާނޫނާ ހިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 2019 ވަނަ އަހަރު އެ ޔުނިޓަށް ހުށަހެޅުނު މައްސަލަތަކަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓު އާންމުކޮށްފަ އެވެ.
އެ ރިޕޯޓުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މައްސަލަ ހުށަހެޅުނު ކުދިންގެ އަދަދާއި ޖިންސާއި އުމުރުފުރާއާއި ތައުލީމީ ހާލަތާއި އާއިލީ ހާލަތާއި އިޖުތިމާއީ ހާލަތާއި ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތަކާއި، ކުށްކުރިވެއްޓާއި، ކުށްކުރާ ސަބަބުތަކަށް އަލިއަޅުވާލާފައިވެއެ ވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ގާނޫނާ ހިލާފުވެގެން ޖުމްލަ 312 މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 11.9 ޕަސެންޓު ދަށް އަދަދެކެވެ.
ޖޭޖޭޔޫއިން ބުނީ މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުށްކުރުމަށް މެދުވެރިވާ ތަފާތު ސަބަބުތައް ފާހަގަވެފައިވާ ކަމަށާއި ކުއްޖާ ތަރުބިއްޔަތުކުރުމުގެ ހުރިހާ މަރުހަލާއެއްގައި މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ކުދިންނަށް އެކަށީގެންވާ ތަރުބިޔަތު ނުލިބުމާއި، މައިންބަފައިން ރިވެތި ނަމޫނާ ނުދެއްކުމާއި، ފުރާވަރު އުމުރުގެ ކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަތުމާއި ހައްލުކުރުމުގެ މައުލޫމާތާއި ހުނަރު މައިންބަފައިންނަށް ލިބިފައި ނެތުން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފުރާވަރުގެ ކުދިން ހެދިބޮޑުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ނުފޫޒުތަކާއި ބޭނުންތައް ދެނެގަންނަން ނޭނގުމުގެ އިތުރުން ކުދިންގެ ފަރާތުން ފެންނަ އަހުލާގީ މައްސަލަތައް ނުވަތަ ކުށުގެ އަމަލުތަކަކީ މާބޮޑުކަމެއްކަމަށް ނުދެކި އެކަންތައްތައް ފޮރުވުމަކީ ވެސް ކުދިން ކުށްކުރަން މެދުވެރިވާ ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
ހަމައެއާއެކު މައިންބަފައިން ނުވަތަ އިތުބާރު ހިފޭ މީހެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބުމާއި އެފަދަ ކުދިން މުޖުތަމައުގައި އެކަހެރިވުމަކީ ވެސް ކުދިން ކުށުގެ ވެށްޓަށް ހުށަހެޅޭ ސަބަބެކެވެ.
ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބޮޑެތި މީހުން، ކުޑަކުދިން ކުށުގެތެރެއަށް ވެއްދުމަށް މަސައްކަތްކުރުމަކީ ވެސް އިތުރު ސަބަބެކެވެ. އެގޮތުން ކުދިން ލައްވާ މަސްތުވާތަކެތި ވިޔަފާރި ކުރުވުމާއި، އެތަކެތި ކުދިން ބޭނުންކުރުމަށް ހިތްވަރު ދިނުން ފާހަގަކޮށްލެވެއެވެ.
ޖޭޖޭޔޫއިން ބުނީ ކުށްކުރާ ބޮޑެތި މީހުންގެ ޝިކާރައަށް ގިނަފަހަރު ވެފައިވަނީ ފުދުންތެރިކަން ކުޑަ، އަޅާލާނެ ފަރާތެއްނެތް، ސްކޫލަށް ނުދާ އަދި ނަފްސާނީ ތަފާތު މައްސަލަތައް ހުންނަ ކުދިން ކަމަށެވެ. އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެތެރެއަށް އެކުއްޖާ އައުމުން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ނަމުގައި ކުދިން ނިސްބަތްވާ ގްރޫޕްތަކުން މަސައްކަތްކުރުމުގެ ސަބަބުން ގުރޫޕާ ކުއްޖާއާ ދެމެދު އޮންނަ ގުޅުން ބޮޑުވުން ވެސް ހިމެނެ އެވެ.
