އެފްއޭއެމްގެ އިންތިހާބުގައި އެއްވެސް މައްސަލައެއް ނެތް، ބަލައިގަންނަން: މަހްލޫފް

މަޖިލީހުގައި ޖަވާބުދާރީ ވުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ހާޒިރު ކުރުމުގެ ތެރެއިން --- ފޮޓޯ/ މަޖިލީސް މީޑިއާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރު ބޭއްވި އިންތިހާބުގައި އެއްވެސް މައްސަލައެއް އުޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުން އެ އެސޯސިއޭޝަނުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ އެ އިދާރާއަށް ފިޔަވަޅު އަޅައިދޭން މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލަމުން އަންނާތީ އެ ކޮމިޓީން ފޮނުވި ސިޓީއެއްގައި ބުނާގޮތަށް ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ގޮތަށް އެކަން އޮއްވައި އޭއެފްސީ އާއި ފީފާގެ އެންގުމަށް އެފްއޭއެމުން ވަނީ އިންތިހާބު ބާއްވައި މިހާރުގެ ރައީސް، ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފަ އެވެ.

ވަޒީރުން މަޖިލީހަށް ހާޒިރު ކުރާ އުސޫލުގެ ތެރެއިން، ދެވަނަ ފަހަރަކަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު މަޖިލީހަށް ހާޒިރު ކޮށްފައިވާ އިރު ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެފްއޭއެމްގެ އިންތިހާބު މިނިސްޓްރީން ބަލައިގެންފައިވޭތޯ ބެލުމަށް ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި، އެ އިންތިހާބުގައި ނުރަނގަޅު ކަމެއް ހިނގާފައިވާކަމަށް އަމިއްލަފުޅަށް ވެސް ގަބޫލު ނުކުރައްވާ ކަމަށާއި، ކަމާ ބެހޭ ފަރާތްތަކުން ވެސް އެކަމުގެ ޝަކުވާއެއް ނެތް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

"އޭއެފްސީއާއި، ފީފާއިން ވެސް މި އިންތިހާބު އޮބްޒާވް ކޮށްފައި މީގައި މައްސަލައެއް ނެތް ކަމަށް ވަރަށް ސާފުކޮށް ބަޔާން ކޮށްފައި އެބައޮތް. ކޮމިޝަނާ އޮފް ސްޕޯޓްސްއިން ވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެޔަކު [އިންތިހާބުގައި] މައްސަލައެއް ނެތް. އެހެންވީމަ އަޅުގަނޑުމެންގެ މިނިސްޓްރީން ވެސް، އަދި އަޅުގަނޑު ޕާސަނަލީ ވެސް ގަބޫލެއް ނުކުރަން އެފްއޭއެމް އިންތިހާބުގައި އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނުން އަދި ރަސްމީކޮށް އެ އިންތިހާބު ބަލައިގެންފައިވާ ކަމަށް މިނިސްޓްރީއަށް ސިޓީއެއް ހުށައަޅާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް އެ އިދާރާއިން އެކަމުގައި ޖަވާބެއް ދެއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އެފްއޭއެމްގެ އިންތިހާބަށް ގޮވާލުމުން އެއްވެސް މީހަކު ކުރިމަތިނުލައި އެ އިންތިހާބް ހުއްޓުވުމަށް މިނިސްޓަރުގެ އަރިއުހުގައި މަޖިލީހުން އެދުމަކީ ކަމުދާ ކަމެއް ނޫން ކަން މަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ ރާއްޖޭގެ ފުޓްބޯޅަ ފީފާއިން ސަސްޕެންޑް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް މިނިސްޓަރާ ހިޔާލު ތަފާތުވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ ކަމާ ބެހޭ ހުރިހާ އިދާރާތަކުންނާއި އިންތިހާބުގައި ބައިވެރިވި ހުރިހާ ކުލަބުތަކަކުން އެކަމުގެ ޝަކުވާއެއް ނެތް ހިނދަކު އެ އިންތިހާބު ހިނގީ ނުރަނގަޅަށް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ.

comment ކޮމެންޓް