ބެލަރޫސްގެ މުޒާހަރާތައް އިންތިޒާމު ކުރި ދެ މީހަކު ޖަލަށްލައިފި

ބެލަރޫސްއިން ވަނީ ސަރުކާރާ ދެކޮޅު މުޒާހަރާތައް އިންތިޒާމު ކުރި ދެ މީހަކު ހައްޔަރު ކޮށްފަ -- ފޮޓޯ: ގެޓީ

މިންސްކް (އޮގަސްޓު 26): ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކެއް އިންތިޒާމު ކުރި ދެ މީހަކު 10 ދުވަހަށް ޖަލަށްލައިފި އެވެ.

ބެލަރޫސް އިން މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރުމަށް ފަހު ޖަލަށްލީ އިދިކޮޅު ލީޑަރު ސްވެތުލާނާ ތިކަނޯސްކަޔާ އެކުލަވާލެއްވި ކޯ-އޯޑިނޭޝަނަލް ކައުންސިލްގައި ހިމެނޭ ދެ މެމްބަރުން ކަމަށްވާ އޮލްގާ ކޮވަލްކޮވާ އާއި ސާގީ ޑިލެވްސްކީ އެވެ. އެއީ އެގައުމުގެ ރިޔާސީ އިންތިހާބު އަލުން ބާއްވައި، ސުލްހަވެރިކަމާ އެކު ސަރުކާރު ބަދަލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެކުލަވާފައިވާ މަޖިލީހެކެވެ.

ކޮވަލްކޮވާ އާއި ޑިލެވްސްކީ ހައްޔަރު ކުރީ ދައުލަތުގެ ކާރުހާނާއެއް ކަމަށްވާ މިންސްކް ޓްރެކްޓާ ފެކްޓަރީގައި މަސައްކަތް ކުރާ މީހުންނާ އެކު ހޯމަ ދުވަހު ހަޅުތާލެއްގައި ބައިވެރިވަމުން ދަނިކޮށެވެ. އަދި އެ ދެ މީހުން 10 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށީ މިމަހުގެ ނުވައެއްގައި އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުންނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއަށް އެންމެ ގާތުން ވާދަ ކުރެއްވި ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އަދި އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.

ލިތުއޭނިއާގައި ހުންނެވި ތިކަނޯސްކަޔާ އެންމެ ފަހުން ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި ބެލަރޫސްއިން ދަނީ އިދިކޮޅު ފަރާތްތައް ގަވާއިދާ ހިލާފަށް ހިފަހައްޓާ، ޖަލަށްލައި އެމީހުންނަށް އަނިޔާ ކުރަމުންނެވެ. އަދި އެގައުމުގެ މުޒާހަރާތަކުގައި މިހާތަނަށް ހަ މީހަކު މަރުވެ އެތައް ބަޔަކަށް ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބެލަރޫސްގެ ސަރުކާރުން ބުނާ ގޮތުގައި މުޒާހަރާތަކުގައި މަރުވެފައި ވަނީ ތިން މީހެކެވެ.

ރައީސްކަން ކުރައްވާތާ 26 އަހަރުވެފައިވާ ލުކަޝެންކޯ ވަނީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ ތުހުމަތުތައް ދޮގު ކުރައްވައި، އެގައުމުގެ އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރަމުން ދަނީ ބޭރުގެ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯ-އޯޑިނޭޝަން ކައުންސިލުން މަސައްކަތް ކުރަނީ ވެރިކަން ވައްޓާލަން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް