އެއްވެސް ހާލަތެއްގައި ކުދިން ލައްވާ ނުކުރުވޭނެ މަސައްކަތްތައް ބަޔާންކޮށް ގަވާއިދު އެކުލަވާލައިފި

ފެބްރުއަރީ 24، 2020: ހިމަބިހި އަދި ރުބެއްލާއަށް ޑޯޒް ހަމަނުކުރާ ހުރިހާ ފަރާތްތަކަށް އަމާޒުކޮށްގެން "މަވެސް ޖަހައިފިން" ނަމުގައި ގައުމީ ފެންވަރުގެ ވެކްސިން ޖެހުމުގެ ކެމްޕެއިން ފެށުމަށުގެ ގޮތުން އަމީނިއްޔާ ސުކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްޖާގެ ރުހުމާއެކު، ތަމްރީނު ދިނުމުގެ ބޭނުމުގައިވިޔަސް ނުވަތަ އާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައިވިޔަސް، 18 އަހަރުން ދަށުގެ ކުދިން ލައްވާ ނުކުރުވޭނެ 17 ބާވަތެއްގެ މަސައްކަތެއް ބަޔާންކޮށް، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާންމު ގަވާއިދު އެކުލަވާލައިފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުގައި ބުނެފައި ވަނީ ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސިއްހަތަށް، ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތްތަކުން ރައްކައުތެރިކަން ލިބުމުގެ ހައްގު ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ކަމަށެވެ.

އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭ ގޮތުން ތަމްރީނު ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުވުމަށް ގެންގުޅުމަކީ މަނާކަމެކެވެ.

ގާނޫނު ހުއްދަކުރާ ހާލަތުގައި، އުމުރުން 16 އަހަރު ނުފުރޭ ކުއްޖަކު، އެ ކުއްޖެއްގެ ރުހުމާއެކު އާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ބައިވެރިވުން އެ އުސޫލުން އިސްތިސްނާވާނެއެވެ.

އެހެން ނަމަވެސް، އާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ކުއްޖާ ބައިވެރިކުރުން ހުއްދަވާނީ، އެ މަސައްކަތަކީ، ކުއްޖާއަށް ތައުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ސިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވައިފާނެ ފަދަ މަސައްކަތެއް ކަމުގައި ނުވާނަމަ އެވެ.

އެ މަގްސަދަށްޓަކައި، ކުޑަކުދިން ބައިވެރިކުރުވޭނީ، ކުއްޖާގެ ސިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް ގެއްލުމެއް ނުލިބޭނޭ އަދި ނުރައްކާތެރި ނުވާނެ ފަދަ، ކުއްޖާގެ ތައުލީމަށް ހުރަސްނޭޅޭނެ ނުވަތަ ކުއްޖާއަށް ތައުލީމު ހާސިލުކުރުމުގެ މަންފާއިން އެ ކުއްޖަކު މަހުރޫމް ނުކުރުވާ ފަދަ ލުއި މަސައްކަތްތަކުގައި އެކަނި ކަމަށް ގަވާއިދުގައި ބުނެއެވެ.

ތަމްރީނު ދިނުމުގެ ބޭނުމުގައިވިޔަސް ނުވަތަ އާއިލާއިން ކުރާ މަސައްކަތެއްގައި ކުދިން ބައިވެރިކުރުމުގެ ބޭނުމުގައިވިޔަސް، ވަކި ބާވަތްތަކުގެ މަސައްކަތުގައި ކުދިން ބައިވެރިކުރުމަކީ މަނާކަމެއް ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތައް:

1. ކުއްޖާގެ ސިއްހަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް ގެއްލުމެއް ނުވަތަ ނުރައްކާތެރި މަސައްކަތްތައް.

2. ކޮންސްޓްރަކްޝަންގެ މަސައްކަތްތައް.

3. ނުރައްކާތެރި ކެމިކަލްތަކާއި ގޮވާތަކެތި އުފުލުމާއި، އެ ތަކެތި ރައްކާކުރުމާއި، ހިފައި ގެންގުޅުމާއި، އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްތައް؛

4. ގަރާޖާއި، ވޯކްޝޮޕާއި، ކާޕެންޓްރީއާއި، ވެއާހައުސްތަކުގައި ކުރާ އަމަލީ މަސައްކަތްތައް.

5. ތެލާއި ޕެޓްރޯލު ފޯރުވައިދިނުމުގެ އަމަލީ މަސައްކަތްތައް.

6. ސިމެންތިއާއި، ކައްކަން ބޭނުންކުރާ ގޭހާއި، އެނޫންވެސް ބާވަތެއްގެ ގޭހާއި ބިއްލޫރި އުފެއްދުމާއި، އަމަލީގޮތުން އެ ތަކެތި ފޯރުވައިދިނުމުގެ މަސައްކަތްތައް.

7. ރެސްޓޯރަންޓުތަކުގެ ނުވަތަ ކެފޭތަކުގެ ބަދިގޭގައި ކުރާ އަމަލީ މަސައްކަތްތައް.

8. އެއާކޮންޑިޝަން މަރާމާތުކުރުމާއި، ސާވިސްކުރުމާއި، ހަރުކުރުމާއި، ބެހެއްޓުމާއި، ހިފައި ގެންގުޅުމުގެ މަސައްކަތްތައް.

