ކުޑަކުދިން ގާނޫނާ ހިލާފުވުމުގެ 312 މައްސަލަ، ކުށް ތަކުރާރު ކުރާ ކުދިން ގިނަވަނީ

މާލެމަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު އުމުރުން 18 އަހަރުން ދަށުގެ ކުދިން ގާނޫނާ ހިލާފުވެގެން 312 މައްސަލައެއް ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ)އަށް ހުށަހަޅާފައިވާ ކަމަށް އެ ޔުނިޓުން ބުނެފިއެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ވަނީ ގާނޫނާ ހިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 2019 ވަނަ އަހަރު އެ ޔުނިޓަށް ހުށަހެޅުނު މައްސަލަތަކަށް ބަލައި ތައްޔާރުކޮށްފައިވާ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި ޖުވެނައިލް ޖަސްޓިސް ޔުނިޓަށް މައްސަލަ ހުށަހެޅުނު ކުދިންގެ އަދަދާއި ޖިންސާއި އުމުރުފުރާއާއި ތައުލީމީ ހާލަތާއި އާއިލީ ހާލަތާއި އިޖުތިމާއީ ހާލަތާއި ތުހުމަތު ކުރެވޭ ކުށުގެ ބާވަތްތަކާއި، ކުށްކުރިވެއްޓާއި، ކުށްކުރާ ސަބަބުތަކަށް އަލިއަޅުވާލާފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ގާނޫނާ ހިލާފުވެގެން ޖުމްލަ 312 މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 11.9 ޕަސެންޓު ދަށް އަދަދެކެވެ.

ޖޭޖޭޔޫ އިން ބުނީ މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކުށް ތަކުރާރުކޮށްގެން 147 ކުދިންގެ މައްސަލަ ހުށަހެޅިފައި ވާއިރު، 165 ކުދިންނަކީ ކުށުގެ ތުހުމަތުގައި އެ ޔުނިޓަށް އަލަށް ހުށަހެޅުނު ކުދިން ކަމަށެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. އެގޮތުން މަސްތުވާތެކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމާއި، ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުން ފަދަ މަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ ހުށަހެޅިފައި ވެއެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ 35 ޕަސެންޓެވެ.

މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފިރިހެންކުދިން ކުރާ ކުށްތަކުގެ ބާވަތްތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅު މާއި، ވައްކަންކުރުމާއި، މާރާމާރީގެ މައްސަލަތަކެވެ.

އަންހެންކުދިންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ޖޭޖޭޔޫއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު ދަށްވަމުން އަންނަ ނަމަވެސް ހުށަހެޅޭ މައްސަލަތަކުގައި ކުދިންނާއި އާއިލާތަކަށް ދިމާވާ އިޖުތިމާއީ، އިގްތިސާދީ، ނަފްސާނީ އަދި ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ގިނަކަން ރިޕޯޓުގައިވެއެވެ.

އަދި 2018 ވަނަ އަހަރާ އަޅާބަލާއިރު އަލަށް ކުށްކޮށް ގެން ހުށަހެޅޭ ކުދިންގެ އަދަދު މަދު ނަމަވެސް 2019 ވަނަ އަހަރު ކުށް ތަކުރާރުކުރާ ކުދިންގެ އަދަދު އިތުރުވެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރު ޖޭޖޭޔޫއަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ދެ ޖިންސުގެ ކުދިންނަށް ބަލާއިރު 93 ޕަސެންޓު ކުދިންނަކީ ފިރިހެންކުދިނެވެ. ހަތް ޕަސެންޓު ކުދިންނަކީ އަންހެން ކުދިންނެވެ.

ޖޭޖޭޔޫގެ ރިޕޯޓުގައި ބުނެފައި ވަނީ ކުށްކުރާ އަންހެން ކުދިންގެ މައްސަލަތައް ނިސްބަތުން މަދުނަމަވެސް ފިރިހެން ކުދިންނާ އަޅާބަލާއިރު އަންހެން ކުދިންގެ ރައްކާތެރިކަމާ ގުޅުންހުރި ކަންބޮޑުވާ ތަފާތު މައްސަލަތަށް ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފިރިހެން ކުދިން ކުށްކުރާ ނިސްބަތް އިތުރުވެފައިވާ ކަމަށާއި އަދި އެންމެ ބޮޑެތި ކުށްތަކުގައިވެސް ޝާމިލުވެފައި ވަނީ ފިރިހެން ކުދިން ކަމަށް ރިޕޯޓުގައިވެއެވެ.

މިދިޔަ އަހަރު ޖޭޖޭޔޫއަށް ނިސްބަތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. އެގޮތުން އަންހެން ކުދިންގެ މައްސަލަތަކަށް ބަލާއިރު ގިނައީ 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. ފިރިހެން ކުދިންގެ އުމުރުފުރާއަށް ބަލާއިރު ގިނައީ 17 އަހަރުގެ ކުދިންގެ މައްސަލަތަކެވެ.

ދެހާސް ދިހަ ވަނަ އަހަރުން 2019 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރު، އުމުރުން 15 އަހަރުގެ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ އަދަދު އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި އެ އަދަދު 2015 އާއި 2016 ގައި ދެ ގުނައަށް އިތުރުވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް