ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަކީ ވިސްނުމެއް، އަދި ގޮތެއް ނުނިމޭ: މަހްލޫފް

އުނގޫފާރު ފުޓްބޯޅަދަނޑު ސްޕޯޓްސް ކޯޕަރޭޝަނާއި އުނގޫފާރު ކައުންސިލް ގުޅިގެން ތަރައްގީކުރަން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޕޯޓްސް ކޯޕަރޭޝަން

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ކެބިނެޓްގެ ބައްދަލުވުމުން ނިންމާފައިވާކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރިން ވިދާޅުވި ނަމަވެސް އެގޮތަށް މުޅިއަކުން އަދި ނުނިންމާ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްގީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.

އެކަމަކު ކުންފުނިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރަމުންދާތާ ދުވަސްތަކެއްވެ އެ ކުންފުނީގެ ބޭނުމާ މެދު ސުވާލު އުފެދިފައި އޮތުމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މިދިޔަ މަހު އެ މައްސަލަ އޮޅުން ފިލުވުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީއަށް ހާޒިރު ކޮށްފަ އެވެ.

https://sun.mv/139732

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށެވެ. އަދި ކުންފުނި އުވާލަން މިހާރު ސަރުކާރުގެ ކެބިނެޓުން ވެސް ނިންމާފައިވާ ކަމަށާއި، ކުންފުންޏަށް މިހާތަނަށް ލިބުނު ހަމައެކަނި ފައިދާއެއް ލިބުނު ޕްރޮޖެކްޓަކީ މިނިސްޓްރީން އެކުންފުންޏަށް ދިން ޕްރޮޖެކްޓްތައް އެކަނި ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އެދުވަހު ދެއްކެވި ވާހަކަތަކަކީ ތަޖުރިބާއަށް ބަލާފައި ދެއްކި ވާހަކަތަކެއް ކަމަށާއި އެ ކުންފުނި އުވާލަން މުޅިއަކުން އަދި ނުނިންމާ ކަމަށް މަހްލޫފް މިއަދު މަޖިލީހަށް ޖަވާބުދާރީވުމަށް ހާޒިރު ކުރުމުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް އެދުވަހު ހިއްސާ ކުރީ، އަދި އެހެންމެ ސްޕޯޓްސް ކައުންސިލުގެ ވިސްނުމަކީ ވެސް އެއީ. ދެން ތަޖުރިބާއަށް ބަލާފައި އަޅުގަނޑުމެން ދެއްކި ވާހަކައެއް އެއީ. މިކަމާ ގުޅިގެން އަޅުގަނޑުމެން ވާނީ ރައީސް އޮފީހުގެ ލަފަޔަކަށް އެދިފައި،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ، އެ މައްސަލައިގައި ހަރުކޮށް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ ނަމުގައި ސްޓޭންޑެއް ނަގާފައި ނުވާނެ ކަމަށާއި، އެހެން ނަމަވެސް އަމިއްލަ ތަޖުރިބާގައި ދެކޭ ގޮތުކީ އެ ކުންފުނި އުވާލުން ކަމަށެވެ.

"އެއްވެސް ކަހަލަ ޒާތީ ކަމެއް، ނޫނިއްޔާ އުވާލަން ޖެހޭ ކަމަށް ބުނެ އެކަމާ ފައި ވިއްދާފައެއް ނޫން އަޅުގަނޑުމެން މިތިބީ،" މަހުލޫފް ވިދާޅުވި އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

comment ކޮމެންޓް