ހަމައެއާއެކު ދަރިން ތަރުބިޔަތު ކުރުމުގެ ނިޔަތުގައި ކުދިންނަށް ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ އަދަބުތައް ދިނުމަކީ ވެސް ކުދިން ކުށުގެ މާހައުލަށް ނުކުންނަ ސަބަބެކެވެ.
އެގޮތުން ޖިސްމާނީ އަނިޔާކުރުމާއި ގެއިން ނެރެލުން ފަދަ އަދަބުތައް ދިނުމުގެ ނަތީޖާއަކަށްވަނީ ކުދިން އިސްލާހުވުމުގެ ބަދަލުގައި ގޯސްމަގު ހިޔާރުކޮށް، ގޯޅިއެޅުން ކަމަށް ރިޕޯޓުގައި ވެއެވެ.
މައިންބަފައިންގެ ފަރާތުން ކުދިންނަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވުމާއި، ކުދިން އުޅޭނޫޅޭގޮތް ނުބެލުމާއި، ކުދިންނާމެދު އިހުމާލުވުމާއި، އަޅާލުންކުޑަވުމާއި، ކުދިން ކުށަށް އަރައިގަތުމުން އިސްލާހުކުރުމުގެ ބަދަލުގައި ކުށުގެ އަމަލުތައް ފޮރުވުމަށް މަސައްކަތް ކުރުމަކީ ވެސް ސަބަބެކެވެ.
ހަމައެއާއެކި އެކުގައި އުޅޭ އެކުވެރިންނާއި ގޭންގުތަކުގެ ނޭދެވޭ ނުފޫޒުގައި ކުދިންޖެހުމާއި ކުށްކުރާ ގޭންގުތަކާއި ގުޅުމާއި ގޭންގުތަކާއި ގުޅުމަށް އެކުވެރިންގެ ނުފޫޒު ފޯރުމާއި ފުރާވަރުގެ ކުދިން ހެދިބޮޑުވުމުގައި ދިމާވާ ގޮންޖެހުންތަކާއި ބޭނުންތައް ދެނެގަންނަން ނޭނގުން ވެސް ހިމެނެއެވެ.
ކިޔެވުން ގެއްލޭ ކުދިންނަށް ތައުލީމާއި ތަމްރީނު ލިބޭނެ ފުރުސަތު އެންމެ އެކަށީގެން މިންވަރަށް ނެތުމަކީ ވެސް ކުށްތަކަށް ކުދިން އަރައިގަންނަ އެއް ސަބަބު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ކުއްޖާގެ ސާނަވީ ތައުލީމު ކުރިޔަށް ގެންދަން ބޭނުންނުވާ ކުދިންނަށް އިތުރު ފުރުސަތުތައް އެންމެ އެދެވޭ ގޮތުގައި ނުލިބޭކަން ފާހަގަކޮށްފައިވެއެވެ.
ކުށުގެ ވެށީގައި އުޅޭ ކުދިންގެ ތެރޭގައި އެއްގޮތަކަށްވެސް ސްކޫލަށްނުދާ ކުދިން މަދުން ނަމަވެސް ފާހަގަ ކުރެވޭއިރު، އެފަދަ ކުދިންގެ މައިންބަފައިންނަށް ކުދިންގެ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވުމަކީ ވެސް ސަބަބެއް ކަމަށް ރިޕޯޓުގައިވެއެވެ.
ސުލޫކީ މައްސަލަތައް ހުންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދިނުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ވެސް ކުދިން ކުށްތަކަށް އަރައިގަނެއެވެ.
މީގެ އިތުރުން ބިނާކުރަނިވި ގޮތުގައި ހުސްވަގުތު ހޭދަކުރެވޭނެ ޕްރޮގްރާމްތައް ނެތުމާއި ފުރާވަރުގެ ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުން މަދުވުމާއި ގެވެށި އަނިޔާއާއި އާއިލާތެރޭގައި އަނިޔާވެރި މީހަކު އުޅުން ނުވަތަ އާއިލާގައި ކުށްކުރާ މީހުން އުޅުމަކީ ވެސް ކުދިން ކުށުގެ ވެށްޓަށް ހުށަހަޅާ ސަބަބުތަކެވެ.