ދިވެހިރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ރާއްޖޭގެ ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މިއަދު ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ، އިޖްތިމާއީ، އަދި އިގްތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށެވެ.
އަދި 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް އެގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުުުލްޖުމްހޫރިއްޔާ އަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.
ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާ ސަބަބެއްކަމަށް ޖާބިރު ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ރާއްޖޭގެ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިކަމަށާއި، އެ ވޯޓުގައި ރައްޔިތުންގެ އަގުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިހާބެއްކަމަށް ކަނޑައެޅިނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް މުތުލަގުގޮތެއްގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.
ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށް އަދި ރާއްޖޭގެ ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގެ ވެރިކަން ހިންގަމުންދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށް ޖާބިރު ހުށަހެެޅުއްވި އިސްލާހުގައި ބުނެފައިވެއެވެ.
މީގެެ އިތުރުން ވެރިކަމުގެ ނިޒާމު ބަދަލުވިޔަސް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި އޭރުންވެސް ރައީސުލްޖުމްހޫރިއްޔާ އަކާއި ރައްޔިތުންގެ މަޖިލީހެއް ރައްޔިތުން އިންތިހާބު ކުރަން ޖެހޭނެކަމަށް ޖާބިރުގެ އިސްލާހުގައި ވަނީ ވިދާޅުވެފައެވެ.
އަދި މި އިސްލާހު ގާނޫނު އަސާސީއަށް ގެނައުމަކީ ގާނޫނު އަސާސީ އާ ތައާރުޒުވާނެ ކަމެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެ އިސްލާހު ހުށަހަޅުއްވަމުން ޖާބިރު އިތުރަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ސަރުކާރު ހިންގާ އިންމެ އިސްފަރާތްކަމަށްވާ، ބޮޑުވަޒީރާއި ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ޕާޓީ އާއި އެކުގައި އެކުލަވާލެވޭ ވެރިކަމުގެ ނިޒާމަކަށްވާތީ، މިއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ވެރިކަން ހިންގަމުންދާ ނިޒާމެއް ކަމަށެވެ.
އަދި މިއި ރައްޔިތުންނަށްއެންމެ ރަނގަޅު ވެރިކަމުގެ ނިޒާމު ކަމަށް ފާހަގަކުރެވޭތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ކަނޑައަޅައި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ޖާބިރު ވަނީ ހުށަހަޅުއްވައިފައެވެ.
ޖާބިރު މިފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވެސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައި ވަނީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށެވެ.