އުތުރު ކޮރެއާގެ ލީޑަރު އޮންނެވީ ކޯމާއެއްގައި: ދެކުނުގެ ކުރީގެ ޑިޕްލޮމެޓެއް

ކިމް ޖޮންގް އުން އޮންނެވީ ކޯމާއެއްގައި ކަމަށާއި ދެން ވެރިކަމުގެ ޒިންމާތަކާ ހަވާލުވާނީ ކޮއްކޯފުޅު ކަމަށް ދެކުނުގެ ކުރީގެ ޑިޕްލޮމެޓަކު ވިދާޅުވި --- ފޮޓޯ: އޭޕީ

ސޯލް (އޮގަސްޓު 24): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މިހާރު އޮންނެވީ ކޯމާއެއްގައި ކަމަށާއި ދެން ވެރިކަމުގެ ޒިންމާތަކާ ހަވާލުވާނީ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް ކަމަށް ދެކުނު ކޮރެއާގެ ކުރީގެ ޑިޕްލޮމެޓަކު ވިދާޅުވެއްޖެ އެވެ.

އެފަދައިން ވިދާޅުވީ، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ކިމް ޑެ ޖަންގެ ވެރިކަމުގައި ޕޮލިޓިކަލް އެފެއާޒް ސެކްރެޓަރީ ކަން ކުރައްވާ އެގައުމުގެ ސްޓޭޓް އެފެއާޒް މޮނިޓަރިން އޮފީހުގައި ކުރިން އިސްކޮށް ހުންނެވި ޗަންގް ސޮންގް-މިން އެވެ. އޭނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާގެ ލީޑަރެއްގެ ސިއްހީ ހާލަތު ވެރިކަން ނުކުރެވޭ ވަރަށް ގޯސް ނުވާ ނަމަ ނޫނީ ބަޣާވާތެއް ނުކުރާ ނަމަ އެ ލީޑަރަކު ވެރިކަމުގެ ބާރުތައް ދޫކޮށް ނުލައްވާނެ އެވެ.

"އަޅުގަނޑަށް ބެލެވޭ ގޮތުގައި ކިމް ޖޮންގް އުން އޮންނެވީ ކޯމާއެއްގައި. ނަމަވެސް އޭނާ އަދި އަވާހަރައެއް ނުވޭ. ކިމްއަށް ފަހު ވެރިކަމަށް ގެންނާނެ ބަދަލުތަކާ ބެހޭ ގޮތުން އަދި ފުރިހަމަ އޮނިގަނޑެއް އެކުލަވާލާފައި ނުވޭ، އެހެންކަމުން [ވެރިކަމުގެ] ހުސްކަން ދިގު މުއްދަތަކަށް ނޯންނާނެ ގޮތެއް ހެދުމަށް ކިމް ޔޯ ޖޮންގް ނެރެނީ،" ޗަންގް ވިދާޅުވި ކަމަށް ކޮރެއަން ހެރަލްޑުގައިވެ އެވެ.

ޗަންގް ވިދާޅުވި ގޮތުގައި ކިމް ކޯމާއެއްގައި އޮންނެވި މައުލޫމާތު އޭނާއަށް ލިބުނީ ޗައިނާގެ އޮފިޝަލެއްގެ ފަރާތުންނެވެ.

މިދިޔަ ހަފްތާގައި ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ވަނީ އުތުރު ކޮރެއާގައި މިހާރު ދެވަނައަށް އެންމެ އިސް މީހަކީ ކިމް ޔޯ ޖޮންގް ކަމަށް ބުނެފަ އެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ ސީދާ ކިމްގެ އިރުޝާދުގެ ދަށުން ކަމަށް ބުނެފަ އެވެ.

މިއަހަރުގެ މެދުތެރޭގައި ކިމް ނުފެނި ގިނަ ދުވަސްތަކެއް ވުމުންވެސް އޭނާގެ ހާލުކޮޅު ގޯސްވި ކަމަށް ބުނާ ރިޕޯޓުތަކެއް ފެންމަތިވި އެވެ. ނަމަވެސް ކިމް ނުފެންނަތާ 20 ދުވަސް ފަހުން، މެއި މަހުގެ އެކެއްގައި އުތުރު ކޮރެއާގައި ބޭއްވި ހަފްލާއެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި އެވެ.

comment ކޮމެންޓް