ސްކޫލަށް ދިޔުން ހުއްޓާލާ ކުދިން ގިނަވަނީ، ދެން ފަށަނީ ކުށްކުރަން

ޖެނުއަރީ 14، 2018: ދަރިވަރުންތަކެއް - ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ސްކޫލަށް ދިއުން
ހުއްޓާލާފައިވާ ކުދިން ކަމަށް އެ ޔުނިޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖޭޖޭޔޫއިން އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގައި ހިމެނޭ 44 ޕަސެންޓު ކުދިންނަކީ ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންނެވެ. އަދި 17 ޕަސެންޓު ކުދިންނަކީ ސްކޫލުގައި އުޅޭ ކުދިންނެވެ.

މީގެ އިތުރުން 33 ޕަސެންޓު ކުދިންނަކީ ސާނަވީ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކުދިން ކަމަށާއި 2016 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދުގައި ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންގެ އަދަދު ގާތްގަޑަކަށް ދެ ގުނައަށް މަދުވެފައި ވަނިކޮށް، 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އެ އަދަދު ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ޖޭޖޭޔޫ އިން ބުނީ މިދިޔަ އަހަރު އެ ޔުނިޓަށް މައްސަލަ ހުށަހެޅުނު އިރު އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުދާ ނުވަތަ ކިޔެވުން ހުއްޓާލާފައިވާ 133 ކުއްޖަކު ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ސްކޫލަށް ދިއުން ހުއްޓަލާފައިވާ ޕްރައިމަރީ ގްރޭޑްތަކުގެ ތެރޭގައި، ގުރޭޑު 4،5،6،7ގެ ކުދިން ހިމެނެ އެވެ. އަދި ސާނަވީ އާއި މަތީ ސާނަވީ ގްރޭޑް ތަކުންވެސް މި މައްސަލަ ފާހަގަވެފައިވާއިރު، އެންމެ ގިނައިން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ގުރޭޑްތަކުގެ ގޮތުގައި ފާހަގަވެފައިވަނީ ގުރޭޑު 9 އާއި 10 އެއްގައި ކިޔަވަމުން ދިޔަ ކުދިން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ކުދިން ސްކޫލަށް ދިއުން ހުއްޓާލާ ނުވަތަ ކިޔެވުން މެދުކަނޑާލާ ސަބަބުތަކުގެ ތެރޭގައި ކުދިންނާއި އާއިލާތަކުން ފާހަގަކޮށްފައިވާ ގިނަ ސަބަބުތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ކުށުގެ ވެށީގައި އުޅޭ ރައްޓެހިންނާ އެކު އުޅުމާއި، އުމުރުން ދޮށީ މީހުންނާއެކު ބޭރުތެރޭގައި ވަގުތުތައް ހޭދަކުރަން ދިއުމާއި، ސްކޫލުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކިޔަވަން ދާ ހިތްނުވުން ހިމެނެ އެވެ.

ހަމައެއާއެކު އަހްލާގީ މައްސަލަތަކާ ގުޅިގެން ސްކޫލުން އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހުމާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ ސަބަބުންނާއި، އިހުމާލުވުމުގެ ސަބަބުންނާއި، ސްކޫލުގެ އަހްލާގީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަން ބޭނުންނުވުމާއި، ކުދިންނާ ޓީޗަރުންނާ މައްސަލަތައް ޖެހި އެމައްސަލަތައް ހައްލުނުވުން ހިމެނެ އެވެ.

މީގެ އިތުރުން ސްކޫލުގައި ކުއްޖާއަށް ބުލީ ކުރުމުގެ މައްސަލަތައް ދިމާވުމާއި، ކުއްޖާގެ އަހްލާގީ މައްސަލަތައް ހައްލުކުރުމުގެ ނިޔަތުގައި ނުވަތަ އެހެނިހެން އިޖުތިމާއީ އަދި މާލީ ސަބަބުތައް ކުރިމަތި ވެގެން މާލެއަށް ނުވަތަ އެހެން ރަށަކަށް ކިޔެވުން ބަދަލުކުރުން ވެސް ފާހަގަކޮށްފައިވެ އެވެ.

ކިޔަވާ ސްޓްރީމް ނުވަތަ މާއްދާތައް އުނދަގޫވެ ރަނގަޅު ނަތީޖާ ނުނެރެވުމާއި، ކިޔެވުމަށް ދަށްވަމުން ދާކަން ގަބޫލުކުރެވުމާއި، ގާނޫނާއި ހިލާފުވުމުގެ މައްސަލަތައް ކުރިމަތި ވުމާއި، ޝަރުއީ ކައިވެއްޏަކާ ނުލައި ބަލިވެ އިނުމާއި، ގަވައިދުން ސްކޫލަށް ނުދެވުމާއި، ސްކޫލަށް ދާން ހޭނުލެވުން ތަކުރާރު ވުމާއި، ކިޔަވަން ''ފޫހިވުން'' ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2016 ވަނަ އަހަރުން ފެށިގެން ސްކޫލަށް ދިއުން ހުއްޓާލި ކުދިންގެ އަދަދު މަދުވިނަމަވެސް، 2019 ގައި ސްކޫލަށް ދިއުން ހުއްޓާލި ކުދިންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާކަމަށް ރިޕޯޓުގައިވެ އެވެ.

ކުށުގެ ވެށީގައި އުޅުނު ނަމަވެސް، ސްކޫލުގައި އުޅޭ ކުދިން 2016 އިން 2018 އަށް އިތުރުވަމުން އައުމަށްފަހު، މިދިޔަ އަހަރު އެ އަދަދު ގާތްގަނޑަކަށް ދެ ގުނަ މަދުވެފައި ވާކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ސާނަވީ މަރުހަލާ ނިންމާ ކުދިން، ކުށުގެ ވެއްޓަށް ދިއުން ކޮންމެވެސް ވަރަކަށް މަދުކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި ސްކޫލަށް ދިއުން ހުއްޓާލާ ކުދިންގެ އަދަދު އިތުރުވަމުން ދާނަމަ ކުޑަކުދިން ކުށްކުރާ ނިސްބަތް އިތުރުވަމުން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ގާނޫނާ ހިލާފުވާ ގިނަ ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށް

މިދިޔަ އަހަރު ޖޭޖޭޔޫއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު 39 ޕަސެންޓު ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށެވެ. އަދި 33 ޕަސެންޓު ކުދިންނަކީ ގުޅިފައިވާ ނުވަތަ ދެމަފިރިން އެކީގައި ދިރިއުޅެމުންދާ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެ.

ޝަރުއީ ބައްޕަ ނެތް ކުދިންނާއި މަންމަ ނުވަތަ ބައްޕަ ނުވަތަ ދެމީހުން ނިޔާވެފައިވާ ކުދިން އިތުރަށް ނިކަމެތިވެ ކުށުގެ ވެއްޓަށް ވަންނަން ފުރުސަތު ބޮޑުވެގެންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށްފައިވާ މައުލޫމާތުން ސާފުވާ ގޮތުގައި، ގާނޫނާ ހިލާފުވާ ކުޑަކުދިންގެ އާބާދީގެ އެންމެބޮޑު ބައި ނިސްބަތްވަނީ ގުޅިފައިވާ އާއިލާތަކަށެވެ.

ނަމަވެސް 2019 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގާނޫނާ ހިލާފުވާ އެންމެ ގިނަ ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށެވެ.

އާއިލާއަކީ ކުއްޖާ ކުށުން ދުރުހެލި ކުރުމަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއަކަށް ވާއިރު، އާއިލާ ނިކަމެތިވެ، އާއިލީ މައްސަލަތައް އިތުރުވުމުގެ ސަބަބުން ކުއްޖާ ކުށުގެ ވެއްޓަށް ދިއުމަށް މަގުފަހިވާނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އާއިލީ މައްސަލަތައް ދިމާވުމުގެ ސަބަބުން ކުއްޖާ ކުށަށް އަރައިގަތުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށާއި ކުއްޖާގެ އުޅުމަށް ނޭދެވޭ ބަދަލުތައް އަންނަ ހިސާބުން ފެށިގެން ކުއްޖާއަށް ބޭނުންވާ އަޅާލުން ނުދެވިއްޖެނަމަ ކުއްޖާ އުޅުން އިތުރަށް ގޯސްވުމުގެ ފުރުސަތު އޮންނާނެކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

comment ކޮމެންޓް