9. ދަތުރުފަތުރު ކުރުމުގެ ހިދުމަތެއް އަމަލީގޮތުން ކޮށްދިނުމުގެ މަސައްކަތްތައް.

10. މެކަނައިޒްޑްކޮށް ކުރެވޭ މަސްވެރިކަމުގެ މަސައްކަތްތައް.

11. ކުނި މެނޭޖްކުރުމާއި، ކުނި ނައްތައިލުމުގެ އަމަލީ މަސައްކަތްތައް.

12. ސިނގިރޭޓް ފަދަ އެއްވެސް ބާވަތެއްގެ ޓޮބޭކޯގެ މާއްދާ ހިމެނޭ ތަކެތި ވިއްކުމުގެ އަމަލީ މަސައްކަތްތައް.

13. ރާއްޖޭގެ ހިންގާ ބަނދަރެއްގައި ކުރާ ހުރިހާ ބާވަތްތަކެއްގެ މަސައްކަތްތައް.

14. އެއްވެސް ބާވަތެއްގެ ކާނާއެއްގެ ފުޑް ޕްރޮސެސިންގ މަރުހަލާތަކުގައި ހިމެނޭ މަސައްކަތްތައް.

15. ދަނޑުވެރިކަމުގެ މަސައްކަތުގައި ދަނޑުގޮވާން ކުރުމަށް ގިނަ ވަގުތު އަމަލީގޮތުން މަސައްކަތް ކުރަންޖެހޭ ފަދަ މަސައްކަތްތައް.

16. އެއްވެސް ބާވަތެއްގެ ދިރޭއެއްޗެއް ގެންގުޅެ، އެ ތަކެތި އާލާކުރުމުގެ މަސައްކަތް ކުރާ ތަނެއްގައި، އެފަދަ ދިރޭ އެއްޗެއްގެ ބެލެހެއްޓުމާ ގުޅޭ މަސައްކަތްތައް.

17. ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ އެކި ބާވަތުގެ އެކޮމޮޑޭޝަން ބެލެހެއްޓުމާއި، ކޭޓާ ކުރުމާއި، ފުޑް އެންޑް ބެވެރޭޖާ ގުޅޭ މަސައްކަތްތަކާއި، އެކްސްކާޝަންތަކާއި، ރިކްރިއޭޝަނަލް ކަންކަމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ޓުއާ އޮޕަރޭޓްކުރުމާއި، ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި، ސުވެނިއާ ވިއްކުމާބެހޭ މަސައްކަތްތައް.

ކުދިން ލައްވައި ކުރުވުން މަނާ މަސައްކަތްތައް ކުއްޖަކު ލައްވައި ކުރުވާ ފަރާތެއްގެ މައްޗަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށާއި އަދިއެ ކަންކަމަކީ، އުމުރުން 18 އަހަރު ފުރިހަމަނުވާ ކޮންމެ ކުއްޖެއްގެ މައްޗަށް ހިނގާނެ ކަންކަން ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.

ޖިނާއީ އަމަލެއް ކުޑަކުއްޖަކާ ދެކޮޅަށް ކޮށްފައިވާކަމަށް ބެލެވޭނަމަ، އެފަދަ މައްސަލައެއްގެ މައުލޫމާތު ލިބޭތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖިނާއީ ގޮތުން އެ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި ޖެންޑާގެ ފަރާތުން ފުލުހުންނަށް ހުށަހަޅަން ޖެހޭނެއެވެ.

ކުއްޖެއްގެ އުފަންވުން، ގާނޫނުގައިވާ ގޮތުގެ މަތިން އެ ކުއްޖާގެ މައިންބަފައިން ރަޖިސްޓަރީ ނުކޮށްފިނަމަ، އެ ކުއްޖާއާމެދު އިހުމާލުވީ ކަމުގައި ބަލައި، އެ ކުއްޖެއްގެ މައިންބަފައިންގެ މައްސަލަ، ފުލުހުންނަށް ހުށަހަޅަން ޖެހޭނެއެވެ.

ޖިނާއީ އަމަލަކަށް ނުވާ ގޮތަށް ކުޑަކުދިންނާމެދު އިހުމާލުވާ މައިންބަފައިންނާއި ބެލެނިވެރިންގެ މައްޗަށް އިދާރީ ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

އިދާރީ ފިޔަވަޅުގެ ގޮތުގައި ނަސޭހަތްދިނުމާއި، ޕޭރަންޓިންގ ޕްރޮގްރާމެއްގައި ބައިވެރިކުރުވައި، އެ ޕްރޮގްރާމް ފުރިހަމަކުރުވުމާއި، އެ ފަރާތަކުން ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު 2000 ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެއެވެ.

ގަވާއިދުގައި ބުނާގޮތުން ކުޑަކުދިންނަށް ދޭ އެއްވެސް ހިދުމަތެއް ޕްރައިވެޓައިޒް ކުރާނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

ޕްރައިވެޓައިޒް ކުރާ ހިދުމަތެއް މިނިސްޓަރު ކަނޑައަޅާ އުސޫލެއްގެ މަތިން މޮނިޓާކުރަމުން ގެންދިއުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޒިންމާއެކެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ގެޒެޓުގައި ގަވާއިދު ޝާއިއުކުރާތާ ތިން މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް